ދުނިޔެ
ހިންދް ރަޖަބް ފައުންޑޭޝަނާއި ފަލަސްޠީން ހިޔުމަން ރައިޓްސް ސެންޓަރުން އައިސީސީއަށް ޝަކުވާއެއް ހުށައަޅައިފި

ޣައްޒާ
ހިންދު ރަޖަބް ފައުންޑޭޝަނާއި ފަލަސްތީނު ހިއުމަން ރައިޓްސް ސެންޓަރުން އިއްޔެ އާދީއްތަ ދުވަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ޝަކުވާއެއް ހުށަހަޅައިފިއެވެ.
މި ޝަކުވާގައި 2024 އޮގަސްޓު 25 ވަނަ ދުވަހު އިސްރާއީީލްގެ ފޯސްއިން ނާސިރު ހޮސްޕިޓަލުގައި ހިންގި އަނިޔާވެރި ޢަމަލުގެ ފުރިހަމަ ތަފްސީލު ހާމަކޮށްފައިވެއެވެ.
މި ދެ މުއައްސަސާގެ ތަޙުޤީޤުން ދައްކާގޮތުގައި، ގޮލާނީ ބްރިގޭޑުން ޑްރޯން މެދުވެރިކޮށް މެދުނުކެނޑި މޮނިޓަރކުރަމުން ގެންދިޔަ މި ހަމަލާ ރާވައި، ވިލަރެސްކޮށްފައިވަނީ އެ ބްރިގޭޑުންނެވެ. އަދި 188 ވަނަ އާމަރޑް ބްރިގޭޑުން ގައިޑެޑް މިސައިލްތައް ބޭނުންކޮށްގެން މި ހަމަލާ ދީފައިވާކަމަށް ތަޙުޤީޤުން ހާމަވެއެވެ.
ބެންޖަމިން ނަތަންޔާހޫ ހިމެނޭ އިސްރާއީލްގެ އިސް ވެރިން މި ހަމަލާ ދިނުމަށް ހުއްދަދީ، އެކަމަށް މަގުފަހިކޮށްދީފައިވާކަން ތަޙުޤީޤުން ހާމަވެއެވެ. އަދި މިއީ ދެފަރާތުގެ ހަނގުރާމައެއް ނޫންކަމާއި، ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގި ގަސްތުގައި މީހުން މެރުމުގެ ޢަމަލެއްކަން ތަޙުޤީޤުން ކަށަވަރުކޮށްދެއެވެ.
ވީޑިއޯ ފުޓޭޖްތަކާއި ހެކިބަސްތަކުން ދައްކާގޮތުގައި، ގޮލާނީ އޮޕަރޭޓަރުން ޓާގެޓް ކުރި ސަރަހައްދު މެދުނުކެނޑި މޮނިޓަރކުރަމުން ގެންދިޔައެވެ. ރޮއިޓަރސްގެ ފޮޓޯގްރާފަރު ހުސާމް އަލް-މިސްރީ ކޮންމެ ދުވަހަކު ލައިވް ކެމެރާ ބަހައްޓާ ސިޑިގޮޅި ވެސް އެމީހުން މޮނިޓަރކުރިއެވެ. އެތަނުގައި ތިބީ ނޫސްވެރިންގެ ޖެކެޓް އަޅައިގެން ތިބި ނޫސްވެރިންނާއި، ރަސްމީ ހެދުމުގައި ތިބި ސިވިލް ޑިފެންސް މުވައްޒަފުންނާއި، ޑޮކްޓަރުންނާއި، ބަލިމީހުންނާއި އަދި ކުޑަކުއްޖެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ.
ފުރަތަމަ ހަމަލާއިން އަލް-މިސްރީ ޝަހީދުވެ، އޭނާގެ ލައިވް ސްޓްރީމް 9 މިނެޓުން މެދުކެނޑުނެވެ. އަދި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް ސަލާމަތްކުރާ ފަރާތްތަކާއި ނޫސްވެރިން އެއްވުމުން ދެވަނަ ހަމަލާ ދިނެވެ. މި ހަމަލާގެ ޓައިމިންގއާއި ތަންފީޒުކުރި ގޮތުން ދައްކައިދެނީ މަދަނީ ރައްޔިތުންގެ މެދުގައި ގެއްލުން އިތުރުކުރުމަށް ރޭވިގެން ނިންމި ނިންމުމެއްކަމެވެ.
މި މުއައްސަސާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގެ 94 އިންސައްތަ ހޮސްޕިޓަލްތަކަށް ގެއްލުން ލިބި ނުވަތަ ފުނޑުފުނޑުވެފައިވާ އިރު، މިއީ ޞިއްޙީ ޚިދުމަތްތަކާއި ނޫސްވެރިކަމަށް އަމާޒުކޮށް ދެމުންގެންދާ ގަސްދުގައި ދޭ ހަމަލާތަކެކެވެ. މީގެ މަޤްޞަދަކީ ފަލަސްތީނު ރައްޔިތުން ދިރިތިބުމުގެ ފުރުޞަތު ނަގާލުމާއި، އެ މީހުންގެ ވޭނާއި ހިތްދަތިކަމުގެ ހެކިތައް ފޮހެލުން ކަމަށް ބެލެވެއެވެ.
މި މުއައްސަސާތަކުން އެދިފައިވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މި މައްސަލައިގައި ތަޙުޤީޤެއް ހުޅުވައި، ހަމަލާގެ ޓާގެޓް ކަނޑައެޅި ގޮލާނީ އޮޕަރޭޓަރުންނާއި، މިސައިލް ދޫކުރި ޓޭންކު ކޮމާންޑަރުންނާއި، ހަމަލާއަށް ހުއްދަ ދިން ޖެނެރަލުންނާއި، އަދި މި ކަމަށް ސިޔާސީ ރައްކާތެރިކަން ދިން ނަތަންޔާހޫގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށެވެ.
މި ހަމަލާތަކަކީ ނަސްލު ފޮހެލުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޢަމަލުތަކެއް ކަމަށް މި މުއައްސަސާތަކުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައިވެއެވެ.