ރިޕޯޓް
ބ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި 15 ޚިދުމަތެއް އިފްތިތާޙުކޮށް، 90އަށް ވުރެ ގިނަ މަޝްރޫޢު އިޢުލާންކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ބ. ކިހާދޫއަށް ވަޑައިގަތުން / 13 އޯގަސްޓް 2025، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތު ތަސްދީޤު ކުރެއްވުމުގެ ގޮތުން އެ މަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށްށެވެ.
މި އަތޮޅުގައި މީހުން ދިރިއުޅޭ ޖުމްލަ 13 ރަށެއް ހިމެނޭއިރު، ރައީސުލްޖުމްހޫރިއްޔާ އެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުން އިތުރަށް ޔަޤީންވެގެން ދިޔައީ، އެ މަނިކުފާނުގެ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި، އެއްވެސް ރަށެއް ބާކީނުކޮށް ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމެވެ. މި ކަމުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހަމައެކަނި މަޝްރޫޢުތައް ހިންގާތީއެއް ނޫނެވެ. ނަމަވެސް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ ރަށެއްގެ ތަރައްޤީގެ ކަންތައްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާތިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާއި، ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މި މަހުގެ 11އިން 14އަށް ކުރެއްވެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ހާމަކޮށްދެއްވީ، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާއި ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅުން އޮތް މިންވަރެވެ.
އެގޮތުން އެ އަތޮޅުގެ 12 ރަށެއްގައި ޖުމްލަ 15 ޚިދުމަތެއް/މަޝްރޫޢެއް އިފްތިތާޙު ކުރައްވާފައިވެއެވެ. މީގެއިތުރުން، 6 ރަށެއްގައި 7 މަޝްރޫޢެއް ފަށްޓަވާދެއްވިއިރު، 8 ރަށެއްގައި ޖުމްލަ 15 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު ވަނީ ސޮއިކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގައި 90އަށް ވުރެ ގިނަ މަޝްރޫޢު އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ހިންގަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާފައިވެއެވެ. އެއީ އެ އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު އަދި މާޅޮހުގައެވެ. މި މަޝްރޫޢަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން ބ. އަތޮޅާއެކު، ޖުމްލަ 7 އަތޮޅެއްގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
އޭޓީއެމް ޚިދުމަތުގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ކެންދޫ އާއި ދަރަވަންދޫގެ ފެނާއި ނަރުދަމާ ނިޒާމުވެސް ރަސްމީކޮށް ވަނީ އިފްތިތާޙުކުރައްވާފައެވެ.
އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ތެރެއިން، ބ. އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި މޯލްޑިވްސް އިމިގްރޭޝަނުގެ އޮފީހެއް ހުޅުވާދެއްވާފައެވެ. މިއާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް ދެން މާލެ ނުގޮސް ޕާސްޕޯޓު ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިގެން ގޮސްފައެވެ.
އޭދަފުށީގައި މި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު ޖުމްލަ 12 އަތޮޅަކަށް މި ޚިދުމަތް މިވަނީ ފުޅާކުރެވިފައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ ފުރަތަމަ ޤައުމަކަށް، މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބ. އަތޮޅުގެ ދަތުރުފަތުރަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ، އެ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ އަތޮޅުގައި ފެރީގެ ދަތުރުތައް ފެށި ނަމަވެސް، އެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ، މި މަހުގެ 11ވަނަ ދުވަހު އެ އަތޮޅުގެ ވެރިކަންކުރާ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ބާއްވަނީ 2 ރޫޓަކަށެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރަނީ ހައި ސްޕީޑް 2 ފެރީއެވެ.
ބ. އަތޮޅަށް ރައީސް ކުރެއްވެވި ދަތުރުފުޅުގައި 6 ރަށެއްގައި 7 މަޝްރޫޢެއް ފަށްޓަވާދެއްވިއިރު، މީގެތެރޭގައި އެންމެ ގިނައީ ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަށް ފެއްޓެވި މަސައްކަތްތަކެވެ. އެގޮތުން، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ދަރަވަންދޫ އަދި މާޅޮހުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
އަދި ރައީސްގެ މި ދަތުރުފުޅުގައި ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، އެ އަތޮޅުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ބަދަލެއްގެ ފެށުމެކެވެ.
މީގެ އިތުރުންވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުން ވެސް މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާ އާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ. އޭގެތެރޭގައި ކަމަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫ ސްކޫލުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ކެމްޕަހެއް ޤާއިމްކުރުން ހިމެނެއެވެ.
