ދުނިޔެ
ޣައްޒާގައި ރައްޔިތުން ހިނގަނީ ގޭގެއާއި ލޯބިވާމީހުންގެ ހަށިގަނޑުތަކުގެ މަތީގައި

ޣައްޒާގައި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ ހިސާބެއް
އިޒްރޭލުގެ ސިފައިން ޣައްޒާ ސިޓީގެ ޒައިތޫން އަވަށުން ފައިބައިގެން ދިއުމަށްފަހު އެ އަވަށަށް އެނބުރިދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް ފެނިފައިވަނީ، އެމީހުންގެ ހުރިހާ އެއްޗެއް ހަލާކުވެ ބިމާ ހަމަވެފައިވާ މަންޒަރެވެ. ޣައްޒާގެ އެންމެ ބޮޑު ސިޓީ މިހާރު ވެފައިވަނީ ހަލާކުވެފައިވާ އިމާރާތްތަކާއި މަގުތަކުގެ ބިމަކަށެވެ.
ޒައިތޫން އަވަށުގެ ރައްޔިތެއް ކަމަށްވާ އާޤީލް ކިޝްކޯ، އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، 50 އަހަރު ދުވަހުގެ ތެރޭގައި އެމީހުން ބިނާކުރި ހުރިހާ އެއްޗެއް ފަސް ދުވަހުގެ ތެރޭގައި ބިމާ ހަމަވެފައިވާ ކަމަށެވެ. އޭނާ ބުނީ، އެއްވެސް އެއްޗެއް ސަލާމަތްވެފައި ނެތް ކަމަށާއި، އިމާރާތްތަކާއި، މަގުތަކާއި އަސާސީ ހިދުމަތްތައް ހުރިހާ އެއްޗެއްވެސް ހަލާކުވެފައިވާ ކަމަށެވެ. އަދި އެމީހުން މިހާރު ހިނގަނީ ހަލާކުވެފައިވާ ތަންތަނުގެ މަތިން އެކަންޏެއް ނޫން ކަމަށާއި، އެމީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުތަކުގެ މަތިންވެސް ކަމަށް އޭނާ އިތުރަށް ބުންޏެވެ.
އެއަވަށުގެ މީހެއް ކަމަށްވާ ނޫހާ ތާފިޝް ބުނީ، މިހާރު މި ހާލަތުގައިވާ ސިޓީ އަލުން ދިރުވައި، ކުރިއެރުވުމަކީ ނުވާނެ ކަމެއް ކަމަށެވެ. "މީހުން އެނބުރި އަންނާނީ ކޮންތާކަށް؟ އެނބުރި އަންނާނެ އެއްވެސް ތަނެއް ނެތް،" ނޫހާ ބުންޏެވެ.
ޣައްޒާ ސިޓީގައި ގޭގެ ހުރިހާ އެއްޗެއް ހަލާކުވެ ބިމާ ހަމަވެފައިވާއިރު އަހުމަދު ރިހޭމް ބުނީ، "ޒައިތޫން އަވަށަށް ހީވަނީ ނިއުކްލިއަރ ބޮމެއް ވައްޓާލާފައި ވާހެން " ކަމަށެވެ. އިޒްރޭލުގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ޒައިތޫން އަވަށަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން، ދުވަސްވީ މި އަވަށް ވަނީ ދިރިނުއުޅެވޭނެ ހާލަތައްގޮސްފައެވެ.