ސައިންސް / ވިޔަފާރި

އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ ގާތް ނުފެނުމުގެ މައްސަލަ ޙައްލުކޮށްދޭ ލޮލަށްއަޅާ ބޭހަށް ހުއްދަދީފި

އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ ގާތް ނުފެނުމުގެ މައްސަލަ ޙައްލުކޮށްދޭ ލޮލަށްއަޅާ ބޭހަށް ހުއްދަދީފި

ވިޒް ލޮލަށް އަޅާ ބޭސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2025، 06:14

15 އޯގަސްޓު 2025، 06:14

އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ދިމާވާ ގާތް ފެނުން ކުޑަވުމުގެ މައްސަލައަށް "ޕްރެސްބަޔޮޕި" ޙައްލެއް ގެނެސްދޭނެ ކަމަށް ބެލެވޭ އާ ލޮލަށްއަޅާ ބޭހެއް ކަމުގައިވާ 'ވިޒް' ބޭނުންކުރުމުގެ ހުއްދަ، އެމެރިކާގެ ކާނާ އަދި ބޭހާބެހޭ އިދާރާ އެފްޑީއޭއިން ދީފިއެވެ. ލެންޒް ކުންފުނިން އުފައްދާފައިވާ މި ބޭސް އާންމުވުމާއެކު، ގިނަ ބަޔަކަށް ފޮތްކިޔާ އައިނު ނުވަތަ  ކޮންޓެކްޓް ލެންސް ބޭނުންކުރަން ޖެހުން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

'ވިޒް' އަކީ ދުވާލަކު އެއް ފަހަރު ލޮލަށް އަޅަންޖެހޭ ޑްރޮޕެކެވެ. މިއީ ވަގުތީ ޙައްލެއް ނަމަވެސް، އެއްފަހަރުން ގާތްގަނޑަކަށް 10 ގަޑިއިރަށް ގާތުން ފެނުން ސާފުކޮށްދޭނެއެވެ. މި ބޭސް މަސައްކަތްކުރަނީ 'އޭސެކްލިޑީން' ކިޔާ ކެމިކަލެއްގެ އެހީގައެވެ. މިއީ ލޮލުގެ ކަޅިއަށް ކެމެރާ ލެންސެއްގެ ބައްޓަމަށް "ޕިންހޯލް އެފެކްޓް" އެއް ގެނެސްދީ، ގާތުގެ ތަކެއްޗާއި ލިޔުންތައް ސާފުކޮށް ފެންނަ ގޮތް ހަދައިދޭ ބޭހެކެވެ. ލެންޒް ކުންފުނިން ބުނާ ގޮތުގައި، މީގެ ކުރިން ނެރެފައިވާ މިފަދަ ބޭސްތަކާ ޚިލާފަށް، 'ވިޒް' ބޭނުންކުރުމުން ދުރުފެނުން ފުސްވުމެއް ނުވަތަ ލޮލަށް 'ޒޫމް-އިން' ވުމެއް ދިމައެއް ނުވާނެއެވެ. އަދި ލޮލުގެ މަސްތަކަށް ބާރުބޮޑުވުމެއް ނުވަތަ ބުމައިގެ ބަރުކަމެއް ފަދަ ނުރަނގަޅު އަސަރުތައްވެސް މި ބޭހުން ކުރިމައެއް ނުވާނެއެވެ.

ޕްރެސްބަޔޮޕިއާ އަކީ އުމުރުން ދުވަސްވުމުން ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ޚާއްސަކޮށް 40 އަހަރުން މަތީގެ މީހުންނަށް މިކަން ފާހަގަވެ، ލޮލުގެ ފެނުން ދަށްވެ، ގާތުގެ ތަކެތި ކިޔަން ނުވަތަ ސާފުކޮށް ބަލަން ދަތިވާން ފަށައެވެ. ގިނަ ފަހަރަށް މީގެ ސަބަބުން ފޮތްކިޔާ އައިނު ނުވަތަ ލޮލަށް ކޮންޓެކްޓް ލެންސް ބޭނުންކުރަން ޖެހެއެވެ. ނުވަތަ ފޮތްތަކާއި ފޯނުތައް ފަދަ ތަކެތި ދުރަށް ޖައްސައިގެން، ނުވަތަ ސްކްރީންތަކުގެ އަލިކަމާއި ފޮންޓުގެ ބޮޑުމިން އިތުރުކޮށްގެން ސާފުކުރަން މަސައްކަތްކުރެއެވެ.

ނަމަވެސް، 'ވިޒް' ލޮލަށްއަޅާ ބޭހުގައިވެސް ބައެއް ނޭދެވޭ އަސަރުތައް ހުރެދާނެކަމަށް އެފްޑީއޭއިން ބުނެއެވެ. ބޭސް އެޅުމަށްފަހު ވަގުތީގޮތުން ލޮލުގެ ފެނުން ފުސް ނުވަތަ އަނދިރިވެދާނެއެވެ. އެހެންކަމުން، ފެނުން ފުސްވެފައި ވަނިކޮށް، މަގުމަތީގައި ދުއްވުމުން ނުވަތަ ބޮޑެތި މެޝިންތައް އޮޕަރޭޓްކުރުމުން މަނާކުރެއެވެ. ޚާއްސަކޮށް ރޭގަނޑު ނުވަތަ އަލިމަޑު ތަންތަނުގައި މަސައްކަތްކުރާއިރު ސަމާލުވުމަށް އިރުޝާދު ދެއެވެ. މި ބޭސް މިއަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގައި ފުޅާ ދާއިރާއެއްގައި ލިބެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.

ކެނެޑިއަން އެސޯސިއޭޝަން އޮފް އޮޕްޓޮމެޓްރިސްޓްސް އިން ބުނާ ގޮތުގައި، ޕްރެސްބަޔޮޕިއާ އަކީ އުމުރުން ދުވަސްވުމުގެ "ޤުދުރަތީ ނަތީޖާ" އެކެވެ. މިއީ އާންމުކޮށް 40 އާއި 45 އަހަރާ ދެމެދު ފާހަގަވާ ކަމެއް ކަމަށާއި، ލޮލުގެ ފެނުމުގެ ކޮންޓްރެކްޓްވުމުގެ ކުޅަދާނަކަން ދަށްވުމުން ދިމާވާ ކަމެކެވެ. އާންމުކޮށް 40 ގެ ފަހުކޮޅާ ނުވަތަ 50 ގެ ކުރީކޮޅާ ހަމައަށް މި މައްސަލަ އިތުރަށް ގޯސްވެއެވެ. އައި ހެލްތް ސެންޓަރ އިން އެއްކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔެއިގެ ގާތްގަނޑަކަށް 1.8 ބިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. އަދި އުތުރު އެމެރިކާގައި މިކަން އިތުރުކަމަށް ދައްކާއިރު، އެއީ ލޮލުގެ ޗެކަޕްތައް އެމެރިކާއާއި ކެނެޑާގައި ބޮޑަށް ކުރެވޭތީވެ މި ނަންބަރުތައް މަތިވާ ސަބަބު ކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން