ދުނިޔެ

އިސްރާއީލުގެ ހަމަލާއާ ގުޅިގެން ދޯހާގައި ޝަހީދުވި ފަރާތްތަކުގެ ޖަނާޒާ މިއަދު ބާއްވަނީ

އިސްރާއީލުގެ ހަމަލާއާ ގުޅިގެން ދޯހާގައި ޝަހީދުވި ފަރާތްތަކުގެ ޖަނާޒާ މިއަދު ބާއްވަނީ

ހަމަލާދިން ޤަޠަރުގެ އިމާރާތް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ސެޕްޓެމްބަރު 2025، 06:56

11 ސެޕްޓެމްބަރު 2025، 06:56

އިސްރާއީލުން ދޯހާގައި ހުރި އިމާރާތަކަށް ދިން ނުރައްކާތެރި ހަމަލާގައި ޝަހީދުވި ފަރާތްތަކުގެ ޖަނާޒާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޤަޠަރުން ބުނެފިއެވެ. 

މިގޮތުން މިއަދު އަސުރު ނަމާދަށްފަހު ޝެއިޚް މުހައްމަދު ބިން އަބްދުލް ވައްހާބު މިސްކިތުގައި ޖަނާޒާ ނަމާދު ކުރުމަށްފަހު، މުސައިމީރު ޤަބުރުސްތާނުގައި ވަޅުލެވޭނެ ކަމަށް ޤަތަރުގެ ދާޚިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ދިން މި ހަމަލާގައި ހަމާސްގެ ސިޔާސީ އޮފީހުގެ 5 މެންބަރުންނާއި ޤަތަރުގެ ސެކިއުރިޓީ ބާރުތަކުގެ އެއް އޮފިސަރު ވަނީ ޝަހީދުވެފައެވެ. ހަމާސްއިން ބުނާ ގޮތުގައި ޝަހީދުވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހަމާސްގެ އިސް ތަރުޖަމާނު ކަމުގައިވާ ޚަލީލް އަލް-ހައްޔާގެ ދަރިކަލުން ހުމާމް އާއި، އޭނާގެ އޮފީހުގެ ޑިރެކްޓަރު ޖިހާދު ލައްބާދު އަދި އެހެން ތިން މުވައްޒަފުންނެވެ. އަދި މީގެ އިތުރުން ޤަތަރުގެ އިންޓަރނަލް ސެކިއުރިޓީ ފޯސްގެ ކޯޕްރަލް ބަދުރު ސަޢުދު މުހައްމަދު އަލް-ހުމައިދީ އައްދޯސަރީ ވެސް ވަނީ ޝަހީދުވެފައެވެ.

މި ހަމަލާ ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. "މި ހަމަލާއަކީ ދައުލަތުގެ ޓެރަރިޒަމް. އަޅުގަނޑުމެންގެ ކަންބޮޑުވުން ބަހުން ފާޅުކުރާނެ ގޮތެއް ނޭނގޭ ވަރުގެ ކަމެއް،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުގެ ވަޒީރުންގެ ބޮޑުވަޒީރު ނަތަންޔާހޫ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުންދާ ކަމަށާއި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނަތަންޔާހޫ އަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރަންޖެހޭ މީހެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ޣައްޒާގައި ހިފެހެއްޓިފައިވާ އަސީރުންނާ ގުޅޭ މަޝްވަރާތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އިސްރާއީލާއި ހަމާސްއާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ޤަތަރުގެ ދައުރު އަލުން މުރާޖަޢާކުރަމުންދާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ. ޤަތަރުގައި 2012 އިން ފެށިގެން ހަމާސްގެ ސިޔާސީ އޮފީސް ހިންގަމުން އަންނަނީ އެމެރިކާގެ ރުހުމާ އެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން