ދުނިޔެ
ފުރަތަމަ ފަހަރަށް ޙަމާސްގެ ޝަހީދުވި އިސް ލީޑަރުންގެ ފޮޓޯތައް ހާމަކޮށްފި

ޝަހީދުވެފައިވާ އަލްޤަސަމްގެ ބައެއް އިސް ލީޑަރުން
ހަނގުރާމައިގައި ޝަހީދުވި ޙަމާސްގެ ހަނގުރާމަވެރި ވިންގުގެ އިސް ލީޑަރުންގެ ފޮޓޯތައް ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
މިފޮޓޯތައް ޙަމާސްއިން އާންމު ކޮށްފައިނީ ޓެލެގްރާމްގެ މެދުވެރިކޮށެވެ.
އަލް-ޤައްސާމްއިން ހާމަކުރި މި ފޮޓޯތަކުގައި ޙަމާސްގެ ކުރީގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާ، އޭނާގެ ޝަހީދުވުމަށްފަހު ސިޔާސީ ބިއުރޯގެ ވެރިޔާގެ މަޤާމަށް އިންތިޚާބުވި ޔަޙްޔާ ސިންވާރު، އަލް-ޤައްސާމްގެ ޗީފް އޮފް ސްޓާފް މުޙައްމަދު އައް-ދައިފް، އޭނާގެ ނައިބު މަރުވާން އީސާ، ޣައްޒާ ބްރިގޭޑްގެ ކޮމާންޑަރު ބާސިމް އީސާ އަދި މުޙައްމަދު ސިންވާރުގެ ފޮޓޯތަކެއް ކަމަށެވެ.
މި ފޮޓޯތައް ހާމަކުރުމާއެކު، މުޙައްމަދު ސިންވާރު ޝަހީދުވެފައިވާކަން ޙަމާސްއިން ފުރަތަމަ ފަހަރަށް ވަނީ ކަށަވަރުކޮށްދީފައެވެ. އިސްރާއިލްގެ ޢަސްކަރިއްޔާއިން މިދިޔަ މޭ 31 ވަނަ ދުވަހު ބުނެފައިވަނީ މޭ 13 ވަނަ ދުވަހު ޚާން ޔޫނިސްގައި ދިން ހަވާއީ ހަމަލާއެއްގައި މުޙައްމަދު ސިންވާރު ޝަހީދުކޮށްލެވުނު ކަމަށެވެ.
މީގެ އިތުރުން، މިއީ 20 އަހަރު ވަންދެން އިސްރާއިލަށް ކާކު ކަން ނޭނގި އޮތް މުޙައްމަދު އައް-ދައިފްގެ ފޮޓޯތައް ފުރަތަމަ ފަހަރަށް ހާމަކުރެވުނު ފަހަރެވެ. ޙަމާސްއިން މިދިޔަ ޖަނަވަރީ 30 ވަނަ ދުވަހު ވަނީ އޭނާ ޝަހީދުވެފައިވާކަން އިއުލާނުކޮށްފައެވެ.
މި ފޮޓޯތަކުގައި ޝަހީދުވި ލީޑަރުންގެ ބައްދަލުވުންތަކާއި ޖަލްސާތަކުގެ މަންޒަރުތައް ހިމެނެއެވެ. މި ފޮޓޯތައް ހާމަކޮށްފައިވަނީ އަލް-ޤައްސާމްގެ ސްޕޯކްސްޕަރސަން އަބޫ އުބައިދާ އަށް އަމާޒުކޮށް ޣައްޒާ ސިޓީގެ އަރް-ރަމާލް ސަރަހައްދަށް އިސްރާއިލުން ހަމަލާދިން ކަމަށް ބުނި ވަގުތާ ދެމެދު ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.