ދީން
ކީރިތި ޤުރުއާނުގެ ޚާއްޞަކަން (ފުރަތަމަ ބައި)

"އެއުރެން ޤުރުއާނާ މެދު ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ؟" ސޫރަތުއްނިސާގެ 82 ވަނަ އާޔަތް.
بسم الله الرحمن الرحيم
الحمد لله منزل الكتاب والآيات، والحجج والبيّنات.
وصلى الله وسلم على سيّد السادات، وقائد القادات.
وعلى آله الطاهرين وصحبه الطيبين.
أمّا بعد:
ކީރިތި ޤުރުއާނަކީ އެފޮތުގައި ގިނަގުނަ މުޢުޖިޒާތްތަކެއް ހިމެނިގެންވާ، އެފޮތުގެ ޢަޖާއިބުތައް ކެނޑިގެން ނުދާ، މާތް ﷲގެ މަތިވެރި ކަލާމްފުޅެވެ. ކީރިތި ޤުރުއާނާ މެދު މަޢުލޫމާތުތަށް އުނގެނި، އެފޮތުގެ މާތްކަމާއި މޮޅުކަމާ މެދު ހޭލުންތެރިވުމަކީ ކޮންމެ މުސްލިެއްގެ ވެސް ވާޖިބެކެވެ. ވީމާ، ކީރިތި ޤުރުއާނުގެ ބައެއް ޚާއްޞަ ކަންތައްތައް ފާހަގަކޮށްލުމަށް ސިލްސިލާ ލިޔުންތަކެއް އެކުލަވާލުމަށް އަޅުގަނޑު ޤަޞްދުކުރަމެވެ. وبالله التوفيق. އެގޮތުން، މިލިޔުމުގައި އަލިއަޅުވައިލާނީ ކީރިތި ޤުރުއާނުގައި ލަފުޡާއި މާނަ ގުޅިފައިވާ ޚާއްޞަ ގޮތްތަކުގެ މައްޗަށެވެ. އިނގިރޭސި ބަހުން ދަންނަވާ ނަމަ، wordplay އެވެ.
ނަބީބޭކަލުންގެ ނަންފުޅުތަކުގައި
ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ގިނަ ނަބީ ބޭކަލުންނީ ބަނީ އިސްރާއީލުގެ މީހުންގެ ގާތަށް ފޮނުއްވުނު ބޭކަލުންނެވެ. އެއީ ޢަރަބީންނެއް ނޫނެވެ. ވުމާއެކު، މިފަދަ ނަބީ ބޭކަލުންގެ ނަންފުޅުތަކަކީ ޙަޤީޤަތުގައި ޢަރަބި ނަންތަކެއް ނޫނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ކީރިތި ޤުރުއާނުގައި މިބޭކަލުންގެ ނަންގަނެވިފައިވާ ގޮތަކީ، އެބޭކަލުންގެ ނަންފުޅުތަކުގެ މާނައަށް ނުސީދާ ކޮށް އިޝާރާތްކުރަނިވި، މޮޅު ގޮތްތަކެކެވެ. މިކަމުގެ ބައެއް މިޘާލުތައް ހިމަނާލާނަމެވެ.
- ސަލާމްލެއްވި ޒަކަރިއްޔާގެފާނު:
"ޒަކަރިއްޔާ" މިނަމަކީ ޢިބުރީ ނަމެކެވެ. ޢިބުރީ ބަހުން މާނައީ: "ﷲ ހަނދުމަފުޅުކުރައްވަތެވެ."
މިކަމަށް ނުސީދާކޮށް އިޝާރާތް ކުރައްވާ، މަރްޔަމް ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَريَّا
މާނައީ: "(މިއީ) ކަލޭގެފާނުންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅާ ޒަކަރިއްޔާގެފާނަށް ދެއްވި ރަޙުމަތުގެ ހަނދުމަފުޅެވެ."
މިއާޔަތުގައި ނުސީދާކޮށް އެކަލޭގެފާނުންގެ ނަންފުޅުގެ މާނަ ހިމަނުއްވާފައިވެއެވެ. އެކަލޭގެފާނުންގެ ނަންފުޅަކީ "ﷲ ހަނދުމަކުރައްވަތެވެ" ކަމުގައި ވީ ހިނދު، އެކަލާނގެ ކަލާމްފުޅުގައި އެކަލޭގެފާނުންގެ ވާހަކަ ވަނީ ހަނދުމަފުޅުކުރައްވާފައެވެ. މިކަމަކީ އިއްތިފާޤެއް ނޫނެވެ. އެހެން ނަބީބޭކަލުންގެ ނަންފުޅުތަކާ މެދުގައި ވެސް މިފަދަ އާޔަތްތައް ވެއެވެ.
- ސަލާމްލެއްވި އިބްރާހީމްގެފާނު
ސަލާމްލެއްވި އިބްރާހީމްގެފާނުންގެ ނަންފުޅާ މެދު ޢިބުރީ ބަހުގައި ވާ މަޝްހޫރު މާނައަކީ "ގިނަ މީހުންގެ ބައްޕަ" މިއެވެ. އިސްލާމްދީނުގައި ވެސް، އެކަލޭގެފާނަށް "ނަބީބޭކަލުންގެ ބައްޕަ" ގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ.
މިމާނައަށް އިޝާރާތް ކުރައްވައި، ސޫރަތުލްޙައްޖިގެ ފަހު އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ:
مِلَّةَ أبِيكُمْ إبَراهِيمَ
މާނައީ: "ތިޔަބައިމީހުންގެ ބަފައިކަލުން އިބްރާހީމުގެފާނުގެ މިއްލަތަށް (ތިޔަބައިމީހުން ތަބަޢަ ވާށެވެ)!"
- ސަލާމްލެއްވި އިސްމާޢީލުގެފާނު
އިސްމާޢީލުގެފާނަކީ، ދަރިކަލަކު ދެއްވާތޯ އިބްރާހީމްގެފާނުން ކުރެއްވި ދުޢާގެ ނަތީޖާއެވެ. ނުހަނު ދޮށީ ޢުމުރުފުޅުގައި ވެސް މާތް ﷲ އެކަލޭގެފާނަށް އިސްމާޢީލުގެ ފާނު ދެއްވިއެވެ. "އިސްމާޢީލް" މިނަމަކީ ޢިބުރީ ބަހުން "ﷲ އައްސަވަތެވެ" މިއެވެ. އިބްރާހީމް ސޫރަތުގެ 39 ވަނަ އާޔަތުގައި، އިބްރާހީމްގެފާނުގެ ދޫފުޅު މަތީން ވަޙީކުރައްވާފައިވެއެވެ:
الحَمدُ لِلَّه الّذِي وَهَب لِي عَلى الكِبَرِ إسماعِيلَ وإسحَاق إنّ ربّي لَسَميعُ الدُّعَاء
މާނައީ: "އަޅު މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލާއި، އިސްޙާޤު ދެއްވި ﷲ އަށް ޙަމްދު ހުއްޓެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެ ކަން ކަށަވަރެވެ."
އިބްރާހީމްގެފާނު ދަރިކަލަކަށް ދުޢާ ދެންނެވުމުން އެންމެ ފުރަތަމަ ލިބިވަޑައިގަތީ އިސްމާޢީލުގެ ފާނެވެ. ވީމާ، އިބްރާހީމްގެފާނުގެ ދުޢާ އަޑުއެއްސެވިކަމުގެ ހެތްކަކީ އިސްމާޢީލުގެފާނެވެ.
- ސަލާމްލެއްވި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނު
އިސްޙާޤުގެފާނަކީ އިސްމާޢީލުގެފާނަށް ފަހު އިބްރާހީމްގެފާނަށް ދެއްވި ދަރިކަލުންނެވެ. ޔަޢުޤޫބުގެފާނަކީ އިސްޙާޤުގެފާނުންގެ ދަރިކަލުންނެވެ. "އިސްޙާޤު" މިނަމަކީ ޢިބުރީ ބަހުން "ހިނިއައުން" ނުވަތަ "ހެވުން" މިއެވެ. އަދި ޔަޢުޤޫބުގެފާނުންގެ ނަންފުޅަކީ "ޢަޤަބަ" މިލަފުޡާ ގުޅުން ހުރި ނަމެކެވެ. މާނައީ: "ފަހުން" ނުވަތަ "ވިދިގެން" މިއެވެ.
މިދެބޭކަލުން ލިބިވަޑައިގަތުމުގެ ހެޔޮޚަބަރު މާތް ﷲ މަލާއިކަތުން މެދުވެރިކުރައްވާ އިބްރާހީމްގެފާނުގެ ޢާއިލާ އަށް ދެއްވިއެވެ. މިކަމުގެ ވާހަކަ ހޫދު ސޫރަތުގެ 71 ވަނަ އާޔަތުގައި ވެއެވެ:
وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ
މާނައީ: "އަދި އެކަލޭގެފާނުގެ (އިބްރާހީމްގެފާނުގެ) އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެމަލާއިކަތްބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާއި، އިސްޙާޤުގެފާނުގެ ފަހަތްޕުޅުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ."
މިތަނުގައި އެކަމަނާ ގާތަށް ހިނިފުޅު އަތުވުމުން، އިސްޙާޤުގެފާނުންގެ ހެޔޮޚަބަރު ދެއްވިއެވެ. ކުރީން ދެންނެވި ފަދައިން، "އިސްޙާޤު" މިބަހުގެ މާނައީ ވެސް "ހިނިއައުން" އެވެ. އެއަށް ފަހު، އިސްޙާޤުގެފާނުގެ ފަހަތްޕުޅުން ޔަޢުޤޫބުގެފާނު އުފަންވެވަޑައިގަންނަވާނޭ ކަމުގެ ޚަބަރު ދެއްވިއެވެ. "ޔަޢުޤޫބު" މިނަމުގެ މާނައީ ވެސް "ފަހަތް" މިއެވެ. ވީމާ، މިއާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ފަދައެވެ: "އެކަމަނާ ހިނިތުންވުމުން، ހިނިތުންވުމުގެ ހެޔޮ ޚަބަރު ދެއްވީމެވެ. އަދި ހިނިތުންވުމުގެ ފަހަތުން، ފަހަތުގެ ހެޔޮ ޚަބަރު ދެއްވީމެވެ." މިއާޔަތުގައި ލަފުޡާއި މާނަ ގުޅުވާލެވިފައިވާ ގޮތް ކިހާ ރިވެތި ތޯއެވެ.
- ސަލާމްލެއްވި އިސްރާއީލުގެފާނު
"އިސްރާއީލް" އަކީ ޔަޢުޤޫބުގެފާނުގެ އަނެއް ނަންފުޅެވެ. "އިސްރާއީލް" މިލަފިޡަކީ ޢިބުރީ ބަހުން އޭގެ ސީދާ މާނައާ މެދު ދެބަސްވުމެއް އޮތް ނަމަވެސް، އޭގައި "އީލް" ނުވަތަ "ﷲ"ގެ ނަންފުޅު ހިމެނިފައިވާ ލަފުޡެކެވެ. ވީމާ، ކީރިތި ޤުރުއާނުގައި ބަނީ އިސްރާއީލުގެ މީހުންނަށް ވަޢުޡު އިއްވެވުމުގައްޔާއި، ވަޢީދުގެ ބަސްފުޅުތަކުގައި މުޅީން ވެސް ވަޙީކުރައްވަނީ "އިސްރާއީލް" މިނަމެވެ. "ޔަޢުޤޫބު" މިނަމެއް ނޫނެވެ. ސަބަބަކީ، "އިސްރާއީލް" މިނަމުގައި ޢިބުރީ ބަހުން ﷲގެ އިސްމުފުޅު ހިމެނިފައިވާތީ، އެނަމުން އެމީހުންނާ މުޚާޠަބުކުރެއްވުމުން، އެބައިމީހުންގެ މައްޗަށް އޮތް މާތް ﷲގެ ޙައްޤުތައް އިތުރަށް ހަނދުމަވެގެންދާނެއެވެ.
މިސަބަބަށްޓަކައި، ކީރިތި ޤުރުއާނުގައި ގިނަގިނައިން يا بني إسرائيل ވަޙީކުރައްވާފައިވެއެވެ. ނަމަވެސް، يا بني يعقوب ވަޙީ ނުކުރައްވަތެވެ. އެހެނަސް، "ޔަޢުޤޫބު" މިނަން ވަޙީ ކުރައްވަނީ ނަބީބޭކަލުންނަށް ޘަނާ ވަޙީކުރައްވާ އާޔަތްތަކުގައެވެ. އެއީ، އިސްވެދެންނެވުނު ފަދައިން، "ޔަޢުޤޫބު" ގެ މާނައީ "ފަހަތުން އައުން" ކަމުގައި ވާތީއެވެ. އެކަލޭގެފާނަކީ ކުރީގެ ނަބީބޭކަލުންނަށް ފަހު، އިސްޙާޤުގެފާނަށް ފަހު، ވަޑައިގަތް ބޭކަލަކަށް ވާތީއެވެ. والله أعلَم.
މިނަންތަކުގެ މާނައާއި ލަފުޡު މިފަދަ އާޔަތްތަކުގައި ލާމެހިފައިވާ މޮޅެތި އުސްލޫބުތައް ޢަރަބީންނަށް އެންމެ ފުރިހަމައަށް ނުއެނގުނަސް، އަހުލުކިތާބީންނަށް ވަރަށް ރަނގަޅަށް އެކަން ދޭހަވާނެއެވެ. މިފަދަ ކަންކަން ލައްވަވާފައިވަނީ އެމީހުންނަށް ކީރިތި ޤުރުއާނުގެ ޙައްޤުކަން ޘާބިތުކޮށްދެއްވުމަށްޓަކައެވެ.
އެހެނިހެން މިޘާލުތަކެއް:
- وَأُشْرِبُوا
މިއީ އަލްބަޤަރާ ސޫރަތުގެ 93 ވަނަ އާޔަތުގައިވާ ވަރަށް ޚާއްޞަ ލަފުޡެކެވެ. އެއާޔަތުގައި ވެއެވެ:
قَالُوا سَمِعْنَا وَعَصَيْنَا وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ
މާނައީ: "އެއުރެން (ޔަހޫދީން) ދެންނެވޫއެވެ. 'ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ އަމުރުފުޅަށް) އުރެދިއްޖައީމުއެވެ.' އަދި އެއުރެންގެ ކާފިރުކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ."
މިތަނުގައި ވަރުގަދައަށް ހިފުމަށް އިސްތިޢުމާލު ކުރައްވާފައިވާ ލަފުޡަކީ "وَأُشرِبُوا" އެވެ. މިލަފުޡު ނެގިފައިވާ ލަފުޡަކީ "ޝަރިބަ" މާނައީ: "އެއްޗެއް ބުއިން" މިއެވެ. މިއާޔަތުގައި، މީހަކު އެއްޗެއް ބޯލީމާ ހަށިގަނޑު ތެރެއަށް ވަންނަ ފަދައިން، އެއުރެންގެ ހިތްތަކަށް ކުފުރުގެ ލޯބި ވަދެފައިވާ ކަމަށް ވަނީ މަޖާޒީ ގޮތުން ޞިފަކުރައްވާފައެވެ.
ނަމަވެސް ޙައިރާން ކުރަނިވި ކަމަކީ، އަދާހަމައަށް ވެސް ޔަހޫދީންގެ ފޮތްތަކުގައި އޮތް ވާހަކައެކެވެ. ތަޙުރީފުވެފައިވާ އަދުގެ ތައުރާތުގެ އެގްޒޮޑަސް ފޮތުގެ 32 ވަނަ ބާބުގެ 20 ވަނަ ފޮޅުވަތުގެ މާނައިގައި ވެއެވެ: "ދެން، އެއުރެން އުފެއްދި ގެރި އެކަލޭގެފާނު (މޫސާގެފާނު) ހިއްޕަވައި، އަލިފާނުން އަންދަވައި، ހިމުންކޮށް މުގުރާލައްވައި، ފެންގަނޑު މައްޗަށް ބުރުއްސަވާލެއްވިއެވެ. އެއަށް ފަހު، ބަނީ އިސްރާއީލުގެ މީހުންނަށް އެފެން ބޯންދެއްވިއެވެ."
މިވާހަކައަކީ ސީދާ އިސްލާމީ ޙަދީޘްތަކުގައި ބަޔާން ވެގެންވާ ވާހަކައަކަށް ނުވިޔަސް، މިވާހަކައާއި ޤުރުއާނުގެ އާޔަތުގައިވާ "وَأُشْرِبُوا" މިކަލިމައާ ދެމެދު ވާ ބަހަވީ ގުޅުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މިވާހަކަ ބައެއް ތަފްސީރު ފޮތްފޮތުގައި ވެސް ނަންގަނެވިފައިވެއެވެ.
- قَالُوا سَمِعنَا وَعَصينَا
މިއީ ހަމަ އިސްވެދެންނެވުނު އާޔަތުގައިވާ ބަސްފުޅެކެވެ. މާނައީ: "އެއުރެން (ޔަހޫދީން) ދެންނެވޫއެވެ: 'ތިމަންމެން (ތިޔަ އަމުރުފުޅު) އަޑު އަހައި، އަދި (އަމުރުފުޅަށް) އުރެދިއްޖައީމުއެވެ."
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ޢަރަބި ބަހުގައި "عَصينَا" ގެ މާނައަކީ "އުރެދުން" ކަމުގައި ވީ ނަމަވެސް، ޢިބުރީ ބަހުގައި ހަމަ މިއަކުރު ތަކުން ދޭހަވާ މާނައަކީ "ކިޔަމަންތެރިވުން" މިއެވެ. މުޅިން އިދިކޮޅު މާނައެކެވެ.
ތަޙުރީފުވެފައިވާ ތައުރާތުގެ ޑިޔުޓްރޮނޮމީގެ 5 ވަނަ ބާބުގެ 27 ވަނަ ފޮޅުވަތުގައި ވެއެވެ: "ވަސަމަޢްނޫ، ވަޢަޞީނޫ"
ޢިބުރީ ބަހުން މިޢިބާރާތުގެ މާނައީ: "ތިމަން މެން އަޑުއަހައި، ކިޔަމަންތެރިވަމެވެ."
ނަމަވެސް ޙަޤީޤަތުގައި، ޔަހޫދީން މިބަސް ބުނުމަށް ފަހުގައި ވެސް ނުކިޔަމަންތެރިވިއެވެ. ވީމާ، ޤުރުއާނުގައި ވާ ޢިބާރާތުގައި ޢަރަބި ބަހުން ވާ "عَصينَا" ގައި ދެމާނަ އެކުލެވިގެންވާ ފަދައެވެ. ޢިބުރީ ބަހުގައި މީގެ މާނައަކީ "ކިޔަމަންތެރިކަން" ކަމުގައި ވީ ނަމަވެސް، ޔަހޫދީންގެ ހިތްތަކުގައި ކިޔަމަންތެރި ކަމުގެ ނިޔަތެއް ނެތެވެ. އެހެނަސް، އޮތީ، އުރެދުމުގެ ނިޔަތެވެ. ވީމާ، އެއުރެން ބުނި ބަހާ އަޑުގެ ގޮތުން އެއްގޮތް، ނަމަވެސް މާނައިގެ ގޮތުން އިދިކޮޅު ލަފުޡެއް ކީރިތި ޤުރުއާނުގައި ވަނީ ބޭނުންކުރައްވާފައެވެ.
ކީރިތި މާތް ރަސޫލުﷲ صلى الله عليه وسلم އަކީ ލިޔުއްވައި ކިޔުއްވައި އުޅުއްވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ޢިބުރީ ބަސް ދަސްކުރެއްވި ބޭކަލެއް ވެސް ނޫނެވެ. އިސްވެދިޔަ އާޔަތްތަކުން ފެނިގެން ދިޔަ މޮޅެތި ލަފުޡީ އިސްތިޢުމާލަކީ ކަނޑައެޅިގެން އިލާހީ މުޢުޖިޒާތެއް ކަން ކަށަވަރެވެ.
ކީރިތި ޤުރުއާނުގެ ޚާއްޞަ މުޢުޖިޒާތްތަކުގެ ތެރެއިން އިތުރު އެހެން ނަޡަރިއްޔާތަކެއް ކުރިއަށް އޮތް ބައިތަކުގައި ހުށަހެޅުމަށް އުންމީދުކުރާ ޙާލު މިލިޔުން ކުރުކޮށްލަމެވެ. والحمدُ لله، والصلاة والسلام على سيدنا رسول الله وعلى آله وأصحابه أجمعين.