މީގެއިތުރުން، ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމާއި، ކެންދޫ، ހިތާދޫ އާދި ދޮންފަނުގައި ބިން ހިއްކުމަށް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި ދޮންފަނާއި ކެންދޫގެ ބަނދަރު އަޕްގްރޭޑު މަސައްކަތާއި، ބ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން، ތުޅާދޫ ކަލްޗުރަލް ސެންޓަރުގެ މަސައްކަތް ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުފުޅުގައި ބ. އަތޮޅުގެ ރަށްރަށުގައި މި އަހަރާއި މިއަންނަ އަހަރުގެ އިތުރުން، މި ދައުރުގައި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވެސް ދެއްވާފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، 90އަށް ވުރެ ގިނަ މަޝްރޫޢު އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ހިންގަވާނެކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ކަންކަމަކީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ދަތުރުފުޅުގައި މި އަހަރާއި މި އަންނަ އަހަރުގެ އިތުރުން، މި ދައުރުގައި ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރާ މަޝްރޫއުތައް:
ކަމަދޫ
- ބަނދަރު ހެދުމުގެ މަސައްކަތް ފުރިހަމަކުރުން
- ގިރާ ސަރަޙައްދުގެ މައްސަލަ ހައްލުކޮށްދިނުން
- ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުތައް ހެދުން
- އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އައު މިސްކިތެއް ބިނާކުރުން
- ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށަކަށްވާތީ ރަށް ކައިރިން ފަޅުރަށެއް ޕިކްނިކް ރަށެއްގެ ގޮތުގައި ހަމަޖައްސުން
- ފުޓްސަލް ދަނޑުގައި ޓާރފް އެޅުން
ކުޑަރިކިލު
- މި އޮގަސްޓު މަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް އަލުން ފައްޓަވައި، ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުން
- ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކުން މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުން
- މިހާރު ހުއްޓުމަކަށް އައިސްފައިވާ ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމުމަށްފަހު، ރައްޔިތުން އެދޭ ފަދަ މަލްޓި ޕަރޕަސް ހޯލެއްގެ މަސައްކަތް ކުރިއަށްގެންދިއުން
- ކޮންޓްރެކްޓްކޮށްފައިވާ މިސްކިތުގެ މަސައްކަތް ބިން ހަމަޖެހުނުހާ އަވަހަކަށް ފެށުން
- ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި މަހު ހަވާލުކުރުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުން
- ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުން
ކެންދޫ
- ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އަވަހަށް ފެށުން
- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުން
- އައުޓްޑޯ ޖިމެއް ތަރައްޤީކުރުން
އޭދަފުށި
- 1000 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓައި، މި ދައުރުގެ ތެރޭގައި ނިންމުން
- ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރުން
- އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުން
- މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރު އޭ.ޓީ.އެމްއެއް ޤާއިމުކުރުން
- ކޮންވެންޝަން ސެންޓަރު ޤާއިމުކުރުން
- މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުން
ތުޅާދޫ
- އައު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އިއުލާންކުރުން
- ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހެދުން
- ޞިއްޙީ މަރުކަޒުގައި އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުންގެ ޚިދުމަތް ފެށުން
- ޕިކްނިކްދާ ރަށަކަށް އެ ރަށް ކައިރީގައި އޮތް އެނބޫދޫ ހަމަޖައްސުމަށް މަސައްކަތް ކުރުން
- ހޭންޑްބޯޅަ ކޯޓެއް އެޅުން
- މިހާރު އޮތް ފުޓްސަލް ދަނޑުގެ ބަދަލުގައި ބޮޑު ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުން
ގޮއިދޫ
- ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުން
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުން
- އިންޖީނުގޭގެ މައްސަލަތައް ޙައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫޢެއް މި އަހަރު ފެށުން
- ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އަވަހަށް ނިންމުން
- ސްކޫލްގެ ދެވަނަ ފިޔަވައްސެއްގެ ގޮތުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށްގެންދިއުން
- ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުން
- ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް ފެށުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް މި އަހަރު ފެށުން
- އިކޯ ޓޫރިޒަމްގެ މަސައްކަތް މި އަހަރު ފެށުން
- ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވުމުން، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖެއްސުން
ފެހެންދޫ
- ހުއްޓިފައިވާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު އަވަހަށް ނިންމުން
- ފެހެންދޫ ސްކޫލްގައި މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުން
- ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަކުރުމުގެ މަޝްރޫޢު މި އަހަރު ފެށުން
- ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ޤާއިމްކުރުން
- ފުޓްސަލް ދަނޑުގެ ޓާރފު އާކުރުން
- ވޮލީ ކޯޓު ޤާއިމްކުރުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުން
- އައުޓްޑޯ ޖިމް ޤާއިމްކުރުން
- ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ފެށުން
- ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯއްދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން
ފުޅަދޫ
- ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށުން
- ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމަށް އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން
- ޞިއްޙީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް މި އަހަރު ފެށުން
- 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި އައު މިސްކިތެއް ބިނާކުރުން
- ފަތުރުވެރިކަމުގެ މަސައްކަތަށް ފުޅަދޫގެ ކައުންސިލާއި ބ. އިންނަފުށި ހަވާލުކުރުން
- ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މި އަހަރު ފެށުން
- ހުރިހާ ކަމެއް ފުރިހަމަ ފުޓްސަލް ދަނޑެއް ތަރައްްޤީކުރުން
ހިތާދޫ
- އިޤުތިޞާދީ މަދައްކަތަށް ބ. ''މާމަޑުއްވަރީ'' ހިތާދޫއާ ހަވާލުކުރުން
- ހެލްތު ސެންޓަރު އަޕްގްރޭޑު ކުރުމަށްފަހު ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތް ފެށުން
- ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ޤާއިމްކުރުން
- ވޮލީ ކޯޓު ޤާއިމްކުރުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުން
- އައުޓްޑޯ ޖިމްގެ މަސައްކަތްތައް މި އަހަރު ފެށުން
ކިހާދޫ
- ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓުކުރުން
- އިންޖީނުގެ ހުރި ތަން ބަދަލުކުރުން
- ފެނަކައިގެ އާ އިމާރާތުގެ މަސައްކަތް
- މި އަހަރު އެމްބިއުލޭންސް އެއް ހޯދުން
- ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އަންނަ އަހަރު ކުރިއަށްގެންދިއުން
- ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދިއުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމްކުރުން
- އައުޓްޑޯ ޖިމް ޤާއިމްކުރުން
- ކުޑަކުދިންގެ ޕާކުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުން
ދޮންފަނު
- ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ފެށުން
- ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ފަށައި، ފެންސާއި ލައިޓާއެކު ނިންމުން
- ފުޓްސަލް ދަނޑު ހަދާއިރު ހޭންޑްބޯލް ކުޅެވޭގޮތަަށް ދަނޑު ފުރިހަމަކޮށްދިނުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް މި އަހަރު ފެށުން
- އައުޓްޑޯ ޖިމްގެ މަސައްކަތް މި އަހަރު ފެށުން
- މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ވޮލީ ކޯޓުގެ މަސައްކަތް ފެށުން
ދަރަވަންދޫ
- ޤާނޫނާއި ޤަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކުރައްވައިގެން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށުން
- ޑަޔަލިސިސް ޚިދުމަތް ފެށުން
- އެކްސްރޭގެ ޚިދުމަތް ފެށުން
- މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދަރަވަންދޫގައި 30 އެނދުގެ ސިއްޙީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް ޤާއިމްކުރުން
- ދަރަވަންދޫ ފުޓުބޯޅަ ދަނޑު ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މި އަހަރު ބަޔަކާ ހަވާލުކުރުން
- ދަރަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް، ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށުން
- ޕާސްޕޯޓު ޚިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ހަމަޖެހުނުހާ އަވަހަކަށް، އެ ޚިދުމަތް ދަރަވަންދޫއިން ދޭން ފަށުން
- ދަރަވަންދޫ ސަރަޙައްދުގައި އޮތް ބަޔޯސްފިޔާރ ރިޒާވްގެ ބޭނުން އިތުރަށް ހިފޭނެ ގޮތް ހެދުމަށް، އިތުރު ވޮޗް ޓަވާރއެއް ޤާއިމް ކުރުން
މާޅޮސް
- ބަނދަރުގެ މަސައްކަތުގެ ސްޕީޑު އަވަސްކުރުން
- ރަށުގެ ބިމުގެ ޖާގަ އިތުރުކުރުން
- އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން
- ގޮނޑުދޮށް ހިމާޔަތްކުރުން
- ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ކުރިޔަށްގެންދިއުން
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ޤާއިމްކުރުން
- އައުޓްޑޯ ޖިމް ޤާއިމްކުރުން
- ސްކޫލް ތަރައްޤީކުރުން
މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ޤާއިމުކުރައްވައި، ރައްޔިތުން ބާރުވެރިކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކުރައްވާފައިވެއެވެ. އަދި ތަރައްޤީގެ ތަޞައްވުރު ޙަޤީޤަތަށް ހެދުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.