ދުނިޔެ

ޣައްޒާގެ ރަމާލް ސަރަޙައްދަށް އިސްރާއިލުން ވައިގެ ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ރަމާލް ސަރަޙައްދަށް އިސްރާއިލުން ވައިގެ ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް އިސްރާއިލުން ދިން ހަމަލާގައި ޝަހީދުވެ އަނިޔާވި ބައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2025، 12:40

31 އޯގަސްޓު 2025، 12:40

ޣައްޒާގެ ރަމާލް ސަރަހައްދުގައި ހުރި މީހުންދިރިއުޅޭ އިމާރާތަކަށާއި، ބޭކަރީއަކަށް އަދި ޙާލުގައި ޖެހިފައިތިބި ބަޔަކު ދިރިއުޅޭ ޓެންޓަކަށް އިސްރާއިލުން ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރަމާލް ސަރަހައްދުގެ މީހުންދިރިއުޅޭ އިމާރާތަށް ދިން ހަމަލާގައި ޒަޚަމްވި ގިނަ ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެ ފަރާތްތަކުގެ ހާލަތު ވަރަށް ނާޒުކު ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އަން-ނަސްރު ސަރަހައްދުގައި ހުރި ބޭކަރީއަކަށާއި ޓެންޓަކަށް އިސްރާއިލުން ދިން ހަމަލާގައި 12 މީހުން ޝަހީދުވެފައިވެއެވެ. އަދި ޒައިތޫން ސަރަހައްދަށް ދިން ހަމަލާގައި 4 މީހުން ޝަހީދުވެފައިވާ ކަމަށް ބެޕްޓިސްޓް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. މިއާއެކު އިއްޔެ ޝަހީދުވި މީހުންގެ އަދަދު 77 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ވަނީ ހާމަކޮށްފައެވެ.

އިސްރާއިލްގެ ސިފައިންގެ 36 ވަނަ ޑިވިޜަންގެ ލޮޖިސްޓިކްސް ޔުނިޓްގެ ސާޖަންޓެއް ޣައްޒާގެ ދެކުނުގައި ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް އިސްރާއިލްގެ ސިފައިން ވަނީ ހާމަކޮށްފައެވެ. އިސްރާއިލްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ އެމީހުންގެ އަމިއްލަ ފަރާތުން ދިން ހަމަލާއެއްގައެވެ. މި އާއިއެކު ހަމަލާތައް ފެށިފަހުން މަރުވި އިސްރާއިލްގެ 900 ސިފައިން ވަނީ މަރުވެފައެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއިލްގެ ހަމަލާތަކުގައި 63,025 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 159,490 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 10,000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ކާބޯތަކެތީގެ ތަދުމަޑުކަމުގެ ސަބަބުން 322 މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން