ދުނިޔެ
ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި އެއްދުވަސްތެރޭ 7 މީހުން ޝަހީދުވެއްޖެ

ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވި ތުއްތު ކުއްޖެއް
ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި އެއްދުވަސްތެރޭ 7 މީހުން ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 339 އަށް އަރާފައިވާ އިރު، އޭގެ ތެރޭގައި 124 ކުޑަކުދިން ހިމެނެއެވެ.
އަލް-އަޤްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތަކުން މައުލޫމާތު ދިންގޮތުގައި، ޝައިމާ އަލް-އަޝްރަމް ނަމަކަށް ކިޔާ އަންހެން ކުއްޖެއް އިއްޔެ ވަނީ ކާނާ ވިހަވެ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ޝަހީދުވެފައެވެ. މީގެ އިތުރުން އިސްރާއިލްގެ ހަމަލާތަކުގައި 34 ފަލަސްތީނުން ޝަހީދުވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
"ޣައްޒާގައި މަރު ދަނީ އިތުރުވަމުން، ބަނޑުހައިހޫނުކަމާއި އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން، ކާނާއާއި ބޭހުގެ ދަތިކަމުގެ ސަބަބުން ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި،" ޣައްޒާގެ އަލް-އައުދާ ހެލްތް އެންޑް ކޮމިއުނިޓީ އެސޯސިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް ރައުފަތް އަލް-މަޖްދަލާވީ ވިދާޅުވިއެވެ.
ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ މެޑިކަލް ޓީމުގެ ލީޑަރު ސޯނަމް ޑްރެއަރ ވިދާޅުވި ގޮތުގައި، އދ. އިން ޣައްޒާގައި ބަނޑުހައިހޫނުކަން އިއުލާނުކުރި ފަހުންވެސް އެއްވެސް ކަހަލަ ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ތިން މަސް ކުރިން ޣައްޒާ އޮތް ހާލަތާ އަޅާބަލާއިރު މިހާރު ހާލަތު ވަނީ އިތުރަށް ގޯސްވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އިސްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި 203,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 9,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން ލައްކަތަކެއް މީހުން ވަނީ ގެދޮރުގެއްލިފައެވެ.