ރިޕޯޓް

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކުން އެ ނިޒާމު ވާނީ އިތުރަށް ހަރުދަނާ: ރައީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކުން އެ ނިޒާމު ވާނީ އިތުރަށް ހަރުދަނާ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ބ. ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ޙަސަން އިޔާދު / ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޯގަސްޓު 2025، 11:10

13 އޯގަސްޓު 2025، 11:10

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކީ ހާސިލްވާނެ ކަމަކީ، އެ ނިޒާމު އިތުރަށް ހަރުދަނާވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ލާމާރުކަޒީ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާގެ ތާޢީދު އޮތްކަން ހާމަކުރައްވައި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށްކަމަށާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކަކީ އެކަން ހާސިލްކުރުމަށް ގެނައި އިސްލާޙުތަކެއް ކަމަށެވެ. 

އަދި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކާ ގުޅިގެން، އެ އިސްލާޙުތަކުގެ މަފްޙޫމް ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ވިދާޅުވެ، އެ ކަމުގެ ހަޤީޤަތް ހާމަކުރެއްވުމުގެ ގޮތުން، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިސްލާޙުތަކުގެ ތަފްސީލު ޙިއްސާކުރައްވާފައެވެ.

އެގޮތުން، ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކާ ގުޅިގެން ގެނައި އިސްލާޙަށް އިޝާރާތްކުރައްވައި ވިދާޅުވީ، އެފަދަ ކުންފުނިތަކުން ރަށްރަށުގައި އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތައް ކުރަމުން ގެންދާކަމަށެވެ. އަދި މިހެން ކަންތައް ކުރުމުން، ރަށުގެ އާންމު ރައްޔިތުންނަށް ލިބެން އޮތް އާމްދަނީއަށް ހުރަސް އެޅޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ލޯކަލް އިންވެސްޓްމެންޓު ކުންފުނިތަކަށް ހިންގޭނީ މަދުވެގެން 10 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ހިމެނޭ ވިޔަފާރިތައްކަމަށް ކަނޑައެޅީ، އާންމު ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތް ކުރުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ އިސްލާޙަކީ، ކައުންސިލްތަކުން ރައްޔިތުންނަށް އާންމު ޚިދުމަތް ދޭ ކުންފުނިތަކުން ބޮޑެތި ކުލި ނަގާތީ އެކަން ހުއްޓުވުމަށް ގެނައި އިސްލާޙެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ އިސްލާޙުގައި އޮތީ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް ފަދަ، ރައްޔިތުންނަށް އަސާސީ ޚިދުމަތް ދޭ ކުންފުނިތަކުގެ ބިންތަކުން ކުލި ނުނެގޭނެކަމަށެވެ. ރައީސް ވިދާޅުވީ، މިފަދަ ބިންތަކުން ކުލި ނެގުމުގެ ނޭދެވޭ އަސަރު ކުރަނީ ރައްޔިތުންނަށް ކަމަށެވެ.

ކައުންސިލްތަކުން، ރައްޔިތުންނަށް އާންމު ޚިދުމަތްދޭ ތަންތަނުން ކުލި ނެގުމުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވަނީ އަގުބޮޑު. އެހެންކަމުން، ޤާނޫނީ އިސްލާޙުގައި މިފަދަ އިދާރާތަކުގެ ބިންތަކުން ކުލި ނުނެގުމަށް ލާޒިމުކުރީ ރައްޔިތުން ބާރުވެރިކުރުވުމަށް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ޤާނޫނަށް ގެނައި ތިންވަނަ އިސްލާޙަކީ، ކައުންސިލްތަކުން ވިޔަފާރިކޮށް އާމްދަނީ ހޯދުމަށްފަހު، އެ އާމްދަނީއިން ޓެކްސް ނުދައްކާތީ އެކަން ހުއްޓުވުމަށް ގެނައި އިސްލާޙެކެވެ. މި އިސްލާޙު ގެނައުމުގެ ބޭނުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްސްގެ އާމްދަނީ އިތުރުކޮށް، އެ ފައިސާއިން ރައްޔިތުންނަށް ބޭނުން ހުރި ކަންކަން ކޮށްދިނުން ކަމަށެވެ. 

އަދި ހަތަރުވަނަ އިސްލާޙަކީ، ކައުންސިލްތަކުގެ ބަޖެޓުގެ ތަފްސީލް ލޯކަލް ގަވާމެންޓު އޮތޯރިޓީ (އެލްޖީއޭ)އާ ޙިއްސާ ނުކުރާތީ، އެކަން ޤާނޫނަކުން ލާޒިމުކޮށް، ކައުންސިލްތަކުގެ ހިންގުން ދެ ފުށް ފެންނަ ނިޒާމަކަށް ބަދަލުކުރުމަށް ގެނައި އިސްލާޙެކެވެ. މިއީ ޤާނޫނެއްގައި ލިޔަން ޖެހޭ ކަމެއް ނޫން ނަމަވެސް، ކައުންސިލްތަކުން މިކަން ނުކުރާތީ އެކަން ޤާނޫނެއްގައި ލިޔަން ޖެހުނީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ކައުންސިލްތަކުގެ ބާރުތައް ހަނިކުރުން ނޫން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޤާނޫނަށް ދެން ގެނައި އިސްލާޙަކީ، ބައެއް ކައުންސިލްތަކުން އިންތިހާބާ ކައިރިކޮށް، ދައުރުގެ ފަހު އަހަރު، ސިޔާސީ މަޤުސަދު ހާސިލްކުރުމަށްޓަކައި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް "ބަރިބަރިއަށް" ކުއްޔަށްދީ، ކޮންޓްރެކްޓު ވަޒީފާތަކަށް މީހުން ނަގާނެގުން ހުއްޓުވުމަށް ގެނައި އިސްލާޙެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ އިސްލާޙުގައި، ދައުރުގެ ފަހު އަހަރު މަޝްރޫޢުތައް ހިންގުމަށާއި، ކޮންޓްރެކްޓް ވަޒީފާއަށް މީހުން ވެއްދުމުގަ އާއި ތަރައްޤީގެ ޕްލޭންގައި ނެތް ކަންކަން ކުރުމަށް ކައުންސިލުން ބޭނުންވާނަމަ، އެލްޖީއޭ އާއި މާލީ ވުޒާރާއިން ޙުއްދަ ނެގުމަށް ވަނީ ލާޒިމުކޮށްފައެވެ.

ކައުންސިލްތަކުގެ ޒިންމާތައް އަދާކުރަންތޯ އެ ބިންތައް މި ކުއްޔަށް ދެނީ، އެ ޒިންމާތައް އަދާކުރަންތޯ ކުއްލިއަކަށް ބައިވަރު މީހުން ކޮންޓްރެކްޓަށް ވަޒީފާއަށް މި ނަގަނީ، ނޫނިއްޔާ އެ ޒިންމާތައް އަދާކުރަންތޯ ކުއްލިއަކަށް ތަރައްޤީގެ ޕްލޭންގައި ނެތް މަޝްރޫޢެއް މި ފަށަނީ. އެކަން ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން ގެންދިއުމުގެ ގޮތުން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ ޙުއްދަ މިފަދަ ޙާލަތްތަކުގައި މި ނަގަން ޖެހެނީ. އަދި ކައުންސިލުން އެ ހުށަހަޅާ ހެށަހެޅުމަކީ ހަޤީޤަތުގައި ވެސް ރައްޔިތުންނަށް ފައިދާ ބޮޑު ކަމެއްނަމަ، އެ ކަމުގެ ޙުއްދަ ލިބޭނެ. އެކަން މަނައެއް ނޫން ކުރީ. ފަހު އަހަރު އެކަނި މި ގޮތަށް ޢަމަލު ކުރަން ޖެހެނީ. ކުރިން އޮތް ހަތަރު އަހަރު މިކަން ކުރާކަށް ނުޖެހޭ.

ރައީސް ވިދާޅުވިއެވެ.

ވީމާ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކުން ކުރާނެކަމަކީ، ރައްޔިތުން ބާރުވެރި ކުރުވުމާއި، ޗެކް އެންޑް ބެލެން ނިޒާމެއް ޤާއިމްކުރުމާއި، ގުޑް ގަވަނެންސް ޤާއިމްކުރުމާއި އަދި އަމިއްލަ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތްކުރުންކަމަށް ރައީސް ވިދާޅުވިއެވެ. 

އެހެންކަމުން މިއީ ލާމަރުކަޒީ ޤާނޫނު ހަރުދަނާ ކުރުމާއި ޗެމްޕިއަންކުރުމަށް ގެނައި އިސްލާޙުތަކެއް.  

ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ހުށަހެޅުއްވި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 6ވަނަ ދުވަހެވެ. މި ބިލު މަޖިލީހުން ފާސްކުރީ 51 މެންބަރުންގެ ވޯޓުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން