ދުނިޔެ

ގެދޮރު ނެތް މީހުންވޮޝިންގޓަން ޑީސީއާ ދުރުހިސާބުތަކަށް ބޭރުކުރާނަން، ކުށްވެރިން ބޭރުނުވެ ޖަލުގަ މަޑުކޮށްލާ : ޓްރަމްޕް

ގެދޮރު ނެތް މީހުންވޮޝިންގޓަން ޑީސީއާ ދުރުހިސާބުތަކަށް ބޭރުކުރާނަން، ކުށްވެރިން ބޭރުނުވެ ޖަލުގަ މަޑުކޮށްލާ : ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ގެދޮރުނެތް މީހުންގެ ޓެންޓުތައް ހުސްކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 04:59

11 އޯގަސްޓު 2025، 04:59

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް، އެ ގައުމުގެ ވެރިރަށް ވޮޝިންގޓަން ޑީސީއިން ގެދޮރު ނެތް މީހުން ބޭރުކޮށް، ކުށްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވައުދުވެވަޑައިގެންފިއެވެ. ޑީސީގައި ކުށްކުރުން އިތުރުވެފައިވާކަމަށް އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކާއެކު ޓްރަންޕް މިހަފްތާގެ ތެރޭގައި އެ ސިޓީގެ ކޮންޓްރޯލް ފެޑެރަލް ސަރުކާރަށް ނެންގެވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވަމުން ގެންދެވުމަށްފަހު، މި ވައުދުތައް އައީ  ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު ސޯޝަލް' މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އާދިއްތަ ދުވަހު  ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ޓްރަންޕް ލިޔުއްވާފައިވަނީ "ހޯމްލެސް މީހުން ވަގުތުން ބޭރުވާންޖެހޭ. ތިޔަބޭފުޅުން ދިރިއުޅެން ތަންތަން އަޅުގަނޑުމެން ދޭނަން، ނަމަވެސް ވެރިރަށުން ވަރަށް ދުރުގައި." މިހެންނެވެ. މީގެ އިތުރުން ކުށްވެރިންނާ ގުޅޭގޮތުން ޓްރަންޕް ވިދާޅުވީ، "ކުށްވެރިން ބޭރުވާކަށް ނުޖެހޭނެ. ތިޔަބޭފުޅުންނަށް ހައްގުވާ ޖަލަށް ތިޔަބޭފުޅުންލާނަން. މިއީ ވަރަށް އަވަހަށް ހިނގާނެ ކަމެއް."

މި އިޢުލާނު އައީ މި ހަފްތާގެ ކުރީކޮޅު ވެސް ޓްރަންޕް ވޮޝިންގޓަން ޑީސީގައި ކުށްކުރުން އިތުރުވެފައިވާ ކަމަށް ދޮގު ދަޢުވާތަކެއް ކުރައްވައި، ކުށްކުރުން ހުއްޓުވުމަށް ނޭޝަނަލް ގާޑް ބޭނުންކުރައްވާނެ ކަމަށް އިންޒާރު ދެއްވާފައި ވަނިކޮށެވެ. އާދިއްތަ ދުވަހު ޓްރަންޕް ކުރެއްވި ޓްރޫތު ސޯޝަލް ޕޯސްޓުގައި ވޮޝިންގޓަން ޑީސީގެ މަގުތަކުގައި ފެންނަން ހުރި ފޮށިގަނޑުތަކާއި، ކުނިގޮނޑުތަކުގެ ފޮޓޯތަކެއް ހިމަނާފައިވެއެވެ. ޓްރަންޕް ވިދާޅުވީ، "އަޅުގަނޑުމެންގެ ވެރިރަށް ކުރިއަށްވުރެ ރައްކާތެރި އަދި ރީތި ތަނަކަށް ހަދާނަން."
ނަމަވެސް، ގެދޮރު ނެތް މީހުން ބޭރުކުރުމަށް ޓްރަންޕް ބޭނުންފުޅުވާ ގާނޫނީ ބާރުތަކަކީ ކޮބައިކަން ވައިޓް ހައުސްއިން ބަޔާންކުރަން ދެކޮޅު ހަދާފައިވެއެވެ. ރިޕަބްލިކަން ޕާޓީގެ ރައީސް ޓްރަންޕްގެ ބާރު ފޯރުވަނީ ވޮޝިންގޓަން ޑީސީގެ ފެޑެރަލް ބިންތަކާއި އިމާރާތްތަކަށް އެކަންޏެވެ.

މިދިޔަ އަހަރުގެ ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ގެދޮރު ނެތް މީހުންގެ އަދަދު އެންމެ ގިނަ ސިޓީތަކުގެ ލިސްޓުގައި ވޮޝިންގޓަން ޑީސީ އޮތީ 15 ވަނައިގައެވެ. ވޮޝިންގޓަން ޑީސީގައި ގެދޮރު ނެތް މީހުންގެ އަދަދު މަދުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ ޕާޓްނަރޝިޕް އިން ބުނާ ގޮތުގައި، ގާތްގަނޑަކަށް 700,000 މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގައި ކޮންމެ ރެއަކު 3,782 މީހުންނަކީ ގެދޮރު ނެތް މީހުންނެވެ. މި އަދަދުތަކަކީ ކޮވިޑް-19ގެ ކުރިއާ އަޅާބަލާއިރު ދަށްވެފައިވާ އަދަދުތަކެކެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި، ގެދޮރު ނެތް ގިނަ މީހުން ތިބެނީ ކުއްލި ހާލަތްތަކަށް ހާއްސަކުރެވިފައިވާ ހިޔާވަހިކަން ނުވަތަ ވަގުތީ ހިޔާވަހިކަން ލިބިގެންނެވެ. ގާތްގަނޑަކަށް 800 މީހުންނަކީ މަގުމަތީގައި ނުވަތަ ހިޔާވަހިކަމެއްނެތި ދިރިއުޅޭ މީހުންނެވެ.
ހުކުރު ދުވަހު ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ، ޓްރަންޕްގެ އިދާރާގެ ޒުވާން މުވައްޒަފަކަށް ހަމަލާއެއް ދިނުމާއި ގުޅިގެން ރައީސްގެ ރުހުމާއި، ސިޓީގައި އިތުރު ފެޑެރަލް ގާނޫނު ތަންފީޒުކުރާ އޮފިސަރުން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން