ޚަބަރު
ނިންމުންތައް ނިންމުމުގައި ޒުވާނުންގެ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
12 އޯގަސްޓު 2025، 10:18
12 އޯގަސްޓު 2025، 10:18
ހުރިހާ ދާއިރާއަކުން ނިންމުންތައް ނިންމުމުގައި ޒުވާނުންގެ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ގޮވާލެއްވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންގެ އަޑު އިއްވައި، ސިޔާސަތުތައް ކަނޑައަޅައި ކަންކަން ނިންމުމުގައި ޒުވާނުން ބައިވެރިކޮށް ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުމަށް މުޅި މުޖްތަމަޢު ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުން މުހިންމު ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
On #InternationalYouthDay, I call for a whole-of-society approach that empowers young people to have their voices heard and their actions integrated in decision-making in every sphere – in their immediate communities, local governments and on global platforms towards our shared… pic.twitter.com/InuQYuZ660
— Dr Mohamed Muizzu (@MMuizzu) August 12, 2025
މިގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މުޖްތަމަޢުގެ ތެރެއިންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަދި ބައިނަލްއަޤްވާމީ މައިދާނުން މިކަމަށް މަގުފަހިކޮށްދިނުމަށް އެމިނަކުފާނު އެދިވަޑައިގެންނެވިއެވެ. އަދި މި ކަމުގައި ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ދައުރު މުހިންމު ކަމުގައި ވެސް ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ، ރާއްޖޭގައި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ހެދުމަށް، އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި މުޢައްސަސާތަކުގެ އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ.