ދުނިޔެ
ޔަމަނުގައި ކާބޯތަކެތީގެ ތަދުމަޑުކަން އިތުުރުވަމުންދާކަމަށް އދ.އިން އިންޒާރުދީފި

ޔަމަނުގެ ކުޑަކުއްޖެއް ޑޮކްޓަރަކާ އެކު
ޔަމަނުގައި ކާބޯތަކެތީގެ ތަދުމަޑުކަން އިތުރުވަމުންދާ ކަމަށް އދ.އިން އިންޒާރުދީފިއެވެ.
އދ. ގެ އިންސާނީ އެހީގެ ކަންކަމާ ހަވާލުވެ ހުންނަވާ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ޓޮމް ފްލެޗަރ ވިދާޅުވެފައިވަނީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއި، އިޤްތިސާދީ ހާލަތު ދަށަށް ދިއުމާއި، ހަނގުރާމައިގެ ހާލަތު ދެމިގެން ދިއުމުގެ ސަބަބުން ޔަމަނަކީ ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އެންމެ ދަށް ތިން ޤައުމުގެ ތެރެއިން އެއް ޤައުމަށް ވެގެން ހިނގައިދާނެ ކަމަށެވެ.
ސެކިއުރިޓީ ކައުންސިލަށް ޔަމަނުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ފްލެޗަރ ވިދާޅުވީ، މިހާރުވެސް ކާބޯތަކެތީގެ ތަދުމަޑުކަން ތަހައްމަލު ކުރަމުންދާ 17 މިލިއަން ޔަމަނީންގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އިތުރު އެއް މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ. އަދި ޔަމަނުގެ މުސްތަޤުބަލު ކަނޑައެޅުމުގައި މިފަދަ ބޮޑު ބަނޑުހައިހޫނުކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ފްލެޗަރ ވިދާޅުވި ގޮތުގައި ޔަމަނުގެ ކޮންމެ ފަސް ޢާއިލާއަކުން އެއް ޢާއިލާއެއްގައި މީހަކު ދުވާލަކު އެއް ފަހަރު ވެސް ކާއެއްޗެއް ނުލިބި ހުންނަން ޖެހެއެވެ. ފަންޑިންގ މަދުވުމާއި މަސައްކަތު މާހައުލުގެ ދަތިތަކާ އެކުވެސް އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އދ. ގެ މުވައްޒަފުން ހައްޔަރުކުރުމަކީ ވަރަށް ކަންބޮޑުވާ އަދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ފްލެޗަރ ވިދާޅުވިއެވެ. "އދ. ގެ މުވައްޒަފުން ހައްޔަރުކުރުމަކީ ޔަމަނުގެ ރައްޔިތުންނަށް ފައިދާހުރި ކަމެއް ނޫން. އެއީ ބަނޑުހައިވެފައި ތިބި މީހުންނަށް ކާން ނުދެވޭނެ، ބަލިމީހުންނަށް ފަރުވާ ނުދެވޭނެ އަދި ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރި ނުކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ހައްޔަރުކޮށްފައިވާ އެންމެހާ މުވައްޒަފުން ވަގުތުން ދޫކޮށްލުމަށާއި، ސެކިއުރިޓީ ބާރުތަކުން ހިފާފައިވާ އދ. ގެ އޮފީސްތައް އަނބުރާ ރައްދުކުރުމަށް ފްލެޗަރ ގޮވާލެއްވިއެވެ. އަދި އިންސާނީ އެހީގެ މަސައްކަތްތައް އަލުން ފެށޭނެ ގޮތް ހެދުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކުރުމަށް އދ. އިން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އޭނާ ގޮވާލެއްވިއެވެ.