ދުނިޔެ

ޣައްޒާގައި ތިބި އިސްރާއިލްގެ އަސީރުންގެ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ: ޙަމާސް

ޣައްޒާގައި ތިބި އިސްރާއިލްގެ އަސީރުންގެ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ: ޙަމާސް

ޙަމާސްގެ އަލް ޤައްސާމްގެ ހަނގުރާމަވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2025، 10:46

16 ސެޕްޓެމްބަރު 2025، 10:46

ޣައްޒާގައި ހިފެހެއްޓިފައިވާ އިސްރާއީލުގެ އަސީރުންގެ ކަންތައް ގޮސްފައިވާ ގޮތުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ހަމާސްއިން ބުނެފިއެވެ.

އަދި ޣައްޒާގެ ރައްޔިތުން ޝަހީދުކުރުމާއި، އިމާރާތްތަކަށް ބޮން އަޅައި ހަލާކުކުރުމުގެ ސިޔާސަތުން އެ އަސީރުން މިނިވަން ނުކުރެވޭނެ ކަމަށްވެސް ޙަމާސްއިން ވަނީ ބުނެފައެވެ.

ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޣައްޒާގެ މައްޗަށް އިސްރާއީލުން ދަނީ ހަނގުރާމައިގެ ޢަމަލުތަައް އިތުުރުކުރަމުންކަމަށެވެ. އަދި މީހުން އުޅޭ ސަރަޙައްދުތަކަށް ޤަވާއިދުން ބޮންއަޅާ އިމާރާތްތައް ހަލާކުކޮށް، އާންމު ރައްޔިތުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރުން މަޖުބޫރުކުރުވަމުން ދިޔަ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާއި ޙަމާސްގެ ހަނގުރާމަވެރިން އެ މީހުންގެ ބިމާއި ހައްޤުތައް ދިފާއުކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.

ޙަމާސްއިން ބުނެފައިވާ ގޮތުގައި ނަތަންޔާހޫއަކީ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރަންޖެހިފައިވާ ހަނގުރާމައިގެ ކުށްވެރިއެކެވެ. އަދި އޭނާ ދަނީ މީހުން ޝަހީދުކޮށް ތަންތަން އެއްވެސް ހައްޤަކާނުލައި ހަލާކުކުރަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސާ، އަނިޔާކޮށްގެން ބޯލަނބުވާލެވޭނެކަމަށް އިސްރާއީލުން ދެކޭ ދެކުން ވޭތުވެދިޔަ ދެ އަހަރުގެ ހަނގުރާމައިގައި ވަނީ ނާކާމިޔާބުވެފައި ކަމަށްވެސް ޙަމާސްއިން ބުނެފައިވެއެވެ.

ޣައްޒާގެ ޞިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިއްޔެ ހެނދުނުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 50 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން 25 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ. އިސްރާއީލުން ދަނީ ޣައްޒާގެ އެކިސަރަހައްދުތަކަށް ވައިގެ މަގުންނާއި ބޮޑުބަޑިން ހަމަލާދެމުންނެވެ.

އެމެރިކާގެ އެހީތެރިކަމާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ހިންގަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 64,905 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 164,926 މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ ގިނަ އަދަދެއް އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން ބަނޑުހައިހޫނުކަމުގެ ސަބަބުން 425 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 145 ކުޑަކުދިން ހިމެނެއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން