ކުޅިވަރު / ޚަބަރު
އޭދަފުށި ކަޕްގެ ފައިނަލު މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
15 ސެޕްޓެމްބަރު 2025، 10:25
15 ސެޕްޓެމްބަރު 2025، 10:25
އޭދަފުށި ކަޕްގެ ފައިނަލު މެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މެޗުގައި ބައްދަލުކޮށްފައި ވަނީ އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް ކުލަބެވެ. އަދި 2-1އިން އިރުމަތި އެފްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެލާ ސްޕޯޓްސް ކުލަބެވެ.
ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
އޭދަފުށި ކައުންސިލުން އިންތިޒާމުކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރރަޕް ޓީމަށް ދިނީ 50 ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އޭދަފުށި ކަޕްގައި ޖުމްލަ 5 ޓީމެއް ވާދަކުރިއެވެ. އެއީ އިރުމަތި އެފްސީ، ޓީމް މިޑްލް އީސްޓް، ވެލާ ސްޕޯޓްސް ކުލަބު، ހުސް ސޮންގުން އަދި ސީސީ ސްޕޯޓްސް ކުލަބެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާ ސްޕޯޓްސް ކުލަބުގެ ގޯލު ކީޕަރު މިފްދާދް އަހުމަދެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރުގެ މަގާމުވެސް ހޯދާފައެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އިރުމަތި އެފްސޯގެ އިމްތިޝާލް ޢަބްދުއްރަޙީމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ޢަބުދުالله ޖައުޝާން އަޙުމަދެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވުނީ ވެލާ ސްފޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލާގެ ކޯޗު މުޙައްމަދު އިޙްސާން ސަޢީދެވެ.