ދީން
ހުކުރު ޚުތުބާގައި ހަނދާންކޮށްދެއްވީ މީހުންގެ އައިބު ހޯދައި ފަޟީޙަތްކުރުން އިސްލާމްދީން ނަހީކުރައްވާކަން

މާލޭ ހުކުރު މިސްކިތް
މިއަދުގެ ހުކުރު ޚުތުބާގައި މީހުންގެ އައިބު ހޯދައި ފަޞީޙަތްކުރުން އިސްލާމްދީން ނަހީކުރައްވާކަމަށާއި، ޚާއްސަކޮށް މީސްމީޑިއާގެ ޒަރީއާއިން މީހުންގެ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަން ހަނދާންކޮށްދެއްވައިފިއެވެ.
ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުމެވެ. އެގޮތުން ހައްޤަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން، އަބުރަށް އަރައިގަތުމަކީވެސް ހަރާމްކަމެއްކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މުޖްތަމަޢުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމުގައިވާއިރު، ތެދެއް ދޮގެއް ބެލުމެއްނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް ނުވިސްނާކަމަށް ޚުތުބާގައި ފާހަގަކުރެވުނެވެ.
"މުއުމިނަކާއި ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ، މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުށްޓެވެ. ހަމައެކަނި ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި މުޖްތަމަޢު ބައިބައިވުންގެ ސަބަބަކަށް އެކަންތައްތައްވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި އިޝާރާތްކުރެވުނު ގޮތުގައި މިއަދު އަހަރެމެން ދިރިއުޅޭ މުޖްތަމަޢުއަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖްތަމަޢެކެވެ. ފޭސްބުކް، ޓްވިޓަރ، ވައިބަރ، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ މީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށް ވުރެއް ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެކެވެ. ދޮގެއްވިއަސް، ތެދެއްވިއަސް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއަރކުރުމާއި އެކަމަށް ހިތްވަރުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭކަމަށާއި، މިކަމުގައި ހުރި ބިރުވެރިކަމާ މެދު ވިސްނާލުން މުހިންމުކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
އެހެން މީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަނދާން ނައްތާލަން އަވަސްވިއަސް، މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތަކެއް އެތައް ޒަމާނަކަށް ދެމިހުންނާނެ އަދި އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނެ ވާހަކަތަކެއްކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޚުތުބާގައި ވިދާޅުވީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާނަމަ، އެ އެއްޗެއް ފެތުރޭހައި ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެކަމަށެވެ.
އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި ހިމާޔަތްކޮށްދެއްވާފައިކަމަށާއި، މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަޞީޙަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތް ﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި އިލްތިމާސްކުރެއްވި ގޮތުގައި، މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތްހަލާލު ހޯދަންވާނެއެވެ. ފާޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތައް ނުވަތަ މީހެއްގެ އަބުރައް އަރައިގަނެވިފައިވާނަމަ ފާޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހުކުރަން ވާނެކަމަށްވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވާ ނަމަވެސް މަޢާފައް އެދި ތައުބާވެ ވަގުތު ފާއިތުވުމުގެ ކުރީން މާތްﷲގެ މަގަށް ރުޖޫއަވުމަށް ވަނީ ޚުތުބާގައި އެދިލައްވާފައެވެ. މީސްމީޑިއާގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.