ދުނިޔެ
ޗިލީގެ ރިޔާސީ އިންތިޚާބުގައި ޑައުން ސިންޑްރޯމް ހުންނަ ކުޅަދާނަ ފަންނާނެއް ވާދަކުރަނީ

ސެބަސްޓިއަން ސޮލޯރްޒާ
ޗިލީގެ މަޝްހޫރު ނެޓްފްލިކްސް ސީރީޒަކުންނާއި ގައުމީ ފަންނުވެރިކަމުގެ އެވޯޑުތަކުން ނަންވިދާލާފައިވާ 43 އަހަރުގެ ޑައުން ސިންޑްރޯމް ހުންނަ ފަންނާނު، ސެބަސްޓިއަން ސޮލޯރްޒާ، މި އަހަރުގެ ޗިލީގެ ގައުމީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ. ސޮލޯރްޒާގެ މަގުސަދަކީ ޗިލީގެ ސިޔާސީ މައިދާނުގައި ހައްދުފަހަނަޅާފައިވާ ދެ ފަރާތް ކަމަށްވާ ކަނާތު ފިޔަ ގިރާކުރާ ފަރާތްތަކާއި ވައަތު ފިޔަ ގިރާކުރާ ފަރާތްތަކުގެ މެދުގައި ހަމަހަމަ ނުކުތާއެއް އުފެއްދުމާއެކު، ޑައުން ސިންޑްރޯމް އަދި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.
މުސްތަޤިއްލު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލެއްވުމަށް، ސޮލޯރްޒާއަށް މި އޯގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 35،000 ސޮއި އެއްކުރަންޖެހެއެވެ. އެޕޯލޯ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ސޮލޯރްޒާ ވިދާޅުވީ، "އަހަރެން އަޑުއަހަނީ ހިތުން،" ކަމަށާއި އެބޭފުޅާގެ ހާލަތުގެ ސަބަބުން އިތުރަށް މަޑުމައިތިރި ކޮމިއުނިކޭޝަން ސްޓައިލެއް ގެންގުޅެވޭ ކަމަށެވެ.
އިންތިޚާބީ ދާއިރާއަށް ސޮލޯރްޒާ ވަނިއްޔާ، އޭނާގެ މަސައްކަތްތައް ބިނާވެގެންދާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިތުރަށް އެންމެން ޝާމިލުކުރުވުން، ޞިއްޙީ ޚިދުމަތްތަކާއި އަދި ތަޢުލީމީ ނިޒާމު ރަނގަޅުކުރުން، އަދި އަމާންކަން އިތުރުކުރުން ހިމެނެއެވެ. މިއީ މިހާރުގެ ޗިލީގައި ކުރިމަތިވެފައިވާ ގަދީމީ މައްސަލަތަކާއި ގުޅިފައިވާ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުންތަކެވެ.
ޗިލީގައި އާ ރައީސަކު ހޮވުމަށް އިންތިޚާބު ބާއްވާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މިހާތަނަށް އިންތިޚާބީ ކެމްޕޭނަށް ބާރުފޯރުވާފައިވަނީ ދެ މައިގަނޑު ކެންޑިޑޭޓުން ކަމަށްވާ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޖޯސޭ އެންޓޯނިއޯ ކާސްޓާއި، ވެރިކަން ކުރާ ކޯލިޝަންގެ ކޮމިއުނިސްޓު ކެންޑިޑޭޓު ޖީނެޓް ޖާރާގެ މެދުގައި ހިނގަމުންދާ ޒުވާބުތަކުންނެވެ. އިންތިޚާބަށް ތިން މަސްދުވަސް ބާކީ އޮތްއިރު، ޕޯލްތަކުން ދައްކާ ގޮތުގައި ކާސްޓާއި ޖާރާ ވަނީ އެންމެ ކުރީގައި ދެ ތަނަށް ވާދަކުރުމަށް ތައްޔާރުވެފައެވެ.
މިހާތަނަށް 35،000 ސޮއި ހޯދަންޖެހޭއިރު، ސޮލޯރްޒާއަށް އެއްކުރެވިފައިވަނީ 600 އަށް ވުރެ މަދު އަދަދެއްގެ ސޮޔެވެ. ނަމަވެސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ސިޔާސީ މަސައްކަތަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސޮލޯރްޒާގެ ސިޔާސީ އުންމީދުތަކުގެ ސަބަބުން "ޑައުން ސިންޑްރޯމް ހުންނަ މީހުންގެ އަޑު އުފުލައި، މުޖުތަމަޢުގައި އަދިވެސް ހުރި ކަނޑައެޅިފައިވާ ހިޔާލުތަކާއި ހުދޫދުތައް ނައްތާލުމަށް" މަގުފަހިވާނެ ކަމަށް ޗިލީގެ ޑައުން އަޕް ފައުންޑޭޝަންގެ ޑިރެކްޓަރު ކެރޮލީނާ ގަލާޑޯ ވިދާޅުވިއެވެ.
