ދުނިޔެ
އަފްޣާނިސްތާނުގެ ބިންހެލުމުގެ ހާދިސާގައި 14،000 މީހުން މަރުވެއްޖެ، ދިރިހުރި އިތުރު މީހަކު ފެނިދާނެ ކަމުގެ އުންމީދު ކުޑަ

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ތަނެއް
އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް މިދިޔަ އާދީއްތަ ދުވަހު ކުރިމަތިވި ވަރުގަދަ ބިންހެލުމުގައި 1،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަލާކުވެފައިވާ ގެތަކުގެ ތެރެއިން ދިރިހުރި މީހުން ފެނިދާނެކަމުގެ އުއްމީދު ދަނީ ކުޑަވަމުން ކަމަށް ލަފާކޮށްފިއެވެ.
ޕާކިސްތާނާ އިންވެގެންވާ މި ސަރަހައްދުގައި ރިކްޓަރ ސްކޭލްގައި 6.0 ގެ ބިންހެލުމެއް އައިސްފައިވާއިރު، ވަރުގަދަ އާފްޓަރ ޝޮކްތަކުގެ ބިރުން ރައްޔިތުން ވަނީ ހުޅުމަތީގައި ތިބެން މަޖުބޫރުވެފައެވެ. ޓާލިބާން ސަރުކާރުން ބުނާ ގޮތުގައި މިހާތަނަށް 1،411 މީހުން މަރުވެ، 3،124 މީހުންނަށް އަނިޔާވެފައިވެއެވެ. މިއީ ފަޤީރު މި ޤައުމަށް ފާއިތުވި އެތައް އަހަރެއްގައި ކުރިމަތިވި އެންމެ މަރުގެ އަދަދު ގިނަ ކާރިސާތަކުގެ ތެރެއިން އެކެކެވެ.
ކުނަރު ސަރަހައްދުގެ ނުރްގަލް ޑިސްޓްރިކްޓްގެ ލޯކަލް އޮފިޝަލް އިޖާޒް އުލްހަޤް ޔާދު އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ މީހުން ތިބިއިރު، އެމީހުން ސަލާމަތްކުރުމަށް ދަތިތަކާ ކުރިމަތިވަމުންދެއެވެ. "އަދިވެސް އެއްވެސް އެހީއެއް ނުލިބޭ ރަށްތައް އެބަހުރި،" އޭނާ ބުންޏެވެ.
ބިންހެލުމުގެ ސަބަބުން ބިމުސުރެ ވެއްޓިފައިވާ ގެތަކުގެ ތެރެއިން މީހުން ނެގުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެންމެ ގިނަ މަރު އަދި އަނިޔާ ލިބިފައިވަނީ ކުނަރު ޕްރޮވިންސްއަށް ކަމަށްވާއިރު، ކައިރީގައިވާ ނަންގަރްހާރް އަދި ލަގްމާން ޕްރޮވިންސްތަކުގައިވެސް ސަތޭކަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވެއެވެ.
ސޭވް ދަ ޗިލްޑްރަން އިން ބުނާ ގޮތުގައި، ބިންހެލުމުގެ ސަބަބުން މަގުތައް ބަންދުވެފައިވާތީ، އެ ޖަމްއިއްޔާގެ އެހީގެ ޓީމްތަކަށް ވަނީ 20 ކިލޯމީޓަރުގެ ދުރުމިނަށް ހިނގަންޖެހިފައެވެ. އަދި މެޑިކަލް ސާމާނު އުފުލަން ޖެހިފައިވަނީ އަތުންނެވެ. މި ކާރިސާގައި 8،000 އަށްވުރެ ގިނަ ގެ ހަލާކުވެފައިވާއިރު، ބައެއް ރަށްތައް ވަނީ މުޅިން ފަނާވެފައެވެ.
ޠާލިބާނުން ވެރިކަމާ ހަވާލުވި ފަހުން، އަފްޣާނިސްތާނަށް ވަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ރެޑް ކްރޮސްގެ ސެކްރެޓަރީ ޖެނެރަލް ޖަގަން ޗަޕަގައިން ވިދާޅުވި ގޮތުގައި މި ބިންހެލުން އައިސްފައި މިވަނީ އެންމެ ނުބައި ވަގުތެއްގައެވެ. ހަނގުރާމައިގެ އަސަރުތަކާއި، ކަރަންޓު ހާލަތާއި، ޕާކިސްތާނާއި އީރާނުން އަނބުރާ ފޮނުވާލާފައިވާ މިލިއަނުން ގުނާ އަފްޣާނިސްތާން ރައްޔިތުންގެ މައްސަލަތަކާ ކުރިމަތިލަމުންދާ ވަގުތެއްގައި މި ކާރިސާ ދިމާވުމަކީ އިތުރު އިންސާނީ ހާލަތެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތް ކަމެކެވެ.