ދުނިޔެ

އިސްރާއިލުން އަބޫ ޢުބައިދާ ޝަހީދުކޮށްލިކަމަށް ބުނާ ބުނުން ޙަމާސްއިން ދޮގުކޮށްފި

އިސްރާއިލުން އަބޫ ޢުބައިދާ ޝަހީދުކޮށްލިކަމަށް ބުނާ ބުނުން ޙަމާސްއިން ދޮގުކޮށްފި

ޙަމާސްގެ ތަރުޖަމާނު އަބޫ ޢުބައިދާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2025، 06:00

31 އޯގަސްޓު 2025، 06:00

އިސްރާއިލުގެ ސިފައިންގެ ފަރާތުން ޙަމާސްގެ ޢަސްކަރީ ފިޔަ ކަތާއިބުލް ޤައްސާމްގެ ތަރުޖަމާނު އަބޫ ޢުބައިދާ އަމާޒުކޮށް ޣައްޒާގައި ދިން ހަމަލާއެއް އަބޫ ޢުބައިދާ އަށް އަމާޒުވެ އަބޫ ޢުބައިދާ ޝަހީދުވެއްޖެ ކަމަށް ބުނެ ކުރި ދަޢުވާއަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ގޮސްފައި ވަނިކޮށް ޙަމާސް އިން ދޮގުކޮށްފިއެވެ. 

އިސްރާއިލުގެ ރަސްމީ ޗެނަލް "ކަން" އިން ހޮނިހިރު ދުވަހު ބުނެފައިވަނީ އިސްރާއިލުން ޣައްޒާގައި ދިން ހަމަލާއެއްގައި އަބޫ ޢުބައިދާ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމަށެވެ. އަދި އިސްރާއިލުގެ އެތެރޭގެ ސަލާމަތީ އިދާރާ "ޝަބާކް" އާއި ދެކުނު ސަރަޙައްދުގެ ކޮމާންޑާއި އަސްކަރީ އިންޓެލިޖެންސް ޑިވިޜަންގެ ބެލުމުގެ ދަށުން ޙަމާސްގެ މަތީ ފަންތީގެ ލީޑަރަކަށް އަމާޒުކޮށް ހަމަލާ ދިންކަމަށް އިސްރާއިލް ސިފައިންގެ ފަރާތުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އަބޫ ޢުބައިދާ ޝަހީދުވިކަމުގައިވެ  ގެއްލުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ޙަމާސްގެ މުޤާވަމަތު ދެމިއޮތްކަމަށެވެ.

އެހެންނަމަވެސް، އެހެން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވަނީ އިސްރާއިލުން ޣައްޒާގެ ރައްޔިތުންނަށް ދޭ ހަމަލާތަކަކީ ޙަމާސްގެ  ހަނގުރާމަވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށް ދެއްކުމަށް ފަތުރާ ދޮގުވާހަކަތަކެއް ކަމަށެވެ. 

 އަދި މިއީ އިސްރާއިލުން ކުރިންވެސް ބޭނުންކުރަމުން އައި ހިލަތްތެރި ގޮތެއްކަމަށާއި، މަދަނީ ރައްޔިތުންނަށް ހަމަލާދޭ ކޮންމެ ފަހަރަކު މުޤާވަމަތުގެ އިސް ފަރާތަކަށް އަމާޒުކޮށްގެން ހަމަލާދިންކަމަށް ބުނެ އެކަން “ޖަސްޓިފައި” ކުރަން މަސައްކަތްކުރާކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްރާއިލުން 2008 ވަނަ އަހަރު އަދި އޭގެ ފަހުން 2012 އިން 2014 އަށް އަދި މިހާރު ކުރިއަށް ގެންދާ “ޠޫފާން އަލް އަޤްޞާ” ހަނގުރާމައިގައިވެސް އަބޫ ޢުބައިދާއަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިސްރާއިލުން އަބޫ ޢުބައިދާ ޝަހީދުކޮށްލެވިއްޖެ ކަމަށްް ބުނާ ޚަބަރު ދޮގޮކޮށް ޙަމާސް އިން ބުނެފައިވަނީ އަބޫ ޢުބައިދާ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން