ދީން
ހިތްތަކަށް ހަމަޖެހުން ލިބިގަތުމަށް ނަމާދުގެ ސިއްރު!

ނަމާދުކުރަނީ/ފޮޓޯ: ގުރްއާން ހޯސްޓް
ހިތްތަކަށް ހަމަޖެހުން ހޯދުމަކީ ކޮންމެ އިންސާނެއްގެ ވެސް އެންމެ ބޮޑު އެދުމެވެ. ދުނިޔޭގެ ދިރިއުޅުމުގެ ފިއްތުންތަކާއި މުޞީބާތްތަކުގެ ތެރެއިން މި ހަމަޖެހުން ހޯދަން ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް، ހަޤީޤީ ހަމަޖެހުން ލިބިގަންނާނެ އެންމެ މަތިވެރި މަގަކީ ނަމާދެވެ. މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ މި އަޅުކަމަކީ، ހަށިގަނޑާއި ރޫޙު އަދި ސިކުނޑީގެ ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ވަޞީލަތެވެ.
ނަމާދަކީ އަޅަކާއި އޭނާގެ ރައްބާ ދެމެދު ޤާއިމުވާ ވަރުގަދަ ގުޅުމެކެވެ. ނަމާދުކުރުމަށްޓަކައި ޤިޔާމުކޮށް، ރުކޫޢުކޮށް، ސުޖޫދުކުރާ ކޮންމެ ފަހަރަކު އަޅުވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް އަމިއްލަ ނަފްސު ވަކީލުކޮށްފައެވެ. މިގޮތުން، އެންމެހައި ކަންކަން އެފަރާތަށް ދޫކޮށްލުމުން، ހިތަށް ބޮޑު ހަމަޖެހުމެއް ލިބެއެވެ. ﷲގެ ރަޙުމަތްފުޅުގައި ތިމާ ވާކަން އިޙްސާސްވުމުން، ހިތްތަކަށް ހިތްހަމަޖެހުން ލިބެއެވެ.
ހަމަ މިއާއެކު، ދުނިޔޭގެ ކަންކަމާ ކުރިމަތިލާން ޖެހުމުން ނުތަނަވަސްކަމާއި ފިކުރުބޮޑުވުމަކީ އާންމު ކަންކަމައް ވީއިރު، ނަމާދަކީ މި ފިކުރުތަކުން މިންޖުކޮށްދޭ ފަސްދާނައެކެވެ. ދުވާލަކު ފަސް ފަހަރު ނަމާދަށް ތެދުވުމަކީ ދުނިޔޭގެ ކަންކަމުން ވަކިވެ، ﷲގެ ޛިކުރުގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތެކެވެ. މިގޮތުން، ނަމާދުކުރުމަށްފަހު ހިތަށް ލުއިކަމެއް ލިބި، ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދަން އައު ރޫހެއް ލިބެއެވެ.
ނަމާދަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގައި އަޚްލާޤީ އަދި ނަފްސާނީ ތަރުބިއްޔަތެއް ވެސް މެއެވެ. ވަކި ވަގުތުތަކެއްގައި ނަމާދުކުރުމަކީ ތަރުތީބު ރަނގަޅުކޮށް، ވަގުތުގެ ބޭނުން ހިފަން ދަސްކޮށްދޭ ކަމެކެވެ. ނަމާދަށް ޤަސްތުކޮށް، ހުޝޫޢަތްތެރިކަމާއެކު ނަމާދުކުރާއިރު، ހިތް ހަމަޖެހި، ނަފްސަށް ހަމަޖެހުން ލިބެއެވެ. މީގެ ސަބަބުން ދިރިއުޅުމުގެ އެހެނިހެން ކަންކަމަށްވެސް ރަނގަޅު އަސަރެއް ފޯރައެވެ.
މީގެ އިތުރުން، ނަމާދު ބަރާބަރަށް އަދާކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގެ ބަރަކާތްތައް ލިބޭނެއެވެ. ބަރަކާތަކީ ހިތްހަމަޖެހުމާއި ގުޅިފައިވާ ކަމެކެވެ. މާތްﷲ ގެ ބަރަކާތް ލިބޭ މީހަކަށް ދިރިއުޅުމުގެ ކަންކަމުގައި ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސްކުރެވޭނެއެވެ. ނަމާދަކީ މުސީބާތްތަކުންނާއި ނުރައްކާތެރި ކަންކަމުން ރައްކާތެރިކަން ލިބިދޭނެ ވަސީލަތެކެވެ. މިގޮތުން، އަމާންކަމާއި ސަލާމަތްތެރިކަން އިޙްސާސްވުމުން ނަފްސަށް ހަމަޖެހުން ލިބެއެވެ.
އަހަރުމެން އެންމެން ވެސް ޤަބޫލުކުރަންޖެހޭ ކަމަކީ، ހިތުގެ ހަމަޖެހުމަކީ ދުނިޔޭގެ މުދަލުންނާއި ވަގުތީ އުފަލުން ލިބޭނެ އެއްޗެއް ނޫން ކަމެވެ. އެއީ ﷲއަށް ކިޔަމަންވުމުންނާއި އެއިލާހަށް ޛިކުރުކުރުމުން ލިބޭ ނިޢުމަތެއް ކަމެވެ. ނަމާދަކީ އެ ނިޢުމަތް ލިބިގަތުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ރަނގަޅު ފުރުޞަތެކެވެ. އެހެންކަމުން، ހިތްތަކަށް ހަމަޖެހުން ހޯދައި، ދިރިއުޅުން އާރާސްތުކުރުމަށްޓަކައި ނަމާދު ބަރާބަރަށް އަދާކުރަން ޖެހެއެވެ.