ދުނިޔެ

އިސްރާއިލަށް ހަތިޔާރު އުފުލާ އުޅަނދުތަކަށް ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރަނީ

އިސްރާއިލަށް ހަތިޔާރު އުފުލާ އުޅަނދުތަކަށް ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރަނީ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 07:07

08 ސެޕްޓެމްބަރު 2025، 07:07

އިސްރާއިލަށް ހަތިޔާރު އުފުލާ އުޅަނދުތަކަށް ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރަން ސްޕެއިންގެ ސަރުކާރުން ނިންމައިފިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވަނީ އިސްރާއިލަށް ހަތިޔާރު އުފުލާ އުޅަނދުފަހަރާއި މަތިންދާބޯޓުތަކަށް ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރުމަށް ނިންމައިފައިވާކަން އިޢުލާނުކުރައްވައިފިއެވެ.

 މިއީ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ގުޅިގެން އިސްރާއިލްގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މިއަދު މިކަމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ސަންޗެޒް ވިދާޅުވީ، އިސްރާއިލުން ވަނީ ހޮސްޕިޓަލްތަކަށް ހަމަލާދީ، ކުޑަކުދިން ބަނޑަށް މަރާލައި، ނިކަމެތި ރައްޔިތުންތަކެއް ނައްތާލަމުން ކަމަށެވެ. އަދި މި އަނިޔާވެރިކަން ހުއްޓުވުމަށް ސްޕެއިނުން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޤައުމާއި މުޖުތަމަޢު ރައްކާތެރިކުރުމަކީ އެއްކަމެއް، އެހެންނަމަވެސް ހޮސްޕިޓަލްތަކަށް ހަމަލާދީ، މަޢުޞޫމު ކުޑަކުދިން ބަނޑަށް މަރާލުމަކީ މުޅިން އެހެން ކަމެއް،" ސަންޗެޒް ވިދާޅުވިއެވެ.

 އަދި ނަތަންޔާހޫގެ ސަރުކާރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ފެށި ހަނގުރާމައަކީ މިހާރު ނަސްލު ނައްތާލުމަށް ހިންގާ ޤަތުލުޢާންމަކަށް ބަދަލުވެފައިވާ ކަމަށް އދ. ގެ ތަޖުރިބާކާރުން ފާހަގަކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ސްޕެއިންއިން އަޅާ މި ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއިލާއެކު ހަތިޔާރުގެ ވިޔަފާރި މަނާކުރުމާއި، އިސްރާއިލުގެ ސިފައިންނަށް ތެޔޮ އަދި ހަތިޔާރު އުފުލުމަށް ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، މިހަނގުރާމައިގައި ސީދާ ބައިވެރިވާ ފަރާތްތަކަށް ސްޕެއިނަށް ވަނުން މަނާކުރުމާއި، ޣައްޒާއަށް ދެވޭ އިންސާނީ އެހީ އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން އިސްރާއިލުން ވަނީ ސްޕެއިންގެ ސަރުކާރު "ރުޅިވެރި އަދި ނަފްރަތުގެ ނަޒަރިއްޔާ" ބޭނުންކުރަމުންދާ ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި ސްޕެއިންގެ ދެ އިސް ސިޔާސީ ފަރާތަކަށް އިސްރާއިލަށް ވަނުން މަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން