ދުނިޔެ
ޔޫރަޕުގެ 27 ގައުމަކުން ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކުރުމަށް ގޮވާލައިފި

ޣައްޒާއަށް ޔަހޫދީންދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑުއުފުލުމަށް ޔޫރަޕުގައި ބޭއްވުނު ހިނގާލުމެއް
ޔޫނައިޓެޑް ކިންގްޑަމް (ޔޫ.ކޭ) އާއި ފްރާންސް ވެސް ހިމެނޭ ގޮތަށް، ޔޫރަޕުގެ 27 ގައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުމާއެކު ނެރުނު ބަޔާނެއްގައި، ޣައްޒާއަށް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކުރުމަށް އިސްރާއީލަށް ގޮވާލައިފިއެވެ. މި ބަޔާނުގައި ބުނެފައިވަނީ، ގާޒާގައި އިންސާނީ ކާރިސާ ދިމާވެފައިވާ މިންވަރު "ހިތަށްވެސް ނާރާހާ" ބޮޑު ކަމަށެވެ.
އަންގާރަ ދުވަހު ނެރުނު މި ބަޔާނުގައި، އިސްރާއީލުން ޣައްޒާއަށް ބަނޑުހައިހޫނުކަން ޖައްސަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. "އަޅުގަނޑުމެންގެ ލޯމަތިން ބަނޑުހައިހޫނުކަން ފެންނަމުންދަނީ،" އެންމެހާ ބައިނަލްއަޤްވާމީ އެޖެންސީތަކަށް، މުޅި ސަރަހައްދަށް ކާނާ، ބޭސް، އަދި އެހެނިހެން އެހީތައް ފޯރުކުރުމުގެ ފުރުސަތު އިސްރާއީލުން ދިނުމަށް ވަނީ ބާރުއަޅާފައެވެ.
މިނިސްޓަރުން ވަނީ އިސްރާއީލުން ހުރިހާ އިންސާނީ އެހީގެ ކޮންވޯއީތަކަށް ވަނުމުގެ ހުއްދަ ދިނުމަށާއި، އ.ދ. އާއި އެހެނިހެން އެހީދޭ ޖަމިއްޔާތަކަށް ރައްކާތެރިކަމާއެކު އެހީ ފޯރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އެހީ ބަހާ މަރުކަޒުތަކަށް ދެވޭ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް ބާރުއަޅާފައެވެ.
"މި ފިޔަވަޅުތައް އަޅަންޖެހެނީ ރައްޔިތުންނާއި އިންސާނީ އެހީ ދޭ މަސައްކަތްތެރިން ރައްކާތެރިކުރުމަށާއި، އިތުރު މީހުން މަރުވިޔަ ނުދިނުމަށްޓަކައި ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި،" ބަޔާނުގައިވެއެވެ.
ޔޫރަޕުގެ ގައުމުތަކުން މި ގޮވާލުމުގައި ޣައްޒާގައި ދިމާވެފައިވާ ހިތާމަވެރި ހާލަތާއި ގުޅިގެން އިތުރު ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވާއިރު، އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ ހާލަތު ވަނީ އިތުރަށް ހައްދުފަހަނައަޅާފައެވެ. ގިނަ މަސްތަކެއް ވަންދެން ޣައްޒާ ބްލޮކޭޑްކޮށްފައި ވުމުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، އިސްރާއީލުން ދިން އެންމެ ފަހުގެ ވައިގެ ހަމަލާތަކުގައި 60 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި ހާލަތުގައި ބަނޑުހައިހޫނުކަމާއި ނުކުޅެދުންތެރިކަމުގެ ސަބަބުން މީހުން މަރުވަމުންދާ އިރު، އެންމެ ފަހުން މަރުވި ފަސް މީހުންގެ ތެރޭގައި ކުޑަ ދެކުދިން ހިމެނެއެވެ.
ބަނޑުހައިހޫނުކަމާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 227 އަށް އަރާފައެވެ. މި އަދަދުގެ ތެރޭގައި 103 ކުދިން ހިމެނެއެވެ. އެހީދޭ ޖަމިއްޔާތަކުން ވަނީ އެއްވެސް އިރެއްގައި ހުއްޓުމެއްނެތި ބޮޑެތި އެހީތަކެއް ފޯރުނުކުރެވޭނަމަ މި އަދަދު ހަލުވިކަމާއެކު އިތުރުވެދާނެ ކަމަށް އިންޒާރުދީފައެވެ. އ.ދ. އިން ވަނީ ޣައްޒާގެ ކާނާ އާއި ސިއްހީ ނިޒާމް މުޅިން ހަލާކުވުމުގެ ކައިރީގައިވާ ކަމަށާއި، އެތައް ކޮމިއުނިޓީއެއް ދުވަސްތަކެއް ވަންދެން އެއްވެސް ކާނާއެއް ނުލިބި ދިރިއުޅެމުންދާ ކަމަށް ތަކުރާރުކޮށް އިންޒާރުދީފައެވެ.
އިސްރާއީލުން ބުނަނީ އެ ގައުމުގެ އަސްކަރީ ހަރަކާތްތަކުގެ މަގްސަދަކީ ހަމާސްގެ އަސްކަރީ ގާބިލިއްޔަތު ނައްތާލުން ކަމަށެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެހީއާއި މުހިންމު ތަކެތި އެތެރެކުރުމުގައި ހަރުކަށި ހުދޫދުތަކެއް ކަނޑައެޅުން ފަދަ އާދޭސްކުރުވުމުގެ އުކުޅުތަކަކީ ޣައްޒާގެ އާންމު ރައްޔިތުންނަށް ދެވޭ އަދަބެއް ކަމަށެވެ.
ޔޫރަޕުގެ ޑިޕްލޮމެޓުން ވަނީ ސެންކްޝަންތަކެއް އަންނާނެ ކަމުގެ އިންޒާރު ނުދިން ނަމަވެސް، އިސްރާއީލުން ބްލޮކޭޑް ދޫކޮށްނުލުމުން ހިތްހަމަނުޖެހުން ބޮޑުވަމުންދާ ކަން ހާމަކޮށްފައެވެ. "އަޅުގަނޑުމެންގެ އެއްބައިވަންތަކަން ދައްކުވައިދެނީ މިހާލަތުގެ ނާޒުކުކަން،" ޔޫރަޕްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި ކަމުގެ ސަބަބުން ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި އާންމުންގެ ހިޔާލު ބަދަލުވަމުންދާ ކަމަށާއި، އިސްރާއީލާ ދެމެދުގައިވާ ގުޅުންތަކަށް ވެސް ޕްރެޝަރު ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.