ދުނިޔެ
ޕާކިސްތާނުގައި ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން ތިން ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފި

ޕާކިސްތާނުގައި ފެންބޮޑުވެފައި
ޕާކިސްތާނުގައި ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން ތިން ލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާކަމަށް އެޤައުމުގެ ޑިޒާސްޓާސް މެނޭޖްމަންޓުން ބުނެފިއެވެ.
މި ފެންބޮޑުވުމަކީ މި އަހަރުގެ މޫސުމީ ވިއްސާރައިގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.
ޕަންޖާބު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޖޫން 26 އިން ފެށިގެން މޫސުމީ ވިއްސާރައިގެ ސަބަބުން 835 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 195 މީހުން މަރުވެފައިވަނީ ޕަންޖާބު ސަރަހައްދުގައެވެ. އިންޑިއާއާ ދެމެދުގައިވާ ޕަންޖާބު ސަރަހައްދުގައި ހިނގާ ތިން ބޮޑު ކޯރު އޮހޮރުމުގެ ސަބަބުން 2،300 އަށްވުރެ ގިނަ ރަށަށް އަސަރުކޮށްފައިވެއެވެ.
ޕަންޖާބު ސަރުކާރުގެ ރިލީފް ސަރވިސަސްގެ އިސްވެރިޔާ ނަބީލް ޖާވެދު ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން 481،000 މީހުން ސަލާމަތްކުރެވި، 405،000 ޖަނަވާރު ރައްކާތެރި ތަންތަނަށް ގެންދެވިފައިވެއެވެ. މުޅި ޖުމްލަ 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.
"މިއީ ޕަންޖާބުގެ ތާރީޚުގައި ކުރިއަށްގެންދެވުނު އެންމެ ބޮޑު މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން،" މި ފަދައިން ޕްރޮވިންސްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ އިސްވެރިޔާ އިރްފާން އަލީ ޚާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
ޕާކިސްތާން މެޓެރޮލޮޖިކަލް ޑިޕާޓްމަންޓް (ޕީއެމްޑީ) އިން ވަނީ ގިނަ ސަރަހައްދުތަކަށް އިތުރު ވިއްސާރައާއި ވައި ގަދަވުމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން، އޯގަސްޓް މަހުގެ މެދުތެރޭގައި އަފްގަނިސްތާނާ ކައިރި ޚައިބަރް ޕަޚްތުންޚްވާ ސަރަހައްދުގައި ވިއްސާރައިގެ ސަބަބުން ބިންގަނޑު ބައިބައިވެ ވެއްޓި ހާދިސާގައި 400 އަށްވުރެ ގިނަ ޕާކިސްތާނު ރައްޔިތުން މަރުވެފައިވެއެވެ.