ދުނިޔެ
ޤައުމުގެ އިސްވެރިންތަކެއް ޝަހީދުކޮށްލި ނަމަވެސް ޣައްޒާއަށް ނަޞްރުދިނުމުގައި ދެމިތިބޭނަން: ޙޫޘީން

އަންޞާރުﷲ ޖަމާޢަތުގެެ ވެރިޔާ ޢަބްދުލްމަލިކް އަލްޙޫޘީ
ޔަމަނުގެ އިސްވެރިންތަކެއް ޝަހީދުކޮށްލިނަމަވެސް ޙޫޘީން ޣައްޒާއަށް ނަޞްރުދިނުމުގައި ދެމިތިބޭނެ ކަމަށް އަންޞާރުﷲ ޖަމާޢަތުގެެ ވެރިޔާ ޢަބްދުލްމަލިކް އަލްޙޫޘީ ވިދާޅުވެއްޖެއެވެ.
ޢަބްދުލްމަލިކް ވިދާޅުވީ ބުރާސްފަތި ދުވަހު އިސްރާއީލުން ޔަމަނަށް ދިން ހަމަލާގައި ސަރުކާރުގެ ވަޒީރުންނާއި މުވައްޒަފުންގެ ތެރެއިން ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ. މި ހަމަލާ ދިން އިރު އެ ބޭފުޅުން ތިއްބެވީ ސަރުކާރުގެ މަސައްކަތު ބައްދަލުވުމެއްގައެވެ.
ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ޢަބްދުލްމަލިކް ވިދާޅުވީ، "ޢަދުއްވުންގެ ފަހުގެ ހަމަލާއިން އަޅުގަނޑުމެންގެ ޤައުމުގެ ރަސްމީ އަދި ރައްޔިތުންގެ މައްޗަށް އެއްވެސް އަސަރެއް ނުކުރާނެ އަދި އިސްރާއީލޭ މިކިޔާ ބައިގަނޑަކީ މުޅި އުއްމަތަށް ނުރައްކަލެއް އަދި ކުޑަކުދިންނާއި އަންހެނުންނާއި އާންމު ރައްޔިތުންނަށްވެސް ހަމަލާތައް އަމާޒުކުރާ ބައެއް” މިހެނެވެ.
ޙޫޘީ ޖަމާޢަތުގެ ވެރިޔާ އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނުރައްކާތެރި ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ޢަދުއްވުންނާއި ކުރިމަތިލާނީ ސިޔާސީ، ޢަސްކަރީ، އިޤްތިޞާދީ އަދި މީޑިއާގެ ހުރިހާ ދާއިރާއަކުންކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް ނަޞްރު ދިނުމުގެ މަގުގައި ދެމިތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ޞަންޢާއަށް އިސްރާއީލުން ދިން ހަމަލާގައި ޙޫޘީ ޖަމާޢަތުން އައްޔަންކޮށްފައިވާ ވެރިކަމުގެ ވަޒީރުންގެ ތެރެއިން އަޙްމަދު އަލްރަހަވީ އާއި އިތުރު ވަޒީރުން ޝަހީދުވެފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިސްރާއީލުން ޔަމަނަށް ދެމުންދާ ހަމަލާތަކުގައި ޙޫޘީ ޖަމާޢަތުގެ އިސްވެރިން ޝަހީދުވި ފުރަތަމަ ފަހަރެވެ.
ޙޫޘީންގެ ފަރާތުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ދެމުންދަނީ ޣައްޒާގައި އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް ކަމަށް ބުނެއެވެ. އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 63,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 159,266 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.