ދުނިޔެ

ރިޕޯޓަރަކު ހިމެނޭހެން އަލްޖަޒީރާގެ ފަސް މުވައްޒަފަކު އިޒްރޭލުން ޝަހީދުކޮށްލައިފި

ރިޕޯޓަރަކު ހިމެނޭހެން އަލްޖަޒީރާގެ ފަސް މުވައްޒަފަކު އިޒްރޭލުން ޝަހީދުކޮށްލައިފި

އަލް ޖަޒީރާގެ ރިޕޯޓަރު އަނަސް އަލް-ޝާރިފް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޯގަސްޓު 2025، 07:43

11 އޯގަސްޓު 2025، 07:43

އަލް ޖަޒީރާގެ ރިޕޯޓަރަކު ހިމެނޭހެން އެ ޗެނަލްގެ ފަސް މުވައްޒަފަކު އިޒްރޭލުން ގަސްތުގައި ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ. އަލް ޖަޒީރާގެ ރިޕޯޓަރުގެ އިތުރުން، މި ހަމަލާގައި ދެން ޝަހީދުވެފައި ވަނީ އެ ޗެނަލްގެ ކަރަސްޕޮންޑަންޓަކާއި 3 ކެމެރާމަނުންނެވެ.

މި ހަމަލާގައި ޝަހީދުވެފައި ވަނީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އަލް-ޝާރިފް އާއި ކަރަސްޕޮންޑަންޓް މުޙައްމަދު ޣުރައިގާ އާއި ކެމެރާ މަނުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އިބްރާޙިމް ޒާޙިރު، މުޙައްމަދު ނައުފަލް އަދި މޫމިން އަލިވާއެވެ. 

އަލްޖަޒީރާގެ މި މުވައްޒަފުން ޝަހީދުކޮށްލީ، ޣައްޒާ ސިޓީގެ ހޮސްޕިޓަލެއްގެ މައި ގޭޓު ބޭރުގައި ނޫސްވެރިންނަށް ޙާއްސަކޮށްގެން ހަދާފައި ހުންނަ ޓެންޓަކަށް ދިން ހަމަލާއެއްގައެވެ. 

ހަމަލާއަށްފަހު އިސްރޭލުން ވަނީ މި ހަމަލާ ދިން ކަމަށާއި މިއީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އަލް ޝާރިފަށް އަމާޒުކުރި ހަމަލާއެއް ކަމަށް އެއްބަސްވެ ބަޔާނެއް ނެރެފައެވެ. އިސްރާއިލުން ނެރުނު ބަޔާނުގައި ބުނީ، އުމުރުން 28 އަހަރުގެ އަލް-ޝާރިފްއަކީ ހަމާސްއާ ގުޅިގެން މަސައްކަތްކުރާ "ޓެރަރިސްޓެއް" ކަމަށެވެ.

"މީގެ އިރުކޮޅެއް ކުރިން ޣައްޒާ ސިޓީގައި އައިޑީއެފް [އިޒްރޭލު ސިފައިން] އިން ވަނީ އަލް ޖަޒީރާ ނެޓްވޯކުގައި ނޫސްވެރިއެއް ކަމަށް ހެދިގެން އުޅުނު ޓެރަރިސްޓު އަނަސް އަލް ޝަރީފަށް ހަމަލާ ދީފައި،" ޓެލެގްރާމްގައި އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކުރި ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އަނަސް އަލް-ޝާރިފްއަކީ ހަމާސްގެ ސެލްއެއްގެ ލީޑަރު ކަމަށާއި އިޒްރޭލުގެ އާންމުންނާއި ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިނުމުގައި އޭނާގެ ބައިވެރިވުން އޮންނަ ކަމަށެވެ.



ނަމަވެސް ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރ، މުޙައްމަދު ޝެހެދާ ބުނީ، އިސްރާއީލުގެ އެ ބުނުމުގައި އެއްވެސް ހަޤީޤަތެއް ނެތް ކަމަށާއި، އެމީހުންގެ އަތުގައި އެއްވެސް ހެއްކެއް ވެސް ނެތްކަމަށެވެ. އަދި އޭނާ މުޅި ދުވަހު ވެސް މަސައްކަތް ކުރަމުން ދަނީ ކެމެރާގެ ކުރިމަތީގައި ކަމުން، ހަމާސްއާ ގުޅިގެން އިސްރާއީލުން އެ ބުނާ އެއްވެސްކަމެއް ކުރާނެ ވަގުތެއް އޭނާގެ ނޯންނާނެ ކަމަށެވެ. 

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، މިއީ ފަލަސްތީނުގެ ހާލަތު ގެނަސް ދިނުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ބިރުދެއްކުމަށް އިސްރާއީލު ސިފައިން ހިންގި ޖަރީމާއެކެވެ. އަދި އެމީހުންގެ ބޭނުމަކީ ފަލަސްތީނުގެ ހާލަތާއި އެ މީހުންގެ ރުއިމާއި ކެކުޅުމުގެ އަޑު ގެނަސްދިނުން ހުއްޓުވުން ކަމުގައި ފާހަގަކުރެއެވެ.

މި ހަނގުރާމަ ފެށިގެން މިއަދާ ހަމައަށް 200އަށް ވުރެ ގިނަ ނޫސްވެރިން ވަނީ އިސްރޭއީލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ. މީގެތެރޭގައި އަލްޖަޒީރާގެ ގިނަ ރިޕޯޓަރުންނާއި އެ މީހުންގެ އާއިލާ މެންބަރުން ހިމެނޭކަމަށް އެ ޗެނަލުން ވަނީ ރިޕޯޓުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން