ދުނިޔެ
ޣައްޒާގައި މިއަދު ހަމަލާތަކުގައި 50 މީހުން ޝަހީދުވެ ބަނޑުހައިހޫނު ކަމުގައި 10 މީިހުން ޝަހީދުވެއްޖެ

ޣައްޒާގެ ޝަހީދެއްގެ ހަށިގަނޑު ކައިރީގައި އޭނާގެ އާއިލާގެ މެމްބަރުން
ފަލަސްޠީނުގެ ޣައްޒާގައި އިސްރާއިލްގެ ހަމަލާތަކުގައި 50 މީހުން ޝަހީދުވެ ބަނޑުހައިހޫނުކަމުގައި 10 މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ފަތިހުން ފެށިގެން އިސްރާއިލްގެ ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވެއެވެ. މީގެތެރެއިން 26 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީއަށް ދިން ހަމަލާތަކުގައެވެ. ޞިއްޙީ މަސްދަރުތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ޝަހީދުންގެ ތެރޭގައި ހިމެނޭ 10 މީހުންނަކީ ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް އަމާޒުކޮށް ހަމަލާދީ ޝަހީދުކޮށްލި މީހުންނެވެ.
އިސްރާއިލް ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީއަށެވެ. އިސްރާއިލްގެ ބާރުތަކުން ވަނީ ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް ވަދެ، ހަމަލާދިނުމުގެ މަސައްކަތް ފަށާފައެވެ. އަލް-ޝިފާ ހޮސްޕިޓަލުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި އަލް-ނަސްރު ސަރަހައްދުގައި ހުރި ރޮށި ފިހާރައަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި 11 ފަލަސްތީނުން ޝަހީދުވެފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ފުޑް ޕޮއިޒަނިންގެ ސަބަބުން 10 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 332 އަށް އަރާފައިވާއިރު، މީގެތެރޭގައި 124 ކުޑަކުދިން ހިމެނެއެވެ.
އިސްރާއިލްގެ މަސްދަރަކުން އެސޯސިއޭޓެޑް ޕްރެސްއިން ނަގާފައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާ ސިޓީއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުން ހުއްޓާލާނެއެވެ. އަދި އުތުރު ޣައްޒާއަށް އެހީގެ ޓްރަކުތައް ވަނުން މަދުކުރެވޭނެކަމަށް ބުނެފައިވެއެވެ.