ދުނިޔެ
ފާއިތުވި 700 ދުވަސް ތެރޭ އިސްރާއިލުން، ފަލަސްޠީނުގެ 19،424 ކުޑަކުދިން ޝަހީދުކޮށްލައިފި

ޝަހީދުވި 3 ކުއްޖަކު ގޮވައިގެން އާއިލާމެމްބަރުން
ފާއިތުވި 700 ދުވަސް ތެރޭ އިސްރާއިލުން ފަލަސްޠީނުގެ 19،424 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.
މިއީ ކޮންމެ 52 މިނެޓަކުން އެއް ކުއްޖަކު މަރާލި މިންވަރެވެ. މީގެ ތެރޭގައި އުމުރުން އެއް އަހަރު ނުވާ 1،000 ކުޑަކުދިން ހިމެނެއެވެ.
ޔޫއެން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވި ގޮތުގައި "ޣައްޒާ ވަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެފައެވެ." ފަލަސްތީނުގެ ސިއްހީ ވުޒާރާއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގައި މަރުވެފައިވާ މީހުންގެ ތެރެއިން 30 އިންސައްތައަކީ ކުޑަކުދިންނެވެ.
ޔޫއެންގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ (އަންރުވާ) އިން ބުނާ ގޮތުގައި ޣައްޒާގައި ކުޑަކުދިންނަށް ރައްކާތެރި ތަނެއް ނެތެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސަތޭކަ ހާހަށް ވުރެ ގިނަ މީހުން ޔޫއެންގެ ސްކޫލުތަކުގައި ހިމާޔަތް ހޯދަމުންދާ ކަމަށް އަންރުވާއިން ބުނެއެވެ.
ޔުނިސެފްގެ ކޮމިއުނިކޭޝަންސް މެނޭޖަރ ޓެސް އިންގްރަމް ވިދާޅުވި ގޮތުގައި "ޣައްޒާގެ ކުޑަކުދިން މިދަނީ ކުރިމަތިލަމުން ހިތާމަވެރި ހާލަތަކާއެވެ." އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "ބަނޑުހައިހޫނުކަމާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ ހަށިގަނޑު ބަލިކަށިވަމުންދާއިރު، ގޭގެއިން ނުކުމެ ދާންޖެހުމުގެ ސަބަބުން ހިޔާވަހިކަން ގެއްލި ބޭސް ފަރުވާގެ ހައްޤު ގެއްލި، ބޮންގޮއްވުންތަކުގެ ސަބަބުން އަސާސީ ހުރިހާ ކަމަކުން އެކުދިން މަޙްރޫމް ކުރެވިފައިވާކަމަށެވެ.
އިސްރާއީލުން އެހީ ވަނުމަށް ހުރަސްއަޅަމުންދާތީ، ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ތެޔޮ ނުލިބުމުގެ ސަބަބުން 134 ކުޑަކުދިން ވަނީ ޝަހީދުިވެފައެވެ. ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތަރިން ރަސެލް ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވިދާޅުވި ގޮތުގައި "ގާތްގަނޑަކަށް ދެ އަހަރު ވަންދެން، ކޮންމެ ދުވަހަކު އެއް ކްލާސްރޫމެއްގެ ކުދިން މަރާލެވިފައިވެއެވެ."