ދުނިޔެ
ތުރުކީވިލާތުގެ ވައިގެ ސަރަހައްދު އިސްރާއިލަށް ބަންދުކޮށް ކަނޑުގެ ބަނދަރުތަކަށް އިސްރާއިލްގެ އުޅަނދުތައް ވަނުން މަނާކޮށްފި

ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން
ތުރުކީވިލާތުގެ ވައިގެ ސަރަހައްދު އިސްރާއިލަށް ބަންދުކޮށް އެޤައުމުގެ ކަނޑުގެ ބަނދަރުތަކަށްވެސް އިސްރާއިލްގެ އުޅަނދުތައް ވަނުން މަނާކޮށްފިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއިލާއެކު އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް މުޅިން ކަނޑާލައި، އެ ޤައުމުގެ މަތިންދާބޯޓުތަކަށް ތުރުކީގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް އިއުލާނުކޮށްފައިވަނީ ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާންއެވެ.
ހުކުރު ދުވަހު ތުރުކީގެ ޕާލަމެންޓުގައި ބޭއްވުނު ޣައްޒާއާ ގުޅޭ ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފިދާން ވިދާޅުވީ، ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އިންސާނިއްޔަތުކަމުގެ އަސާސީ އަގުތަކަށް އިޚްތިރާމް ނުކޮށް، އިސްރާއިލުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޣައްޒާގައި ނަސްލު ފޮހެލުމުގެ ޢަމަލުތައް ހިންގަމުން ގެންދަނީ ކަމަށެވެ.
މިދިޔަ އަހަރުގެ މޭ މަހު ތުރުކީން ވަނީ އިސްރާއިލާ އެކު ސީދާ ވިޔަފާރީގެ ގުޅުންތައް މެދުކަނޑާލާފައެވެ. އެގޮތުން ޣައްޒާއަށް އިންސާނީ އެހީ ވަނުމަށް ހުއްދަ ދިނުމަށާއި، ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިސްރާއިލަށް ގޮވާލާފައިވެއެވެ. 2023 ވަނަ އަހަރު ދެ ގައުމުގެ މެދުގައި 7 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވިފައިވެއެވެ.
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ނާޒީ ޖަރުމަނުގެ އެޑޮލްފް ހިޓްލަރާ އަޅާކިޔުއްވާފައެވެ. އަދި ޣައްޒާގައި ހިނގަމުންދަނީ ނަސްލު ފޮހެލުމުގެ ޢަމަލުތައް ކަމަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން އިސްރާއިލާ އެކު ވިޔަފާރި މުޅިން ހުއްޓާލައިފިން. ތުރުކީގެ އުޅަނދުފަހަރު އިސްރާއިލްގެ ބަނދަރުތަކަށް ދިއުމަށް ހުއްދައެއް ނުދެން. އަދި އެމީހުންގެ މަތިންދާބޯޓުތަކަށް އަޅުގަނޑުމެންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދެން،" މިނިސްޓަރ ފިދާން ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހު، އިސްރާއިލްގެ ރައީސް އިސްހާގް ހަރްޒޮގްގެ މަތިންދާބޯޓު އަޒަރުބައިޖާނުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމަކަށް ދަތުރުކުރެއްވުމަށް ތުރުކީގެ އެއަރ ސްޕޭސް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ތުރުކީން އިންކާރުކުރިއެވެ. އަދި 2010 ވަނަ އަހަރު ޣައްޒާއަށް އެހީ ގެންދިޔަ އުޅަނދަކަށް އިސްރާއިލުން ހަމަލާދީ ތުރުކީގެ 10 ރައްޔިތުން މަރާލުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.