ދުނިޔެ
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއިލްގެ ސިފައިންގެ ތެރެއިން ކުރީގެ 600 ސިފައިން އެމެރިކާގެ ރައީސް ޓްރަމްޕަށް ސިޓީއެއް ފޮނުވައިފި

އަސީރުން މިނިވަންކޮށް އަނބުރާ ގެނައުމަށް ޔައްފާ ގައި ކުރިއަށް ދިޔަ އިހްތިޖާޖެއް
ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށްއެދި އިސްރާއިލްގެ ސިފައިންގެ ތެރެއިން ކުރީގެ 600 ސިފައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޓީއެއް ފޮނުވައިފިއެވެ.
މި ސިޓީ ފޮނުވުމުގައި ސިަފއިންގެ އިތުރުން އިސްރާއީލުގެ އަސްކަރީ އަދި ޑިޕްލޮމެޓިކް އިސްވެރިންވެސް ހިމެނެއެވެ.
"ލީޑަރސް ފޯ އިސްރާއީލްސް ސެކިއުރިޓީ" މޫވްމަންޓުން ފޮނުވި މި ސިޓީގައި ކުރީގެ ސިފައިންގެ އެންމެ އިސްވެރިންނާއި، މޮސާދު، ޝިން ބެޓް، އާންމު ސަލާމަތީ ބާރުތަކާއި، ފުލުހުންގެ އިސްވެރިންނާއި، ކުރީގެ ޑިޕްލޮމެޓުން ހިމެނެއެވެ.
ސިޓީގައި ސޮއިކުރި ފަރާތްތަކުން ފާހަގަކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލު ސަރުކާރުން އިންކާރުކުރާތީ އެކަމާމެދު ހައިރާންވެ ހިތާމަކުރާ ކަމަށެވެ. އަދި ހަމާސްއަކީ ކުރިން ޤަބޫލުކުރެވުނު ފަދަ އިސްތިރާޖީ ނުރައްކަލެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުގެ ކުރީގެ އިސްވެރިން ޓްރަމްޕަށް ހުށަހަޅާފައިވާ މައިގަނޑު 5 ކަމަކީ ހަނގުރާމަ ނިންމުން، ހުރިހާ ހަނގުރާމައިގެ އަސީރުން ދޫކޮށްލުން،ޗއިންސާނީ އެހީތެރިކަން އިތުރުކުރުން
ޣައްޒާއިން އިސްރާއީލު ސިފައިން މަޑުމަޑުން ފޭބުން އަދި
ޢަރަބި ޤައުމުތަކާއި ފަލަސްތީނު ސަރުކާރާއި އެކު ޣައްޒާ ހިންގުމަށް އައު ސަރުކާރެއް އުފެއްދުން ިމިއެވެ.
މި ދުވަސްވަރު އިސްރާއީލުގައި ވަނީ ޣައްޒާގައި ތިބި އަސީރުން ދޫކޮށްލުމަށް އެދި ގިނަ މުޒާހަރާތަކެއް ކުރެވިފައެވެ. އަދި ހަމާސްއިން ހުށަހަޅާފައިވާ އަސީރުން ދޫކުރުމުގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކެބިނެޓް ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް 63,459 ފަލަސްތީނުން ޝަހީދުވެ، 160,256 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 10,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.