ދުނިޔެ
އިސްރާއިލްގެ ހަމަލާއާ ގުޅިގެން ޤަޠަރުގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ
އިސްރާއިލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާއި ގުޅިގެން
ޤަތަރުގެ ވެރިރަށް ދޯހާގައި އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ކުއްލި އިސްލާމީ އަރަބި ސަމިޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ ވިދާޅުވި ގޮތުގައި މި ސަމިޓްގައި އިސްރާއީލުގެ ހަމަލާއަށް ރައްދު ދިނުމުގެ މަގު ކަނޑައަޅާނެއެވެ. ނަމަވެސް ސަރަހައްދީ ބައިވެރިންނަށް ވަކި ގޮތަކަށް ރައްދު ދިނުމަށް ޤަތަރުން ނޭދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އިންޒާރުތައް ޤަތަރުން ބަލައިނުގަންނަ ކަމަށާއި، ސަރަހައްދުގެ އެހެން ގައުމުތަކަށް އޭނާ އިންޒާރު ދެމުންދާއިރު، އެ ގައުމުތަކުން އޭނާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިކޮށްފައި ނުވާ ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ. އަދި "އިސްރާއީލުގެ ހަމަލާ ހުއްޓުވުމަށް ޙަޤީޤީ އަދި ކުޅަދާނަ" ރައްދެއް ދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމާސްގެ މަޝްވަރާ ވަފުދަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން، ނަތަންޔާހޫ ވަނީ "ޣައްޒާގައި ތިބި އިސްރާއީލްގެ އަސީރުން މިނިވަންކުރުމާމެދު އެންމެހާ އުންމީދުތައް ނައްތާލާފައި" ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ. އަދި މަޝްވަރާތަކުގައި ނަތަންޔާހޫ ވަގުތު ބޭކާރުކުރަމުން ގެންދިޔަ ކަމަށާއި، އެކަމުގައި އިޚްލާސްތެރިކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަންގާރަ ދުވަހު ދޯހާގައި ހުރި ހަމާސްގެ ލީޑަރުންގެ ދިރިއުޅޭ ތަނަށް އިސްރާއީލުން ދިން ހަމަލާއަކީ ޤަތަރުގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ބުނެ، ގިނަ ޢަރަބި އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްގެ އިތުރުން، ފަލަސްތީނުގެ މުޤާވަމަތާއި އިސްރާއީލާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމަކަށް ދިން ހަމަލާއެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.