ދުނިޔެ
އިންޑިއާ އާއި ޗައިނާގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް މޯދީ ވިދާޅުވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ޗައިނާގެ ރައީސް ޝީ
އިންޑިއާ އާއި ޗައިނާގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއްޤައުމު އަނެއް ޤައުމަށް އިހްތިރާމްކުރުމާއި، އިތުބާރާއި، އެއްޤައުމުން އަނެއް ޤައުމުގެ ޚައްސާސް ކަންކަމަށް ރިޢާޔަތްކޮށްގެ ގުޅުން ކުރިއަށް ގެންދިޔުމަށް" މޯދީ ވިދާޅުވިއެވެ. މި ބައްދަލުކުރުން ބޭއްވުނީ ޓިއަންޖިންގައި ބޭއްވޭ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ތެރެއިންނެވެ.
ޝީ ޖިންޕިންގ ވެސް ވަނީ ބޯޑަރުގެ މައްސަލަތައް ހައްލުކޮށް، ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ބޯޑަރުގެ މައްސަލަތަކަކީ ދެ ޤައުމުގެ މުޅި ގުޅުން ކަނޑައަޅާ ކަމަކަށް ހަދައިގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
އެމެރިކާއިން އިންޑިއާގެ މުދަލަށް 50 ޕަސެންޓުގެ ޓެރިފް ކަނޑައެޅުމާ ގުޅިގެން، އިންޑިއާއިން ވަނީ ޗައިނާއާ އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި 2020 އިން ފެށިގެން މެދުކެނޑިފައިވާ ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއި، ޓޫރިސްޓް ވިސާގެ ހަނިކުރުންތައް ދެ ޤައުމުން ވެސް ނެގުން ހިމެނެއެވެ.
މީގެ އިތުރުން ޗައިނާއިން ވަނީ އިންޑިއާގެ ބުދިސްޓް ޒިޔާރަތްތެރިންނަށް ޓިބެޓަށް ޒިޔާރަތްކުރުމުގެ ހުއްދަ ދީފައެވެ. އަދި ރެއަރ އަރތް، ފަރޓިލައިޒަރ އަދި ޓަނަލް ބޯރިންގ މެޝިންތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ވެސް ދީފައެވެ. ޗައިނާގެ ބޮޑުވަޒީރު ވަންގ ޔީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މި އެއްބަސްވުންތަކަށް ވަނީ ވާސިލުވެފައެވެ.