ދުނިޔެ
ޣައްޒާގައި ޝަހީދުކޮށްލާފައިވާ ކުޑަކުދީންގެ ޢަދަދު 19،000އަށް ވުރެ މައްޗަށް، އިސްރާއީލުން ޤަޞްދުގައި ކުޑަކުދީންނަށް އަމާޒުކުރަނީ!

ޣައްޒާގައި ބަނޑަށް ޖެހި އަނަރޫފަވެފައިވާ ކުއްޖެއް.

ފަރުދުން
08 ސެޕްޓެމްބަރު 2025، 10:39
08 ސެޕްޓެމްބަރު 2025، 10:39
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދީ ޖަރީމާތަކަށް ދެ އަހަރު ފުރެން ގާތްވެފައިވާ އިރު، އެޢުދުވާނުގެ އެންމެ ބޮޑު މަޡުލޫމުންނަކީ ކުޑަކުދީންނެވެ. ޣައްޒާގެ މީޑިޔާ އިދާރާއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޣައްޒާގައި ޝަހީދުކޮށްލާފައިވާ ކުޑަކުދީންގެ ތަފާސްޙިސާބުތަކުން ދޭހަވަނީ އިސްރާއީލުގެ އިޙްތިލާލުން ޤަޞްދުގައި އެކުދީންނަށް އަމާޒުކުރަމުން ދާ ކަމެވެ.
އިސްރާއީލުގެ ޙަމަލާތައް ފެށުނީއްސުރެ އަދާ ޖެހެންދެން، ފަލަސްޠީނުގެ 19،424 ކުޑަކުދީން ދުނިޔެ ދޫކޮށްފައިވެއެވެ. މިއީ ފަލަސްޠީނުގައި ޖުމުލަ ޝަހީދުވި ފަރާތްތަކުގެ ގާތްގަނޑަކަށް 30 އިންސައްތަ ޢަދަދެކެވެ. މި 19،424 ކުދީންގެ ތެރެއިން 450 ކުދީންނަކީ ހަނގުރާމައިގެ ދުވަސްވަރު އުފަންވެ، އެއަށް ފަހު ނިޔާވެފައިވާ ކުދީންނެވެ. އަދި 1،009 ކުދީންނަކީ އެއް އަހަރު ނުފުރެނީސް ޝަހީދުވެފައިވާ ކުދީންނެވެ.
އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ބަޑިބޮމެއް ނޫނެވެ. އިންސާނީ އަސާސީ ވަސީލަތްތައް މަނާ ކުރުމަކީ ވެސް އިސްރާއީލުން ކުރަމުން އަންނަ ކުށެކެވެ. މިގޮތުން، ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ބަނޑަށް ޖެހި، މިހާތަނަށް 134 ކުޑަކުދީން ނިޔާވެފައިވެއެވެ. އަދި ބޯހިޔާވަހިކަމާއި ރަނގަޅު އަންނައުނުގެ ދަތިކަމުގެ ސަބަބުން، ފިނިބޮޑުވެގެން 14 ފަލަސްޠީނީ ކުދީން އަލްވަދާޢު ކިޔާފައިވެއެވެ.
ކުޑަކުދީންގެ ތެރެއިން ފަލަސްޠީނުގައި ޝަހީދުވެފައިވާ ޢަދަދުގެ އިތުރުން، އެތައް ކުދީންނަކަށް ވަނީ ޒަޚަމުތަކާއި އަނިޔާތައް ލިބިފައެވެ. މިގޮތުން، ލިބުނު ޒަޚަމުތަކުގެ ސަބަބުން އަތްފައި ބުރި ކުރާން ޖެހުނު ކުދީންގެ ޢަދަދު ފަލަސްޠީނުގައި ވަނީ 864 އަށް އަރާފައެވެ. އަދި ވަޤުތުން ޞިއްޙީ ފަރުވާ ބޭނުންވެފައިވާ 5،200 ކުދީން އެބަތިއްބެވެ. ނަމަވެސް، ޣައްޒާގެ ޞިއްޙީ ނިޡާމު އިސްރާއީލުން ފުނޑުފުނޑު އަރުވާލާފައިވުމުގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި ބަލިމީހުންނަށް ފަރުވާދިނުމަކީ ޣައްޒާގައި އިންތިހާއަށް ދަތިވެފައިވާ ކަމެކެވެ.
ޣައްޒާގައި ހިނގަމުން ދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ޖުމުލަ 65،320 ކުދީން ޔަތީމުވެފައި ވެއެވެ. އަދި އެއް އަހަރުން ދަށުގެ 40،000 ކުދީން ވަނީ އެކަށީގެންވާ ވަރުގެ ހަކަތަ ނުލިބިފައެވެ. އަދި އިތުރު 650،000 ކުދީން ތިބީ ބަނޑަށް ޖެހި މަރުވުމުގެ ބިރު ހީވެފައި ކަމަށް، ޣައްޒާ މީޑިޔާ އިދާރާއިން ބުނެފައިވެއެވެ.
ޣައްޒާގެ ކުޑަކުދީންނަށް ފަހިވެފައިވާ ފުރުޞަތުތަކަކީ ބަޑިބޮމުން މަރުވުމާއި، ބަނޑަށްޖެހިގެން މަރުވުމާއި، ފިނިބޮޑުވެގެން މަރުވުމެވެ. ޣައްޒާގައި އިހާނެތި ޙާލަތްތައް ދިމާވެފައިވާ ކުޑަކުދީންނަކީ ހަމައެކަނި ޙިސާބު ޢަދަދުތަކެއް ނޫނެވެ. އެހެނަސް އެއީ، އެހެނިހެން ކުޑަކުދީން ފަދައިން ހުވަފެންތަކަކާއި، ލޯބިވާ ފަރާތްތަކަކާއި، ޙަޔާތެއްދިރިއުޅުމެއް ލިބިފައިވީ މަޢުޞޫމު ކުޑަކުދީންނެވެ.
ޣައްޒާގެ ޖަރީ މާތަކެއް ފަދަ ކުޑަކުދީން، އިސްރާއީލުގެ ޖަރީމާތަކުގެ އަމާޒަކަށް ވުމަކީ ހިތާމަހުރި ކަމެކެވެ.