ދުނިޔެ

ނޭޕާލުގައި ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ނޭޕާލުގައި ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

އިސްތިއުފާ ދެއްވި ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 04:09

09 ސެޕްޓެމްބަރު 2025، 04:09

ނޭޕާލުގައި ކުރެވެމުންދާ އެންޓި-ކޮރަޕްޝަން މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ އިސްތިއުފާ ދެއްވައިފިއެވެ.

ރޮއިޓަރސް އިން ރިޕޯޓުކުރި ގޮތުގައި މި މައުލޫމާތު ހާމަކޮށްފައިވަނީ ބޮޑުވަޒީރުގެ އެހީތެރިޔާ ޕްރަކާޝް ސިލްވާލްއެވެ.

މުޒާހަރާތަކުގައި ސަރުކާރުން އަނިޔާވެރި ގޮތެއްގައި ހަރަކާތްތެރިވެ، 19 މީހުން މަރުވެފައިވުމާ ގުޅިގެން ފެން ސަޕްލައި މިނިސްޓަރު ޕްރަދީޕް ޔަދަވްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިތުރުން ހޯމް މިނިސްޓަރު ރަމޭޝް ލެކާކް އަދި އެގްރިކަލްޗަރ މިނިސްޓަރު ރާމްނާތު އަދިކާރީވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ ނޭޕާލީ ކޮންގްރެސް ޕާޓީގެ މައި އޮފީހަށް ހަމަލާދީ، ގެއްލުން ދީފައެވެ. މީގެ އިތުރުން ރައީސް ރާމްޗަންދްރަ ޕައުޑެލްގެ އަމިއްލަ ގެއަށްވެސް ވަނީ ހަމަލާދީފައެވެ. ދަ ހިމަލަޔަން ޓައިމްސް އިން ރިޕޯޓުކުރި ގޮތުގައި މުޒާހަރާކުރާ ފަރާތްތަކުން ވަނީ ރައީސްގެ ގޭގެ ފުރާޅުގައި އަލިފާން ރޯކޮށްފައެވެ.

މުޒާހަރާތައް ގަދަވެ، މިނިސްޓަރުންގެ ގެތަކަށް ހަމަލާދޭން ފެށުމާ ގުޅިގެން ނޭޕާލީ އާމީން ވަނީ ހެލިކޮޕްޓަރު މެދުވެރިކޮށް މިނިސްޓަރުން ސަލާމަތްކުރަން ފަށާފައެވެ. އަދި ޕާލިމެންޓް އިމާރާތް ރައްކާތެރިކުރުމަށް އާމީ ބާރުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ވަނީ ޕާލިމެންޓް އިމާރާތަށް ވަދެ، އެ އިމާރާތުގައި އަލިފާން ރޯކޮށްފައެވެ. ޕާލިމެންޓް ސެކްރެޓޭރިއެޓްގެ ތަރުޖަމާނު އެކްރާމް ގިރީ ބުނި ގޮތުގައި ސަތޭކަ އަކަށްވުރެ ގިނަ މީހުން ވަނީ ޕާލިމެންޓް ސަރަހައްދަށް ވަދެ، މައި އިމާރާތުގައި އަލިފާން ރޯކޮށްފައެވެ.

ނޭޕާލުގެ ވެރިރަށް، ކަތަމަންޑޫގައި މުޒާހަރާތައް ފެށުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަނެވެ. އަދި ފޭސްބުކް، ޔޫޓިއުބް އަދި އެކްސް (ކުރީގެ ޓްވިޓާ) ފަދަ އެޕްލިކޭޝަންތަކަށް އެގައުމުގައި ވަނުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މަނާކުރުމުން މައްސަލަ މާބޮޑަށް ޒުވާނުންގެ މެދުގައި ހޫނުވުމެވެ.

އެޤައުމުގައި މުޒާހަރާ ކުރުމާއެކު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކޮށްފައެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން