ދުނިޔެ

ސަޢޫދީ ޢަރަބިއްޔާގައި އެއް ދުވަހު 8 މީހުންނަށް މަރުގެ އަދަބު ދީފި ، ގިނައީ މަސްތުވާތަކެތީގެ ކުށުގައި ހައްޔަރުކުރި ބިދޭސީން

ސަޢޫދީ ޢަރަބިއްޔާގައި އެއް ދުވަހު 8 މީހުންނަށް މަރުގެ އަދަބު ދީފި ، ގިނައީ މަސްތުވާތަކެތީގެ ކުށުގައި ހައްޔަރުކުރި ބިދޭސީން

ސައުދީގައި މަރުގެ އަދަބު ދިނުމަށް ދަންޖައްސަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 އޯގަސްޓު 2025، 11:05

13 އޯގަސްޓު 2025، 11:05

ސަޢޫދީ ޢަރަބިއްޔާގައި އެއް ދުވަހެއްގެ ތެރޭގައި 8 މީހުންނަށް މަރުގެ އަދަބުުދީފި އެވެ. ގަޠުލުކުރެވުނު މީހުންގެ ތެރެއިން ގިނައީ ބިދޭސީން ކަމަށްވާއިރު، އެމީހުންނަށް މަރުގެ އަދަބު ދީފައިވަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގަ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ސަޢޫދީ ޕްރެސް އެޖެންސީއިން ރިޕޯޓުކުރި ގޮތުގައި، 4 ސޯމާލީ ރައްޔިތުންނާއި 3 އެތިއޯޕިއާގެ ރައްޔިތުން، ސަޢޫދީ ޢަރަބިއްޔާގެ ދެކުނުގެ ނަޖްރާން ސަރަޙައްދުގައި ވަނީ ގަޠުލުކުރެވިފަ އެވެ. އެމީހުންނަށް މި އަދަބު ދީފައިވަނީ "ހެޝީޝް މަސްތުވާތަކެތި ރަސްކަމުގެ ތެރެއަށް އެތެރެކުރަން މަސައްކަތްކުރުމުގެ" ކުށުގަ އެވެ. މީގެ އިތުރުން،  ސަޢޫދީ ފިރިހެނަކު އޭނާގެ މަންމަ ގަތުލުކުރުމުގެ ކުށުގައި މަރުގެ އަދަބު ދީފައިވާ ކަމަށްވެސް އެ އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ.

މިފަހަރުގެ މަރުގެ އަދަބުތައް އައިސްފައިމިވަނީ، 2021 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފަހު، އެފަދަ ކުށްތަކަށް މަރުގެ އަދަބު ދިނުން ބޮޑުތަނުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޚާއްސަކޮށް ބިދޭސީންނަށް އަމާޒުކޮށް ދެމުންދާ މި އަދަބުތައް އިތުރުވަމުންދާތީ، އިނގިރޭސިވިލާތް ހިމެނޭ 'ރިޕްރީވް' ޖަމްޢިއްޔާއާއި، 'ޔޫރަޕިއަން ސަޢޫދީ އޯގަނައިޒޭޝަން ފޯ ހިއުމަން ރައިޓްސް  ޖަމްޢިއްޔާއިން ސިފަކޮށްފައިވަނީ މިއީ "ކުރިން ހިނގާފައިނުވާފަދަ ގަތުލުކުރުމުގެ ބޮޑު ކާރިސާއެއް" ކަމަށެވެ.

'ރިޕްރީވް' އިން ބުނާ ގޮތުގައި، 2024 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ރެކޯޑު އަދަދަކަށް 345 މީހުން ގަޠުލުކޮށްފައިވެ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް މަރުގެ އަދަބު ދީފައިވަނީ މީހަކު މަރާނުލާ ކޮށްފައިވާ ކުށްތަކަށެވެ. ފްރާންސްގެ 'އޭއެފްޕީ' އިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރު މި ރެކޯޑު އަދަދު ބަދަލުވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން މިހާތަނަށް 230 މީހުން ގަޠުލުކޮށްފައިވާއިރު، އޭގެ ތެރެއިން 154 މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ދަށުން ގަޠުލުކުރެވުނު މީހުންނެވެ. ބިދޭސީ ރައްޔިތުން މިފަދަ ކުށްތަކުގައި މަރުގެ އަދަބު ލިބިގެންފައިވާ މިންވަރު މާބޮޑަށް އިތުރުވެފައިވާއިރު، 2024 ވަނަ އަހަރު ގަޠުލުކުރެވުނު 92 ބިދޭސީންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި މަރުގެ އަދަބު ދީފައިވާ މީހުންނެވެ.

'ރިޕްރީވް' އަދި 'އީއެސްއޯއެޗްއާރް' އިން މޮނިޓަރކޮށްފައިވާ ގޮތުގައި، 2010 އާއި 2021 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ސަޢޫދީ ޢަރަބިއްޔާގައި ގަޠުލުކުރެވުނު ބިދޭސީންގެ އަދަދު، ސަޢޫދީ ރައްޔިތުންނާ އަޅާބަލާއިރު ތިން ގުނަ އިތުރުވެފައިވެ އެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ އާބާދީގެ އެންމެ 36 އިންސައްތަ ބިދޭސީން ހިމެނޭއިރު ދިމާވާ ކަމެކެވެ.

'ރިޕްރީވް' ގެ މެނާ  ސަރަހައްދުގެ މަރުގެ އަދަބުގެ ޕްރޮޖެކްޓްތަކުގެ ވެރިޔާ ޖީޑް ބަސޫނީ ކުރިން 'މިޑްލް އީސްޓް އައި' އަށް ވިދާޅުވެފައިވަނީ، "މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ނާކާމިޔާބު ބައިނަލްއަޤްވާމީ ހަނގުރާމައިގައި ތަކުރާރުކޮށް މި ފެންނަނީ އެއް އުސޫލެއް - މަސްތުވާތަކެތި ބޭނުންކުރުމާ ބެހޭ ކަންކަމަށް އޮފިޝަލުން ޖަވާބުދެނީ ފަޤީރު އަދި ކަނޑައެޅިފައިވާ ތަންތަނުގެ މީހުން މަރާލައިގެން" ކަމަށެވެ. ބަސޫނީ އިތުރަށް ވިދާޅުވީ، މިފަދަ މީހުންނަށް ވަކީލަކު ހޯދައިދިނުން ނުވަތަ ޝަރީޢަތުގެ ވަގުތު ތަރުޖަމާނުން ލިބުންފަދަ އެންމެ އަސާސީ ޤާނޫނީ ހައްޤުތަކެއްވެސް މަދު ފަހަރަކު ފޯރުކޮށްދެވޭ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން