ދުނިޔެ
805 ޑްރޯނާއި 13 މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނަށް ރަޝިއާއިން ހަމަލާދީފި

ސަރުކާރުގެ އިމާރާތަކަށް ހަމަލާ އަމާޒުވެފައި ފޮޓޯ: އަލްޖަޒީރާ
ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ރޭގެ ވަގުތެއްގައި ދީފައިވާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. މި ހަމަލާގައި 805 ޑްރޯނާއި 13 މިސައިލް ބޭނުންކޮށްފައިވާއިރު، ތިން މީހުން މަރުވެ، ސަރުކާރުގެ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ.
ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫކްރެއިނުގެ ވެރިރަށް ކީވް އަށް އަމާޒުކޮށް ދިން މި ހަމަލާގައި މަރުވި ތިން މީހުންގެ ތެރޭގައި ތުއްތު ކުއްޖެއްވެސް ހިމެނެއެވެ. ޔޫކްރެއިނުގެ ބޮޑުވަޒީރު ޔޫލިއާ ސްވައިރިޑެންކޯ ޓެލެގްރާމްގައި ވިދާޅުވީ، ދުޝްމަނުންގެ ހަމަލާއެއް ސީދާ ސަރުކާރުގެ އިމާރާތަކަށް ދިނީ މިއީ ފުރަތަމަ ފަހަރަށް ކަމަށެވެ. އެ އިމާރާތުގެ ފުރާޅާއި މަތީ ފަންގިފިލާތަކަށް ވަރަށް ބޮޑަށް ގެއްލުންވެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެނދުނު އިރުއެރިތަނާހެން އިމާރާތުގެ މަތީ ފަންގިފިލާތަކުން ދުން އަރަމުންދާ މަންޒަރު ފެނުނު ކަމަށް ހަމަލާ ދިން ސަރަޙައްދުގެ މަންޒަރުދުއްމީހުން ބުނެއެވެ. ޔޫކްރެއިނުގެ އަސްކަރީ ޔުނިޓްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދޫކޮށްލި 805 ޑްރޯނާއި 13 މިސައިލްގެ ތެރެއިން 751 ޑްރޯނާއި ހަތަރު މިސައިލް ވަނީ ހުއްޓުވައި ނައްތާލާފައެވެ.
ޔޫކްރެއިނުގެ ކަމާބެހޭ ފަރާތްތަކުން ޓެލެގްރާމްގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިނަށް ފުޅާދާއިރާއެއްގައި އަރައިގަތުމަށްފަހު ދިން އެންމެ ބޮޑު ޑްރޯން ހަމަލާއެވެ. ކީވްގެ އަސްކަރީ އިދާރާގެ ވެރިޔާ، ތައިމޫރް ޓްކާޗެންކޯ، ކަށަވަރުކޮށްދެއްވީ، ދާރްނީޓްސްކީ ދާއިރާގެ ހަތަރު ބުރީގެ އެޕާޓްމަންޓް އިމާރާތަކަށް ގެއްލުންވެފައި ވަނިކޮށް، އިމާރާތުގެ ތެރެއިން ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނުނު ކަމަށެވެ. ދުވަހުން ދުވަހަށް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދިނުން އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގަނޑުގެ ވަގުތުގައިދިންމި ހަމަލާއަކީ ރަޝިއާއިން ވައިގެ މަގުން ދޭ ހަމަލާތައް ފުޅާކޮށްފައިވާކަންް ދައްކުވައިދޭކަމެއްކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އެއީ ބޭނުންކުރި ޑްރޯންތަކުގެ އަދަދަށް ބަލާއިރުވެސް އަދި ސަރުކާރުގެ އިމާރާތްތަކަށް އަމާޒުކޮށްފައިވާ ގޮތުންވެސް މެއެވެ. މިފަދަ ހަމަލާތަކަކީ ޔޫކްރެއިނުގެ ވައިގެ ދިފާޢީ ނިޒާމުގެ ބާރު ހުރި މިންވަރު ބެލުމަށާއި، ބޮޑެތި މަރުކަޒުތަކަށް ބާރުބޮޑު ކުރުމަށް ދޭ ހަމަލާތަކެއް ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެއެވެ.
ޔޫކްރެއިނުގެ ވައިގެ ދިފާޢީ ނިޒާމުން ގިނަ ޑްރޯންތަކާއި މިސައިލްތައް ކާމިޔާބާއިއެކު ވައްޓާލާފައިވީ ނަމަވެސް، ލިބުނު ގެއްލުންތަކާއި މީހުން މަރުވުމުން ދައްކުވައިދެނީ މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އުނދަގޫތަކެވެ. އޮފިޝަލުން ވަނީ ރައްޔިތުންނަށް އިތުރުވެފައިވާ ނުރައްކަލުގެ ހާލަތުގައި ސަމާލުވެތިބުމަށާއި ސަލާމަތީ އުސޫލުތަކަށް ބޯލެނބުމަށް ގޮވާލާފައެވެ.
ކަނޑައެޅިގެން އާންމު ރައްޔިތުންނާއި ސަރުކާރުގެ އިމާރާތްތަކަށް ދެވޭ ހަމަލާތައް ދުނިޔޭގެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ހަނގުރާމަކުރާ ފަރާތްތައް ހަމަލާތައް ހުއްޓާލުމަށާއި، ހަނގުރާމައިގައި ބައިވެރިނުވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފައިވެއެވެ. މި ހަމަލާގެ ސަަބަބުން ހަނގުރާމަ އިތުރަށް ގޯސްވެ، އާންމު ރައްޔިތުންނަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ހަމަލާތަކަށްފަހު އަލުން އާރާސްތުކުރުމާއި، ހަމަލާތަކަށް ރައްދުދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ސިފައިންގެ ހަމަލާތަކުގެ ނުރައްކާ ދެމިހުރި ނަމަވެސް، އާންމު ރައްޔިތުންނާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރަށް ސަރުކާރުން ވަނީ ތާއީދުކޮށް، އެފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށްފައެވެ.