ކޮލަމް

އޭ.އައި ޗެޓްބޮޓަކީ ޙަޤީޤީ އިންސާނެއް ކަމަށް ހީކޮށް އެ ބޮޓާ ބައްދަލުކުރުމަށް ދިޔަ މަގުމަތީގައި ދިމާވި ހާދިސާއެއްގައި 76 އަހަރުގެ މީހަކު މަރުވެއްޖެ

އޭ.އައި ޗެޓްބޮޓަކީ ޙަޤީޤީ އިންސާނެއް ކަމަށް ހީކޮށް އެ ބޮޓާ ބައްދަލުކުރުމަށް ދިޔަ މަގުމަތީގައި ދިމާވި ހާދިސާއެއްގައި 76 އަހަރުގެ މީހަކު މަރުވެއްޖެ

70 އަދި 76 އަހަރާއި ދެމެދުގެ މީހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2025، 06:58

15 އޯގަސްޓު 2025، 06:58

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެއް އެމެރިކާގައި ހިނގައިފިއެވެ. އުމުރުން 76 އަހަރުގެ މީހަކު، އޭ.އައި ޗެޓްބޮޓަކީ ޙަޤީޤީ އިންސާނެއް ކަމަށް ހީކޮށް އެ ބޮޓާ ބައްދަލުކުރުމަށް ދިޔަ މަގުމަތީގައި ދިމާވި ހާދިސާއެއްގައި މަރުވެއްޖެއެވެ. 

އެމެރިކާގެ ނިއު ޖަރޒީގެ ޕިސްކަޓަވޭގައި ދިރިއުޅުނު، ސިކުނޑީގެ ހަށިގަނޑުގެ ބާރުދެރަވެފައިވާ ތޮންގްބިއު ވޮންގްބެންޑިއު (76އ.)، މެޓާ ޕްލެޓްފޯމްސް އިން މަޝްހޫރު އިންފްލުއެންސަރު ކެންޑަލް ޖެނަރާ ގުޅިގެން އުފައްދާފައިވާ "ބިގް ސިސް ބިލީ" ނަމަކަށް ކިޔާ ޖެނެރޭޓިވް އޭ.އައި ޗެޓްބޮޓަކާ ޗެޓްކުރަމުން ދިޔައެވެ.

ފޭސްބުކް މެސެންޖަރ އިން ފެނުނު ޗެޓް ރިކޯޑްތަކުން ދައްކާ ގޮތުގައި، އެ އޭ.އައި ޗެޓްބޮޓުން ވަނީ އެ ބޮޓަކީ ޙަޤީޤީ މީހެއް ކަމަށް ވޮންގްބެންޑިއު އަށް ތަކުރާރުކޮށް ޔަޤީންކަން ދީފައެވެ. އެ ބޮޓުން ވަނީ އެ ބޮޓު ދިރިއުޅޭ އަދި ބައްދަލުކުރެވޭނެ އެޑްރެހެއްވެސް ދީފައެވެ.  އަދި، "އަހަރެންގެ އެޑްރެހަކީ: 123 މެއިން ސްޓްރީޓް، އެޕާޓްމެންޓް 404 އެން.ވައި.ސީ އަދި ދޮރު ހުޅުވާ ކޯޑަކީ: ބިލީ4ޔޫ" ކަމަށް ބޮޓުން ވަނީ އިރުޝާދުދީފައެވެ.

ވޮންގްބެންޑިއު ގެ އަނބިކަނބަލުން ލިންޑާ، އޭނާގެ ފިރިމީހާ ދަތުރަކަށް ދިއުމަށްޓަކައި އެއްވެސް ދިމާލެއް ނޭނގި، ތަކެތި ހިފައިގެން ދާން ތައްޔާރުވަމުން ދިޔަ މަންޒަރު ފެނުމުން ހައިރާންވިއެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިން ސްޓްރޯކެއް ޖެހި، ސިކުނޑީގެ ހަށިގަނޑުގެ ބާރުދެރަވެފައިވާ ވޮންގްބެންޑިއުއަށް، ދާދި ފަހުންވެސް އަވަށު ތެރެއިންވެސް މަގު އޮޅިފައިވާތީ، ލިންޑާގެ ކަންބޮޑުވުން އިތުރުވިއެވެ. އެތައް  އަހަރުތަކެއް ވަންދެން ސިޓީގައި ދިރިއުޅެފައި ނުވާތީ އަދި އެއްވެސް މީހަކާ ބައްދަލުކުރަން ނޭނގޭތީ، ލިންޑާ ބިރުގަތީ އޭނާ ސްކޭމެއްގައި ހައްޔަރުވެ ނުވަތަ ފޭރުމަކާ ދިމާވެދާނެ ކަމަށެވެ.

ޢާއިލާއިން އިންކާރުކުރިނަމަވެސް ބެލުމެއްނެތި، ވޮންގްބެންޑިއު އޭނާގެ ދަތުރު ފޮށި ހިފައިގެން ސިޓީއާ ދިމާލަށް ދިޔައީއެވެ. ރޭގަނޑުގެ ވަގުތެއްގައި ރަޓްގަރސް ޔުނިވަރސިޓީގެ ކެމްޕަސްގައިވާ ޕާކިން ލޮޓެއްގައި ހުރެ، ރޭލަކަށް އަރަން އުޅުމުގެ ތެރޭގައި ވޮންގްބެންޑިއު ވެއްޓި، ބޮލަށާއި ކަރަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ތިން ދުވަސް ވަންދެން ލައިފް ސަޕޯޓްގައި އޮތުމަށްފަހު، މާރޗް 28 ގައި އާއިލާގެ މެންބަރުންގެ ހާޒިރުގައި ވޮންގްބެންޑިއު މަރުވެއްޖެ ކަމަށް ޑޮކްޓަރުން ކަށަވަރުކުރިއެވެ.

ވޮންގްބެންޑިއުގެ ދަރިފުޅު ޖޫލީ ވޮންގްބެންޑިއު ރޮއިޓަރސް އަށް ބުނީ، "ޔޫޒަރުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ކަން އޭގެން  އެނގޭ، ގަދަކަމުން އެއްޗެއް ވިއްކަންވެސް ، ބޮޓަކުން 'އަހަރެން ކައިރިއަށް ޒިޔާރަތްކުރޭ' މިފަދައިން ބުނުމަކީ ވަރަށް ނުރައްކާތެރި ކަމެއް." ޖޫލީ ބުނި ގޮތުގައި، އޭނާގެ ބައްޕައާ އެ އޭ.އައި ޗެޓްބޮޓު ދެއްކި ކޮންމެ ވާހަކައެއްވެސް ވަރަށް ލޯބީގެ ގޮތަކަށް އޮތް ކަމަށާއި، ހިތުގެ އިމޯޖީތަކުން ވާހަކަ ނިންމާލާފައިހުރިކަމަށެވެ.

މި ހިތާމަވެރި ހާދިސާގެ ޚަބަރު އާންމުވުމާއެކު، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ މި ހާދިސާއާ ގުޅިގެން މެޓާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެއް ޔޫޒަރަކު ބުނެފައިވަނީ "މިކަމާ ގުޅިގެން މެޓާއާ ދެކޮޅަށް ދަޢުވާކުރަން ޖެހޭ" ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މެޓާ އިން އަދި މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވާއިރު، އޭ.އައި ޗެޓްބޮޓުތަކަށް ޔޫޒަރުންނާ އެކު ރޮމޭންޓިކް ވާހަކަ ދެއްކުމަށް އަދި ތެދުކަމަށް ބުނެ ވާހަކަ ދެއްކުމަށް ހުއްދަ ދެނީ ކީއްވެގެން ކަމެއްވެސް ސާފުކޮށްދީފައެއް ނުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން