ދުނިޔެ
ޣައްޒާގައި އެހީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ސެކިއުރިޓީއަށް އިސްލާމްދީނާ ދެކޮޅު ބައިކަރސް ގޭންގެއްގެ މެންބަރުން ގެންގުޅެން ފަށައިފި

ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒެއް
އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން އެހީ ބެހުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިސްލާމްދީނާ ދެކޮޅު ބައިކަރސް ގޭންގެއްގެ މެންބަރުން ހަވާލުކޮށްފައިވާކަމަށް ބީބީސީގެ ތަހުގީގަކުން ހާމަވެއްޖެއެވެ.
ބީބީސީގެ ތަހުގީގުން ދައްކާގޮތުގައި، ކުރޫސޭޑަރުންގެ ނިޝާން ބޭނުންކުރާ އަދި އިސްލާމްދީނާ ދެކޮޅު ޓެޓޫތައް ޖަހާފައިވާ "އިންފިޑެލްސް އެމްސީ" ގެ 10 އަކަށްވުރެ ގިނަ މެންބަރުން، ޔޫޖީ ސޮލިއުޝަންސް މެދުވެރިކޮށް ވަޒީފާއަށް ނަގައި، ޖީ.އެޗް.އެފްގެ އެހީ ބެހުމުގެ މަސައްކަތްތަކަށް އައްޔަންކޮށްފައިވެއެވެ.
މި ގޭންގުގެ ވެރިޔާ، ޖޮނީ "ޓާޒް" މަލްފޯޑް އަކީ ޔޫޖީ ސޮލިއުޝަންސްގެ "ކަންޓްރީ ޓީމް ލީޑަރެއް" ގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާގެ މޭމަތީގައި 1095 ޖަހާފައިވާކަމަށް ބުނެއެވެ. މިއީ ޕޯޕް އަރބަން ދެވަނަ ފުރަތަމަ ކުރޫސޭޑް ފެށި އަހަރެވެ.
އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ އދ. ގެ އިދާރާތަކުންނާއި އިންސާނީ ޙައްޤުތަކުގެ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެހީ ހޯދަން އައި 1،800 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވާކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުން ބުނެއެވެ. މީގެ ތެރެއިން 1،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވަނީ ޖީ.އެޗް.އެފްގެ އެހީ ބަހާ ސަރަހައްދުތަކުގެ ކައިރީގައެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ ޖީ.އެޗް.އެފްގެ އެހީ ބަހާ ސަރަހައްދުތަކުގައި އެހީ ހޯދަން އަންނަ މީހުން މެރުމަކީ ހަނގުރާމައިގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މި ސަރަހައްދުތަކަކީ "މަރުގެ ދަންތުރަތަކެއް" ގެ ގޮތުގައި ފަލަސްތީނުންނާއި އދ. އިން ސިފަކޮށްފައިވެއެވެ.