ދުނިޔެ
އިސްރާއިލްގެ ޑޮކްޓަރުންތަކެއް ނުކުމެ ޔައްފާގެ މަގެއް ބަންދުކޮށްފި، ގޮވާލަނީ ހަނގުރާމަ ހުއްޓާލުމަށް

2021 ވަނަ އަހަރު އިސްރާއިލްގެ ޑޮކްޓަރުން ކުރި މުޒާހަރާއެއް
އިސްރާއިލްގެ ޑޮކްޓަރުން ތަކެއް އިސްރާއިލްގެ ވެރިކަންކުރާ ޔައްފާ (ތެލްއަވީވް) ގެ މަގެއް ބަންދުކޮށް ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފިއެވެ.
މި ޑޮކްޓަރުން މަގު ބަންދުކޮށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހައްޔަރުކުރެވިފައިވާ އިސްރާއިލްގެ އަސީރުން ދޫކޮށްލުމަށާއި ޣައްޒާގެ ހަނގުރާމަ ނިންމުމަށް ގޮވާލައިފައިވެއެވެ.
އަލް ޖަޒީރާގެ ސަނަދު ފެކްޓް-ޗެކިން އޭޖެންސީން ކަށަވަރުކޮށްދީފައިވާ މަންޒަރުތަކުގައި ދައްކާގޮތުން، މުޒާހަރާކުރި ޑޮކްޓަރުން ޕްލެކާޑު ހިފައިގެން އެމީހުންގެ އެއްވުމުގެ ގޮވުންތައް އިއްވަމުން ޓްރެފިކް ހުއްޓުވާލައިފައިވެއެވެ.
މުޒާހަރާކުރި ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިސްރާއީލްގެ ދައުލަތް ރަނގަޅުކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ޒިންމާ އަދާކުރުމަށްޓަކައި މިތަނަށް އައިން، ބޭނުންވަނީ ހަނގުރާމަ ނިންމާ އެންމެން ގެއަށް ގެނައުން" ކަމަށެވެ.
އިސްރާއިލްގެ ހަނގުރާމައިގެ ކުށްތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ އިސްރާއިލާ ގުޅުންތައް ކަނޑާލުމަށް ނިންމަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއިލްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސަރުކާރު ހިންގަން ހަވާލުވެހުރި ބެންޖަމިން ނަތަންޔާހޫއާއި ދެކޮޅުވަމުންނެވެ.
ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށްއެދި އިސްރާއިލްގެ ސިފައިންގެ ތެރެއިން ކުރީގެ 600 ސިފައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވިކަމަށްވެސް އިއްޔެ ވަނީ މީޑިއާތަކުން ބުނެފައެވެ. މި ސިޓީ ފޮނުވުމުގައި ސިފައިންގެ އިތުރުން އިސްރާއީލުގެ އަސްކަރީ އަދި ޑިޕްލޮމެޓިކް އިސްވެރިންވެސް ހިމެނެއެވެ.
"ލީޑަރސް ފޯ އިސްރާއީލްސް ސެކިއުރިޓީ" މޫވްމަންޓުން ފޮނުވި މި ސިޓީގައި ކުރީގެ ސިފައިންގެ އެންމެ އިސްވެރިންނާއި، މޮސާދު، ޝިން ބެޓް، އާންމު ސަލާމަތީ ބާރުތަކާއި، ފުލުހުންގެ އިސްވެރިންނާއި، ކުރީގެ ޑިޕްލޮމެޓުން ހިމެނެއެވެ.
ސިޓީގައި ސޮއިކުރި ފަރާތްތަކުން ފާހަގަކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލު ސަރުކާރުން އިންކާރުކުރާތީ އެކަމާމެދު ހައިރާންވެ ހިތާމަކުރާ ކަމަށެވެ. އަދި ހަމާސްއަކީ ކުރިން ޤަބޫލުކުރެވުނު ފަދަ އިސްތިރާޖީ ނުރައްކަލެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުގެ ކުރީގެ އިސްވެރިން ޓްރަމްޕަށް ހުށަހަޅާފައިވާ މައިގަނޑު 5 ކަމަކީ ހަނގުރާމަ ނިންމުން، ހުރިހާ ހަނގުރާމައިގެ އަސީރުން ދޫކޮށްލުން،ޗއިންސާނީ އެހީތެރިކަން އިތުރުކުރުން, ޣައްޒާއިން އިސްރާއީލު ސިފައިން މަޑުމަޑުން ފޭބުން އަދި ޢަރަބި ޤައުމުތަކާއި ފަލަސްތީނު ސަރުކާރާއި އެކު ޣައްޒާ ހިންގުމަށް އައު ސަރުކާރެއް އުފެއްދުން ިމިއެވެ.
މި ދުވަސްވަރު އިސްރާއީލުގައި ވަނީ ޣައްޒާގައި ތިބި އަސީރުން ދޫކޮށްލުމަށް އެދި ގިނަ މުޒާހަރާތަކެއް ކުރެވިފައެވެ. އަދި ހަމާސްއިން ހުށަހަޅާފައިވާ އަސީރުން ދޫކުރުމުގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކެބިނެޓް ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.