ދުނިޔެ
ޤަޠަރުގައި ތިބި އިސްވެރިންނަށް ދިން ހަމަލާގެ ޖަވާބުގައި އިސްރާއިލަށް ހަމަލާދޭނަށް: ޙަމާސް

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާ
ޞުލްޙައިގެ ވާހަކަތަކަށް ޤަޠަރަށް ގޮސްތިބި އިސްވެރިނަށް ދިން ހަމަލާގެ ޖަވާބުގައި އިސްރާއިލަށް ހަމަލާދޭނެ ކަމަށް ޙަމާސްއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު އަލްޖަޒީރާއިން ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމާސްގެ ސްޕޯކްސްޕަރސަން ފައުޒީ ބަރްހޫމް ވިދާޅުވީ، "އިސްރާއީލުގެ ހަމަލާއެއް އަޅުގަނޑުމެންގެ ލީޑަރުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެންގެ އަޒުމަށް ބަދަލެއް ނުގެނެވޭނެ. މި ހަމަލާ އަމާޒުކުރީ ހަމައެކަނި މަޝްވަރާކުރާ ވަފުދަށް ނޫން، މުޅި މަޝްވަރާގެ މަސައްކަތަށް" ކަމަށެވެ.
މި ހަމަލާގައި ހަމާސްގެ 5 މެންބަރުން ޝަހީދުވެފައިވާކަމަށް ރިޕޯޓުކުރެވެއެވެ. މީގެ ތެރޭގައި ޙަމާސްގެ އިސް ތަރުޖަމާނު، ޚަލީލް އަލް-ހައްޔާގެ ދަރިކަލުންވެސް ހިމެނެއެވެ. މީގެ އިތުރުން ޤަތަރުގެ ސެކިއުރިޓީ އޮފިޝަލެއްވެސް މި ހަމަލާގައި ޝަހީދުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޤަތަރަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރުދީފައެވެ.
އޭނާ ބުނީ "ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ހުރިހާ ޤައުމުތަކަށް އަޅުގަނޑު ދަންނަވަން، އެމީހުން ނެރެލާށޭ ނުވަތަ އިންސާފުގެ ކުރިމައްޗަށް ގެންނާށޭ. އެހެންނޫނީ އަޅުގަނޑުމެން އެކަން ކުރާނަމޭ" އެވެ.
ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވަނީ އިސްރާއީލުގެ މި ހަމަލާއަކީ "ޓެރަރިޒަމް" ގެ ޢަމަލެއްކަމަށް ވިދާޅުވެފައެވެ. އަދި މި ހަމަލާއަށް ސަރަޙައްދުން ޖަވާބުދާރީވާނެކަމަށާއި، މުޅި ޚަލީޖު ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަމަށް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.