ދުނިޔެ
ސީރިޔާގެ ހޯމްސް އާއި ލަޓާނިއާ އަށް އިސްރާއިލުން ދިން ހަމަލާ ސީރިޔާ ސަރުކާރުން ކުށްވެރިކޮށްފި

ސީރިޔާއަށް އިސްރާއިލުން ހަމަލާދިނުން
ސީރިޔާގެ ހޯމްސް ސިޓީ އާއި ކަނޑުއޮތް ސަރަހައްދުގައި އޮންނަ ލަޓާކިއާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާތައް ސީރިޔާގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އަންގާރަ ދުވަހުގެ ފަތިހު ދެވުނު މި ހަމަލާތަކަކީ ސީރިޔާގެ މިނިވަންކަމާއި ސިޔާދަތަށް ދެވުނު ސީދާ ހަމަލާއެއް ކަމަށް ސީރިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މިއީ ސީރިޔާގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމަށް ކުރިމަތިވި ސީދާ ނުރައްކަލެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ޔޫކޭ ގައި މައި މަރުކަޒު ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ ހޯމްސްގައި ހުރި ސީރިޔާގެ އެއަރފޯސް ބޭސްއަކަށެވެ. މި ހަމަލާގައި އަޑުގަދަ ގޮވުމުގެ އަޑުތައް އިވުނު ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެފައިވެއެވެ. ނަމަވެސް މި ހަމަލާގައި މީހަކު މަރުވި ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އިސްރާއީލުން ސީރިޔާއަށް ދެމުންދާ މި ހަމަލާތަކަކީ "އެ ޤައުމުގެ ސިޔާދަތަށް އަރައިގަތުމުގެ ގޮތުން އަދި ޤައުމީ ސަލާމަތަށް ގެއްލުން ދިނުމުގެ ގޮތުން" ދެމުންދާ ހަމަލާތަކެއް ކަމަށް ސީރިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އެސްއޯއެޗްއާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެކަނި އިސްރާއީލުން ވަނީ 100 އާ ގާތްކުރާ އަދަދަކަށް ހަމަލާ ދީފައެވެ. މީގެ ތެރޭގައި 86 ވައިގެ ހަމަލާއާއި 11 އެއްގަމު ހަމަލާ ހިމެނެއެވެ. މި ހަމަލާތަކުގައި 135 ތަނަކަށް ގެއްލުން ލިބި، 61 މީހަކު މަރުވެފައިވެއެވެ.
ސީރިޔާގެ ކުރީގެ ވެރިޔާ ބައްޝާރުލް އަސަދު ވެރިކަމުން ވެއްޓުނު ފަހުން އިސްރާއީލުން ވަނީ ސީރިޔާގެ ގޯލަން ހައިޓްސްގެ ސަރަހައްދުގެ އިތުރު ބައިތަކެއް އޮކިއުޕައި ކޮށްފައެވެ. މިއީ 1974 ވަނަ އަހަރު ސީރިޔާއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ.