ދުނިޔެ

ވިލާތުގެ ބާރުތަކުގެ ވޯޓާ އެކު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ތާޢީދުކުރަން ނިންމައިފި

ވިލާތުގެ ބާރުތަކުގެ ވޯޓާ އެކު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ތާޢީދުކުރަން ނިންމައިފި

އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 09:34

12 ސެޕްޓެމްބަރު 2025، 09:34

އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުން ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ތާޢީދުކުރަން ނިންމައިފިއެވެ.

 މި ޤަރާރަށް ތާޢީދުކޮށް އދގެ މެންބަރު 142 ޤައުމުން ވޯޓު ދީފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ޖަރުމަންވިލާތް ފަދަ ވިލާތުގެ ބާރުތައް ހިމެނެއެވެ.

މި ޤަރާރަށް ދެކޮޅަށް ވޯޓު ދީފައިވަނީ 10 ޤައުމުންނެވެ. އޭގެ ތެރޭގައި ޔަހޫދީ ދައުލަތާއި އެމެރިކާ ހިމެނެއެވެ. އަދި 12 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދީ މެދުމިނުގައި ތިބުމަށް ނިންމައިފައެވެ.

ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއިން ހުށަހެޅި މި ޤަރާރުގައި މައިގަނޑު ގޮތެއްގައި ހުށަހަޅައިފައިވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބައިވެރިވުމެއް ނެތި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ. 

އަދި ޙަމާސްއިން ބާރު ދޫކޮށްލައި، ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޠީނިއަން އޮތޯރިޓީއަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ހުށަހަޅައިފައިވެއެވެ.

ޢަރަބި ލީގުން މި ޤަރާރަށް ކުރިން ތާއީދުކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އދގެ މެންބަރު 17 ޤައުމަކުން މި ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 22 ގައި ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ އދގެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ.

 މީގެ އިތުރުން މޮލްޓާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން