ދުނިޔެ
އަފްޣާނިސްތާނުގައި އަންހެންކުދިންގެ ތަޢުލީމަށް ހުރަސްއަޅާތީ އދ. އިން ފިއްތުންތައް ކުރިމަތިކުރުމަށް ގޮވާލައިފި

އަފްޣާނިސްތާނުގައި އަންހެންކުދިންގެ ތަޢުލީމަށް ހުރަސްއަޅާތީ އަޑުއުފުލަނީ
އަފްޣާނިސްތާނުގައި އަންހެންކުދިންނަށް ތަޢުލީމު ހާސިލުކުރުމަށް ތާލިބާނުން ހުރަސްއަޅަމުންދާތީ، އެ ކަމާ ގުޅޭގޮތުން ތާލިބާނުގެ ސަރުކާރަށް ސިޔާސީ ފިއްތުން ކުރިމަތިކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އދ. އިން އިލްތިމާސްކޮށްފިއެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އެނބުރި އައިތާ ހަތަރު އަހަރު ފަހުން ވެސް އަންހެންކުދިންގެ ތަޢުލީމަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން މިލިއަނަށް ވުރެ ގިނަ އަންހެންކުދިން ދަނީ ތައުލީމާ ދުރަށްޖެހިފައެވެ.
ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރީ އަޒޫލޭ ވިދާޅުވީ ބައެއް ޤައުމުތަކުން ތާލިބާނާއެކު ގުޅުންތައް އާދައިގެ ހާލަތަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އޭނާ ވަނީ އަފްޣާނިސްތާނުގެ އަންހެނުންނަށް ތަޢުލީމު ހާސިލުކުރުމުގެ ޙައްޤު ޝަރުޠުކުރުމެއްނެތި އަނބުރާ ލިބިދިނުމަށް އެދި، ބައިނަލްއަޤްވާމީ މުޖުތަމަޢު މެދުކެނޑުމެއްނެތި މަސައްކަތުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.
ޔުނެސްކޯއިން ހާމަކުރާ ގޮތުގައި، ޕްރައިމަރީ ފެންވަރަށް ވުރެ މަތީ ތަޢުލީމު ހާސިލުކުރުމުން ގާތްގަނޑަކަށް 2.2 މިލިއަން އަންހެންކުދިން ވަނީ މަޙްރޫމްކުރެވިފައެވެ. އަޒޫލޭ ވިދާޅުވީ ސެކަންޑަރީ އަދި މަތީ ތަޢުލީމު އަންހެންކުދިންނާއި އަންހެނުންނަށް މަނާކޮށްފައިވާ ދުނިޔޭގެ ހަމައެކަނި ޤައުމަކީ މިހާރު އަފްޣާނިސްތާން ކަމަށެވެ.
އޭނާ ވަނީ މިފަދަ ހުރަސްތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އަންހެނުންގެ އެއް ޖީލު ގެއްލިދާނެ ކަމަށް އިންޒާރު ދެއްވާފައެވެ. އަދި މި ބަދަލު ގެނެވޭނެކަން ކަށަވަރުވަންދެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ސިޔާސީ ފިއްތުންތައް ދެމެހެއްޓުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ތާލިބާނުން 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ވެރިކަމަށް އެނބުރި އައިސްފައިވަނީ، ވެރިކަން ހިންގުމުގައި އިހުނަށް ވުރެ ލުއި ސިޔާސަތެއް ގެންގުޅޭނެ ކަމަށް ވައުދުވެގެންނެވެ. ނަމަވެސް އެއަށް ފަހު، އެބައިމީހުން ވަނީ އަންހެނުންނަށް ވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މީގެ ތެރޭގައި ޔުނިވަރސިޓީތަކާއި، އާންމު ޕާކުތަކާއި، ޖިމްތަކާއި، ބިއުޓީ ސެލޫންތަކަށް އަންހެނުންނަށް ވަނުން މަނާކުރުން ހިމެނެއެވެ. އދ. އިން ވަނީ މިފަދަ ސިޔާސަތުތަކަކީ ޖިންސީ ތަފާތުކުރުމެއް (ޖެންޑަރ ބޭސްޑް އަޕާޓައިޑް) ކަމަށް ސިފަކޮށްފައެވެ.
2021 ވަނަ އަހަރު ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފޭބިފަހުން، ތާލިބާނުގެ ސަރުކާރު ރަސްމީކޮށް ބަލައިގަނެފައިވަނީ ރަޝިޔާ އިން އެކަންޏެވެ. ޔުނެސްކޯގެ ބަޔާނުގައި ރަޝިޔާގެ ނަން ސީދާކޮށް ބުނެފައިނުވެއެވެ.