ދުނިޔެ
ޤުދުސްގެ އިރުމަތީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 5 މީހަކު މަރުވެއްޖެ

ބަޑީގެ ހަމަލާދިން ސަރަހައްދު
އިސްރާއިލުން ބާރުގެބޭނުން ކޮށްގެން ހިޞާރު ކޮށްފައިވާ ޤުދުސްގެ އިރުމަތީގައި ހިނގި ބަޑީގެ ހަމަލާއެއްގައި 5 މީހުން މަރުވެއްޖެއެވެ.
އިޒްރޭލުގެ ސިއްހީ ޚިދުމަތްތެރިންގެ އިދާރާ މަގެން ޑޭވިޑް އަދޮމްއިން ބުނާ ގޮތުގައި މި ހަމަލާގައި އިތުރު 12 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން 6 މީހުންގެ ހާލަތު ސީރިއަސް ކަމަށާއި، އެ މީހުންގެގަޔަށް ވަޒަން އަރާ އަނިޔާވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި އިތުރު ބަޔަކަށް ބުރައޮގެން ދިޔަ ބިއްލޫރިތައް ހެރިގެން
ކުދި އަނިޔާތައް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއިލް ފުލުހުން މި ހަމަލާ ސިފަކޮށްފައިވަނީ "ޓެރަރިސްޓް ހަމަލާއެއް" ގެ ގޮތުގައެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާ ފެށުމާއެކު ދެ ހަމަލާދޭ މީހުން ވަނީ "ނިއުޓްރަލައިޒް" ކުރެވިފައެވެ. ސެކިއުރިޓީ އޮފިސަރަކާއި އާންމު ރައްޔިތަކު ވަނީ ހަމަލާދިން މީހުން މަރާލާފައި ކަމަށް އިސްރާއިލް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއިލުގެ ސިފައިން ވަނީ އިރުމަތީ ޤުދުސްއާއި ހުޅަނގު އައްސޭރި ގުޅުވައިދޭ ހުރިހާ ޗެކްޕޮއިންޓްތަކެއް ބަންދުކޮށްފައެވެ. އަދި ހަމަލާދިން މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މީހުން ހޯދުމަށް ފުޅާ ދާއިރާއެއްގައި ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއިލުގެ ސިފައިން ބުނެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ ރަމޯޓް ކިޔާ އިސްރާއިލްގެ އާބާދީއެއް ކައިރީގައެވެ. މި އާބާދީއަކީ ފަލަސްތީނުގެ ޙައްޤުތަކަށް އަރައިގަނެ، މުސްތަޤްބަލުގައި ފަލަސްތީނު ދައުލަތެއް ޤާއިމްކުރުމަށް ހުރަސްއަޅާ އާބާދީއެއް ކަމަށް ބެލެވެއެވެ.
މި ހަމަލާއާ ގުޅިގެން އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގެވިރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ. އަދި މި ހަމަލާއާ ގުޅިގެން ނަތަންޔާހޫގެ މައްޗަށް ކުރިއަށްދާ ކޮރަޕްޝަންގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް މާދަމާ ހާޒިރުނުވާނެ ކަމަށް އިސްރާއިލް ހަޔޯމް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާއަކީ ހަމާސްއިން ދިން ހަމަލާއެއްކަން އަދި ކަށަވަރުވެފައި ނުވިނަމަވެސް، ހަމާސްއިން މި ހަމަލާއަށް މަރުހަބާ ކިޔާފައިވެއެވެ. "މިއީ އޮކިއުޕޭޝަންގެ ކުށްތަކަށާއި އަޅުގަނޑުމެންގެ ރައްޔިތުންނަށް ދެމުންދާ ޖެނޮސައިޑަށް ދެވުނު ގުދުރަތީ ޖަވާބެއް" ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
އިސްރޭއިލްގެ ސިޔާސަތު ތަހުލީލުކުރާ އޯރި ގޯލްޑްބަރގް ބުނެފައިވާ ގޮތުގައި މި ހަމަލާއަކީ ހަމާސްއިން ރާވައިގެން ދިން ހަމަލާއެއް ކަމަކަށް ނުބެލެވެއެވެ. އޭނާ ބުނި ގޮތުގައި މި ހަމަލާ އައިސްފައިވަނީ ހުޅަނގު އައްސޭރީން ކަމަށް ބެލެވެއެވެ.
ފަލަސްޠީނުގެ އިސްލާމިކް ޖިހާދުގެ ހަތިޔާރުވެރި ބައި، އަލް-ޤުދުސް ބްރިގޭޑްސްއިން ބުނެފައިވަނީ މި ހަމަލާއަކީ "ޒައިއޮނިސްޓް ދުޝްމިނާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި ކުރަމުންދާ ކުށްތަކަށް ދެވުނު ގުދުރަތީ އަދި ޝަރުއީ ޖަވާބެއް" ކަމަށެވެ.