ދުނިޔެ
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އދ.ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ހުރަސް އެޅުން ޔޫރަޕްގެ ޤައުމުތަކާއި އޯއައިސީ އިން ކުށްވެރިކޮށްފި

ފަލަސްޠީންގެ ރައީސް މަޙްމޫދް ޢައްބާސް.
ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް އދ.ގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާއިން ހުރަސްއެޅުން ޔޫރަޕްގެ ޤައުމުތަކާއި އޯއައިސީ އިން ކުށްވެރިކޮށްފިއެވެ.ޔޫރަޕްގެ އެކިއެކި ޤައުމުތަކާއި އޯއައިސީއިން ވަނީ އދ. ގެ ބައްދަލުވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި އެހެން އިސްވެރިންނަށް އެމެރިކާއިން ވިސާ ދިނުމަށް އިންކާރުކުރުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓަރ ޖީން-ނޮއެލް ބާރޯ ވިދާޅުވީ އދ. ގެ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ އެއްވެސް ޝަރުތެއް ނެތި ލިބެންޖެހޭނެ ހައްގެއް ކަމަށެވެ. އަދި އދ. ގެ މައި މަރުކަޒަކީ ސުލްހައަށް ޚިދުމަތްކުރާ ވަކި ފަރާތަކަށް ނުޖެހޭ ތަނެއް ކަމަށާއި، ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަކީ އެއްވެސް ޝަރުތަކާ ނުލައި ލިބެންޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބެލްޖިއަމްގެ ފޮރިން މިނިސްޓަރ މެކްސިމް ޕްރެވޯ ވަނީ އެމެރިކާގެ މި ނިންމުމަކީ "ޑިޕްލޮމަސީއަށް ދިން ހަމަލާއެއް" ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ބައިވެރިން އެކަހެރިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ގިނަ ފަރާތްތަކެއް ބައިވެރިވާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
އޯއައިސީ އިން މި ނިންމުން ވަނީ "ތަފާތުކުރުން ގެންގުޅޭ" ނިންމުމެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާއިން މި ނިންމުން އަލުން މުރާޖަޢާކުރުމަށް ގޮވާލާފައެވެ. އެމެރިކާގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އެމެރިކާއިން ސޮއިކޮށްފައިވާ ހެޑްކްއޯޓަރސް އެގްރީމެންޓާ ޚިލާފު ކަމެއް ކަމަށް އޯއައިސީ އިން ބުނެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނެފައިވަނީ ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ފަލަސްތީނު އޮތޯރިޓީގެ 80 އަށްވުރެ ގިނަ މެންބަރުންގެ ވިސާ ބާތިލުކޮށް އަލުން ވިސާ ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ފަލަސްތީނު ސަރުކާރުން މިކަމާމެދު ހިތާމަ ފާޅުކޮށް، މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އެމެރިކާއާއި އދ. އާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ފަލަސްތީނު ފޮރިން މިނިސްޓްރީން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި ސެކިއުރިޓީ ކައުންސިލަށް ގޮވާލާފައިވަނީ ކުރިއަށް އޮތް ބައްދަލުވުންތަކުގައި ފަލަސްތީނުގެ ވަފުދުގެ ބައިވެރިވުން ކަށަވަރުކޮށްދިނުމަށެވެ.