ދުނިޔެ
ނޭޕާލްގެ ވަގުތީ ވެރިއަކު ހޮވުމަށް އަސްކަރިއްޔާއިން މުޒާހަރާގެ ލީޑަރުންނާއި މަޝްވަރާ ކުރަނީ

ނޭޕާލުގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން
ނޭޕާލްގެ ވަގުތީ ވެރިއަކު ހޮވުމަށް އަސްކަރިއްޔާއިން މުޒާހަރާގައި އިސްކޮށްތިބި ލީޑަރުންނާއި މަޝްވަރާކުރާތައް ކުރިއަށްގެންދާކަމަށް އެ ޤައުމުގެ އިސް ފަރާތަކުން ބުނެފިއެވެ.
ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީގެ ވެރިކަން ވެއްޓިފައިވަނީ އެ ޤައުމުގައި ކުރިޔަށްދިޔަ ވަރުގަދަ ބޮޑެތި މުޒާހަރާތަކެއްގެ ސަބަބުންނެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން ފެށުނު މުޒާހަރާތައް ހޫނުވެ ކޮންޓްރޯލް ގެއްލި، މުޒާހަރާ ކުރި މީހުން ކޮންޓްރޯލް ކުރުމަށް ބަޑި ޖެހުމުގެ ސަބަބުން 19 މީހުން މަރުވެފައިވެއެވެ. މި ކަމާ ގުޅިގެން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމި ނިންމުން ވަނީ ފަހުން ބަދަލުކޮށްފައެވެ.
މި މުޒާހަރާތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެ ޤައުމުގައި ހިނގި އެންމެ ބޮޑެތި މުޒާހަރާތަކެވެ. މިހާރު ވެރިކަން ހަމަޖެހެންދެން ކަތުމަންޑޫގެ މަގުތަކުގައި އަސްކަރީން ދަނީ ޤައުމުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައި ޤައުމު ހިންގުމުގެ މަސައްކަތްކުރަމުންނެވެ.
ނޭޕާލްގެ ރައީސް ރާމްޗަންދްރާ ޕައުޑެލް ވިދާޅުވީ ޤައުމުގައި ކުރިމަތިވެފައިވާ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. "ޤާނޫނު އަސާސީގެ ތެރެއިން މިހާރު ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އަޅުގަނޑު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މި ގެންދަނީ،" ރައީސް ޕައުޑެލް ވިދާޅުވިއެވެ.
ވަގުތީ ވެރިއެއްގެ ގޮތުގައި އެންމެ ގިނަ ފަރާތްތަކުން ތާއީދުކުރަނީ ނޭޕާލްގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސުޝީލާ ކާރުކީ އަށެވެ. 2016 ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު 73 އަހަރުގެ ކާރުކީއަށް މުޒާހަރާކުރާ ގިނަ ފަރާތްތަކުން ތާއީދުކުރާ ކަމަށް ވެއެވެ. "އަޅުގަނޑުމެންނަށް ކާރުކީ ފެންނަނީ ތެދުވެރި، ނުބިރުވެރި އަދި ސާބިތު ބޭކަނބަލެއްގެ ގޮތުގައި،" މުޒާހަރާގެ ތާއީދުކުރާ ސުޖިތް ކުމާރު ޖާ ބުންޏެވެ.
ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުގެ މެދުގައި އަދި މައިގަނޑު ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް ދެބަސްވުންތަކެއް ހުރުމާއެކު، ނޭޕާލްގެ ސިޔާސީ މުސްތަގުބަލު އޮތީ ނާޒުކު ހާލަތެއްގައެވެ. މުޒާހަރާގެ ކުރީ ސަފުގައި ހުރި ކޭޕީ ކަނާލް ބުނީ، މުޒާހަރާކުރާ ގިނަ ޒުވާން ފަރާތްތަކަށް މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، އެހެންކަމުން ކަންކަން ވަމުންދާގޮތް ބަލަމުންދާ ކަމަށެވެ.