ދުނިޔެ

އިންޑިއާގެ ޑޭމްތަކުގެ ފެންގަނޑު ދޫކޮށްލުމާ ގުޅިގެން ޕާކިސްތާނުން އެތައް ހާސް މީހުން ރައްކާތެރިސަރަހައްދުތަކަށް ގެންދަނީ

އިންޑިއާގެ ޑޭމްތަކުގެ ފެންގަނޑު ދޫކޮށްލުމާ ގުޅިގެން ޕާކިސްތާނުން އެތައް ހާސް މީހުން ރައްކާތެރިސަރަހައްދުތަކަށް ގެންދަނީ

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2025، 05:09

26 އޯގަސްޓު 2025، 05:09

އިންޑިއާގެ ޑޭމްތަކާއި ފެންބޮޑުވެފައިވާ ކޯރުތަކުން އެ ޤައުމުގެ ސަރަހައްދީ ބޯޑަރު ހިސާބުތަކަށް ފެން ދޫކޮށްލުމާ ގުޅިގެން ޕާކިސްތާނުން ވަނީ އެތައް ހާސް ރައްޔިތުންނެއް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ފަށާފައެވެ.

މި އަހަރުގެ މޭ މަހު ދެ ޤައުމުގެ މެދުގައި ހިނގި ހަތަރު ދުވަހުގެ ހަނގުރާމައަށް ފަހު، ދެ ޤައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ޑިޕްލޮމެޓިކް މުއާމަލާތެއް ކުރެވުނީ އިންޑިއާއިން އިއްޔެ ޕާކިސްތާނަށް ފެންބޮޑުވުމުގެ އިންޒާރު ދިނުމާ އެކުގައެވެ. 

އިންޑިއާއިން ޑޭމްތަކުގެ ފެން ދޫކޮށްލައިފައިމިވަނީ މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނުގައި މޫސުމީ ވިއްސާރައިގެ ސަބަބުން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެކެވެ.

ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި ސަޓްލެޖް ކޯރުގެ ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް ޕަންޖާބު ސޫބާގެ އޮފިޝަލުންނަށް ވަނީ އިންޒާރު ދީފައެވެ. އަދި އިރުމަތީ ސަރަހައްދުތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން ކަސޫރުން 14،000 އަށް ވުރެ ގިނަ މީހުން އަދި އިންޑިއާ ބޯޑަރާ ކައިރީގައިވާ ބަހަވަލްނަގަރު ސިޓީން 89،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނަށް ދާ ކޯރުތަކާއި ފެން މަގުތަކުގެ ފެން އިތުރުވެދާނެ ކަމަށް އިތުރު އިންޒާރުތައްވެސް ދެވިފައިވާ ކަމަށް ޕާކިސްތާނުގެ ޖިއޯ ނިއުސް ޓީވީ ޗެނަލުން ރިޕޯޓުކޮށްފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭ ޕާކިސްތާނުގައި ފާއިތުވި މަސްތަކުގައި ވަނީ ގިނަ އަދަދެއްގެ ކްލައުޑްބަރސްޓް ފްލަޑްތަކާއި އާދަޔާ ޚިލާފު ވިއްސާރަތައް ކުރިމަތިވެފައެވެ. މީގެ ތެރޭގައި ބޫނަރު ސަރަހައްދުގައި ކުއްލިއަކަށް ދިމާވި ފެންބޮޑުވުމުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ހާދިސާގެ ކުރިން އެއްވެސް އިންޒާރެއް ނުލިބޭ ކަމަށް ގިނަ ރައްޔިތުން ޝަކުވާ ކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން