ދުނިޔެ
ނިއުކްލިއަރ ފެސިލިޓީތަކަށް ދެވޭ ހަމަލާތައް ހުއްޓުވުމަށް އީރާނުން ރަޝިޔާ އަދި ޗައިނާއާއެކު ގަރާރެއް ހުށަހަޅައިފި

އިސްމާއިލް ބަގާއީ
އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުގައިވާ ނިއުކްލިއަރ ފެސިލިޓީތަކަށް ދެވޭ ހަމަލާތަކާއި ހަމަލާ ދިނުމުގެ އިންޒާރުތައް މަނާކުރުމަށް ގޮވާލާ ގަރާރެއް އީރާނުން ރަޝިޔާ، ޗައިނާ، ވެނެޒުއެލާ، ނިކަރާގުއާ އަދި ބެލަރޫސްއާ ގުޅިގެން ހުށަހަޅައިފިއެވެ.
އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ މިއަދު އެކްސް ޕްލެޓްފޯމްގައި ހިއްސާކުރި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މި ގަރާރު ހުށަހެޅުމުގެ މަޤްޞަދަކީ ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ ރައްކާތެރިކުރުމެވެ. އަދި ހުރިހާ ގައުމުތަކަށްވެސް ސުލްޙަވެރި މަޤްޞަދުތަކަށް ނިއުކްލިއަރ ހަކަތަ ތަރައްޤީކުރުމުގެ ނުގެއްލޭނެ ހައްޤެއް ލިބިގެންވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ގަރާރުގައި، ސުލްޙަވެރި ބޭނުންތަކަށް ޤާއިމުކޮށްފައިވާ ނިއުކްލިއަރ ފެސިލިޓީތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކާއި އިންޒާރުތަކުން ރައްކާތެރިކަން ހޯދުމުގެ ހައްޤު ކަށަވަރުކޮށްދީ، މިފަދަ ހަމަލާތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ.
ފާއިތުވި ޖޫން މަހު، އިސްރާއިލުން ވަނީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި ޢަސްކަރީ އަދި މަދަނީ ތަންތަނަށް ހަމަލާދީ، އިސް ޢަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްލާފައެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ އިސްރާއިލްގެއެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ޔޫރަޕިއަން ޓްރޮއިކާ (ފްރާންސް، ބްރިޓެން އަދި ޖަރުމަނު) އިން ވަނީ އެ ގައުމާ ދެކޮޅަށް ދެވޭ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމާ ގުޅިގެން އީރާނުން ވަނީ އެފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާއިން ވަކިވެދާނެކަމުގެ އިންޒާރުދީފައެވެ.