ސޮލޯރްޒާގެ ކެމްޕޭން މަސައްކަތުގެ އިތުރުން އޭނާ މަސައްކަތް ކުރައްވަނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގައެވެ. ހުސްވަގުތުތަކުގައި ކޮންގްރެސްއަށް ޒިޔާރަތްކޮށް، މަޖިލީހުގެ މެންބަރުންނާއެކު ވާހަކަދައްކަވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕޭނަށް ހިތްވަރު ދެއްވައެވެ. ޗިލީގެ ވެރިރަށް ސަންތިއާގޯގެ އުތުރުގައި އޮންނަ ހުއެޗުރާބާގެ މަގުތަކުގައި ސޮލޯރްޒާއަށް ގިނަ ފަހަރު ތާއީދުކުރާ ފަރާތްތަކާއި، ފަންނުވެރިންގެ ފޭނުންނާއި، ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ މަސައްކަތްތެރިންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބެއެވެ. އަބަދުވެސް ހިނިތުންވެ ހުންނަވައިގެން ސޮލޯރްޒާ މަޑުމަޑުން ހިނގާފައި ދާއިރު، ފޮޓޯ ނެގުމަށް ނުވަތަ ކުރު ވާހަކައަކަށް ބޭނުންވާ ކޮންމެ މީހަކަށް ވަގުތު ދެއެވެ.
ސޮލޯރްޒާ ދުނިޔެއަށް އުފަންވީ 1980ގެ އަހަރުތަކުގައެވެ. އޭރު ޑައުން ސިންޑްރޯމްއާ ބެހޭ ގޮތުން އެހާގިނަ މައުލޫމާތެއް ލިބިފައިނުވެއެވެ. އޭނާގެ މަންމަ ޖެނީ ސޮލޯރްޒާ ހަނދާންކުރައްވާ ގޮތުގައި އޭނާގެ ކުޑައިރުގެ ދުވަސްތައް ވަރަށް "އަނދިރި" އެވެ. ސަބަބަކީ ޑޮކްޓަރުން ދަރިފުޅުގެ ސާފު ބައްޔެއް ދެނެގަނެފައި ނުވާތީއާއި، އެކަމާ ބެހޭ މައުލޫމާތު ހޯދަންޖެހުނީ އަމިއްލައަށް ކަމަށް ވާތީއެވެ.
ސޮލޯރްޒާ ވަނީ ޚާއްސަ މަދަރުސާތަކަށް ގޮސް އެތަންތަނުން އާޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުކޮށްފައެވެ. އޭނާ 18 އަހަރުގައި ތިއޭޓަރ ސްކޫލަކަށް ސްކޮލަރޝިޕް ލިބި، އޭގެ ފަހުން ގަވައިދުން ސްޓޭޖް ޕަރފޯމަންސްތައް ދީ މަޝްހޫރު ޓީވީ ޓޯކް ޝޯތަކުގައި ވެސް ފެނިފައިވެއެވެ. އޭނާ ގައުމީ މަޝްހޫރުކަން ހޯއްދެވީ ޗިލީގެ ތްރިލާ "ކްރޮމޮސޯމް 21" ގައި ޓޮމީގެ މައިގަނޑު ރޯލުންނެވެ. މި ސީރީޒް ނެޓްފްލިކްސްގައި 2022 ވަނަ އަހަރު ރިލީޒް ކުރިތާ ދެ ދުވަސް ތެރޭގައި ޗިލީގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ބެލި ސީރީޒްއަށް ވެފައިވެއެވެ. މި ރޯލުން ސޮލޯރްޒާއަށް ޗިލީގެ ފިލްމު އިންޑަސްޓްރީގެ އެންމެ މުހިންމު އެވޯޑުތަކުގެ ތެރޭގައި ހިމެނޭ 2023 ވަނަ އަހަރުގެ ކެލޫޗޭ އެވޯޑްސްގައި ބެސްޓް ނިއު އެކްޓަރ އެވޯޑް ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި އޭނާގެ ސިޔާސީ ތަޖުރިބާ ނެތް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއެވެ.