ދުނިޔެ

އެމެރިކާއިން ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމާ ދެކޮޅަށް ޢަރަބި-އިސްލާމީ މިނިސްޓީރިއަލް ކޮމިޓީއިން އަޑުއުފުލައިފި

އެމެރިކާއިން ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމާ ދެކޮޅަށް ޢަރަބި-އިސްލާމީ މިނިސްޓީރިއަލް ކޮމިޓީއިން އަޑުއުފުލައިފި

އެމެރިކާއިން ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމާ ދެކޮޅަށް ޢަރަބި-އިސްލާމީ މިނިސްޓީރިއަލް ކޮމިޓީއިން އަޑުއުފުލުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2025، 02:19

31 އޯގަސްޓު 2025، 02:19

އެމެރިކާއިން ފަލަސްޠީނުގެ ވަފުދަށް ވިސާ ދޫނުކުރުމާ ދެކޮޅަށް ޢަރަބި-އިސްލާމީ މިނިސްޓީރިއަލް ކޮމިޓީއިން އަޑުއުފުލައިފިއެވެ. 

ހޮނިހިރު ދުވަހުގެ ރޭ، ޣައްޒާއާ ބެހޭ ޢަރަބި-އިސްލާމީ މިނިސްޓީރިއަލް ކޮމިޓީން އެމެރިކާއަށް ގޮވާލާފައިވަނީ ސެޕްޓެމްބަރ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ސެޝަނުގައި ބައިވެރިވާ ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމަށް ނިންމުން އަނބުރާ ގެންދިއުމަށެވެ.

 މިއީ ފަލަސްތީނު ދައުލަތަށް ބައިނަލްއަޤްވާމީ އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭ އެސެމްބްލީގެ ކުރިން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ނިންމުމާ ގުޅިގެން ކޮމިޓީން ނެރުނު ބަޔާނެކެވެ. ކޮމިޓީން އޭގެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ވަފުދަށް ވިސާ ދޫނުކުރުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު ހިތާމަ ފާޅުކުރާ ކަމަށާއި، އދ. ގެ ހެޑްކުއާޓަރސް އެގްރީމަންޓުގެ ދަށުން އޮންނަ އިލްތިޒާމްތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމާއި، ޞުލްޙައިގެ ވާހަކަތަކާއި އަދި ޑިޕްލޮމަސީއަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށެވެ.

ޣައްޒާއާ ބެހޭ ޢަރަބި-އިސްލާމީ ކޮމިޓީން ބާރުއަޅާފައިވަނީ މިހާރުވެސް ޣައްޒާ ނިކަމެތި ދަތި ޙާލަތުގައި ފަލަސްތީނު ރައްޔިތުން ތިބި އަދިވެސް އިސްރާއިލުން އެރައްޔިތުންނާއި ދެކޮޅަށް ހައްދެއްނެތް މިންވަރަށް އަނިޔާވެރި ޢަމަލުތައް ހިންގަމުންދާއިރު ފަލަސްތީނު ސަރުކާރާއި  ރައީސް މަޙްމޫދު އައްބާސްއަށް އެހީތެރިވުމުގެ މުހިންމުކަމަށެވެ. 

ސަޢުދީއާރަބިއްޔާގެ ރިޔާދުގައި ބޭއްވުނު ޢަރަބި-އިސްލާމީ ސަމިޓަކާ ގުޅިގެން ނޮވެމްބަރު 11 ގައި އުފެއްދި ޣައްޒާއާ ބެހޭ ޢަރަބި-އިސްލާމީ ކޮމިޓީން އިންޒާރުދީފައިވަނީ ފަލަސްތީނު ސަރުކާރު ބަލިކަށިކުރުމުން ސުލްޙައިގެ މަސައްކަތްތަކަށް ހުރަސްއެޅި، ހަނގުރާމަ ދެމިގެންދާނެ ކަމަށެވެ.

 މި ކޮމިޓީގައި ހިމެނެނީ ޤަތަރު، ސަޢުދީ ޢަރަބިއްޔާ، ޖޯޑަން، މިޞްރު، ބަޙްރައިން، ތުރުކީ، އިންޑޮނޭޝިއާ، ނައިޖީރިއާ އަދި ފަލަސްތީނުގެ ފޮރިން މިނިސްޓަރުންނާއި، ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލެވެ. 

 ހުކުރު ދުވަހު ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރައީސް މަޙްމޫދު އައްބާސް ހިމެނޭ ގޮތަށް ފަލަސްތީނުގެ އިސްވެރިންގެ ވިސާ ބާތިލުކުރުމުގެ ނިންމުމާމެދު މިއީ މެންބަރު ޤައުމުތަކުގެ މަންދޫބުންނަށް، އެ ޤައުމުތަކާއި ވޮޝިންގްޓަނާ ދެމެދު ހުރި ސިޔާސީ ގުޅުމަކާ ނުލައި، އެ ޤައުމަށް ވަނުމުގެ ފުރުސަތު ދިނުމަށް ބަޔާންކުރާ 1947 ގެ އދ. ހެޑްކުއާޓަރސް އެގްރީމަންޓާ ޚިލާފު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ. 

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއާއި ސެކިއުރިޓީ ކައުންސިލަށް ގޮވާލާފައިވަނީ ފަލަސްތީނު އޮތޯރިޓީއާއި ޕީއެލްއޯގެ އިސްވެރިންގެ ވިސާ ބާތިލުކުރުމުގެ އެމެރިކާއިން ނިންމި ނިންމުން ތަންފީޒުކުރުން ހުއްޓުވައި، އެމީހުންނަށް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވޭނެ ޙައްލެއް ހޯދުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން