ދުނިޔެ
ފެންބޮޑުވެ ކަޝްމީރުގައި 60 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ހިމާލަޔާ ސަރަޚައްދުގައި ފެންބޮޑުވުން
ކަޝްމީރުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް 60 އަށް ވުރެ ގިނަ މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއި އެގައުމުގެ މީޑިއާއިން ހުކުރު ދުވަހު ބުނެފިއެވެ. މިއީ ހިމާލަޔާ ސަރަހައްދުގައި އެއް ހަފްތާއެއްހާ ދުވަސް ތެރޭގައި ހިނގި ދެވަނަ މިފަދަ ކާރިސާއެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ ކަޝްމީރުގެ ޗަސޯޓީ އަވަށުގައި ކުއްލިއަކަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔައިރު، އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ވަނީ އެކަމުގެ އަސަރު ކޮށްފައެވެ. މިމީހުން ދަތުރުކުރަނީ "މަޗައިލް ޔާތުރާ"ގެ ނަމުން މަޝްހޫރު ޒިޔާރަތަކަށެވެ. އެސަރަހައްދަށް ޒިޔާރަތްކުރި މީހެއް ކަމަށްވާ ރަކޭޝް ޝަރުމާ ބުނީ، ބޮޑު އަޑެއް އިވުމާއެކު ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސްފައިވާ ކަމަށެވެ. "މީހުން ހަޅޭއްލަވަން ފެށި، އޭގެ ތެރެއިން ބައެއް މީހުން ޗެނާބު ކޯރަށް ވެއްޓުނު. އަނެއް ބަޔަކު ވަޅުލެވިގެން ދިޔައީ." ޒަހަމްވި ރަކޭޝް ޝަރުމާ ބުންޏެވެ.
ފޮޓޯތަކުން ފެންނަގޮތުގައި ގެތަކާއި އުޅަނދުތަކާއި އެހެނިހެން ތަކެތި، ފަސްގަނޑުން ފޮރުވިފައި، ކަރަންޓު ނަރުތައް ކެނޑި، ހުރިހާހިސާބެއް ވަނީ ކުނިން ފުރިފައެވެ. ސަލާމަތީ މަސައްކަތްތެރިން ވަނީ ވާގަނޑާއި ވަގުތީ ފާލަންތައް ބޭނުންކޮށްގެން، ފަސްގަނޑު ތެރެއިން މީހުން ނެރުމުގެ މަސައްކަތް ފަށާފައެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވި އޮފިސަރެއް ވިދާޅުވީ އިތުރު 100-150 މީހުން ފަސްގަނޑު ތެރޭގައި ވަޅުލެވިފައިވެދާނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާ އައީ ހިމާލަޔާގެ ސްޓޭޓެއް ކަމަށްވާ އުއްތަރަކަންޑްގައި އެއް ހަފްތާއެއްހާ ދުވަސް ކުރިން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް މުޅި އަވަށް ވަޅުލެވިގެން ދިޔަ ހާދިސާ އަށް ފަހުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމުގެ 79 ވަނަ މިނިވަން ދުވަހުގެ ދެ ގަޑިއިރެއްހާ ދިގު ތަގުރީރު ފައްޓަވަމުން ވިދާޅުވީ، "ގުދުރަތުން ވަނީ އަޅުގަނޑުމެން އިމްތިހާނުކޮށްފައި. ފާއިތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަނީ ބިންގަނޑު ކަނޑައިގެންދިއުމާއި، ކްލައުޑްބާސްޓް އަދި އެހެނިހެން ޠަބީއީ ކާރިސާތަކާ ކުރިމަތިލާން ޖެހިފައި."
އިންޑިއާގެ މޫސުމާބެހޭ އިދާރާ، އިންޑިއަން މެޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނާ ގޮތުގައި، ކްލައުޑްބާސްޓްއަކީ އެންމެ ގަޑިއިރެއްގެ ތެރޭގައި 100 މިލިމީޓަރަށް ވުރެ ގިނައިން ބޯކޮށް ވާރޭވެހުމެވެ. މިއީ ވަކިން ހާއްސަކޮށް މޫސުމީ ވިއްސާރައިގައި ފަރުބަދަމަތީ ސަރަހައްދުތަކުގައި ކުއްލިއަކަށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެންދިއުމާއި، ބޮޑެތި ގެއްލުންތައް ލިބޭ ސަބަބެކެވެ.