ދުނިޔެ
ހަމާސްގެ އަލް ޤައްސާމުން ކިޔުއާރް ކޯޑެއް މެދުވެރިކޮށް އިސްރާއިލަށް އިންޒާރެއްދީފި

ޙަމާސްގެ އަލް ޤައްސާމްގެ ހަނގުރާމަވެރިން
ހަމާސްގެ ހަނގުރާމަވެރި ވިންގު ކަމުގައިވާ އަލް-ޤައްސާމް ބްރިގޭޑްސްއިން އިސްރާއީލަށް އަމާޒުކޮށް ކިޔުއާރްކޯޑެއް މެދުވެރިކޮށް ކުއްލި އިންޒާރެއް ދީފިއެވެ.
ޓެލެގްރާމް މެދުވެރިކޮށް ޝާއިޢުކޮށްފައިވާ މި ވީޑިއޯގައި ޢަރަބި އަދި ޢިބްރީ ބަހުން މެސެޖު ދީފައިވާއިރު، އިސްރާއީލުގެ 45 އަސީރުން ހިމެނޭ ފޮޓޯތަކެއްވެސް ހިމަނާފައިވެއެވެ. އަދި އެއް އަސީރަކު މޫނުމަތީގައި އަތްލައިގެން ހުރި މަންޒަރުވެސް ދައްކާފައިވެއެވެ.
"ޣައްޒާ ސިޓީގައި ތިޔަބައިމީހުންގެ ޖަރީމާތައް އިތުރުކުރުމުގެ ނިންމުމުގެ އަގު، ތިޔަބައިމީހުންގެ ސިފައިންނާއި އަސީރުންގެ މަރުން ދައްކަންޖެހޭނެ" ޤައްސާމުން އިންޒާރު ދީފައިވެއެވެ.
މިއީ އިސްރާއީލުން އާންމުކޮށް ފަލަސްޠީނު ރައްޔިތުންނަށް ގެތައް ހުސްކުރުމަށް އިންޒާރުފޮނުވުމަށް ބޭނުންކުރާ ކިޔުއާރް ކޯޑުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދީފައިވާ އިންޒާރެކެވެ.
އިސްރާއީލުގެ އަންދާޒާތަކުން ދައްކާގޮތުގައި މިވަގުތު ޣައްޒާގައި 48 އިސްރާއީލު އަސީރުން ތިބިއިރު، އޭގެ ތެރެއިން 20 މީހުން ދިރި ތިބިކަމަށް ބެލެވެއެވެ. އަނެއްކޮޅުން އިސްރާއީލުގެ ޖަލުތަކުގައި 10,800 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ތިބިކަމަށް އިންސާނީ ޙައްޤުތަކުގެ ރިޕޯޓުތަކުން ދައްކައެވެ.